‏އިސްލާމީ މިންގަނޑުން ބޭރުވެ، ޖެއްސުމާއި ފުރައްސާރައަށްވާ ގޮތަށް ޢީދު ދުވަސް ފާހަގަކުރާ ކުރުން ހުއްޓުވާން ޖެހޭކަމަށް އައްޝައިހް ޝަފީއު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ޝަފީއު މިހެން ވިދާޅުވީ ހދ. ކުޅުދުއްފުށީގައި މިފަހަރު ކުރިއަށް ގެންދިޔަ މަށި މާލި ޕެރޭޑްގައި ބައެއް މީހުންނަށް ފުރައްސާރަކޮށް މާލިތަކެއް ނެރުނު މައްސަލަ ހޫނުވެފައި ވަނިކޮށެވެ. މިފަހުން މަށިމާލި ޕެރޭޑް ކޮންމެ އަހަރަކުވެސް އެރަށުގައި ކުރިއަށް ގެންދަނީ މިފަދަ ގޮތަކަށެވެ.

ކުޅުދުއްފުށީ މަށި މާލި ޕެރޭޑްގައި ދީނީ ބައެއް ޢިލްމުވެރީންނަށް ޖޯކު ޖެހުމާއި ހަށިގަނޑުގެ ވަނާތައް ފައުޅުވާ ގޮތަށް ހެދުން އަޅައިގެން މާލިތަކެއް ވަނީ ނެރެފައެވެ. އެކަމަށް އިޝާރަތް ކުރައްވައި އައްޝައިހް ޝަފީއު އަބުދުﷲ ވިދާޅުވީ‏ އިސްލާމީ މިންގަނޑުން ބޭރުވެ، ޖެއްސުމާއި ފުރައްސާރައަށްވާ ގޮތަށް ޢީދު ދުވަސް ފާހަގަކުރާ ކުރުން ހުއްޓުވާން ޖެހޭ ކަމަށާއި އެކަމާއި ދެކޮޅަށް ރަށްރަށުގެ ހެޔޮ ލަފާ މީހުން ވެސް ތެދުވަންޖެހޭ ކަމަށެވެ.



ޢީދަކީ މާތް ޝިޢާރެއް ކަމަށާއި، އެ ދުވަސް ފާހަގަކުރާންވާނީ އިސްލާމީ އަޚްލާޤިއްޔާތަށް ފެތޭ ގޮތަށް ކަމަށް ޝެއިހް ޝަފީއު ވިދާޅުވިއެވެ. ޝެއިހް ޝަފީއު ވަނީ ‏މި ޤައުމުގައި އެއްވެސް ހިފެހެއްޓުމެއް އެބަ އޮތްތޯ އާއި އަޚްލާޤޭ ކިޔާ އެއްޗެއް އެބަ އޮތްތޯ ސުވާ ކުރަށްވާފައެވެ. އަދި ކަމާބެހޭ ފަރާތްތަކެއް އެބަ ތިބިތޯ އާއި ޤާނޫނެއް އެބަ އޮތްތޯ އާއި އާންމު އިޖުތިމާޢީ މިންގަނޑެއް އެބަ އޮތްތޯ ވެސް ޝެއިހް ސުވާލު ކުރެއްވިއެވެ.

"ޢީދުގެ ޝިޢާރު ވެސް އަޚްލާޤީ މިންގަނޑުން ކަޓައި ފަސާދަވެ ފާޙިޝްވެ ނަޖިސް ކޮށްފިއެވެ." ޝެއިހް ޝަފީއު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ވަނީ މަށި މާލި ޕެރޭޑުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް ކުރިން ފާހަގަކޮށް އެކަން އާންމުކޮށް އިއުލާންވެސް ކޮށްފައެވެ. އޭގެ ތެރޭގައި ޕެރޭޑުގައި ބައިވެރިކުރެވޭނީ އިސްލާމް ދީނާ ފުށުނާރާ މާލިތައް ކަމާއި ޢާއްމު އިޖުތިމާއީ މިންގަނޑާ އެއްގޮތަށް މާލިތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް ކައުންސިލުން ވަނީ އަންގާފައެވެ. އެހެން ނަމަވެސް އެކަން ކަމަށް ނުބަލައި މާލި ތަކެއް ނެރުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު