މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 77 ފަރާތަކަށް ދަޢުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ހާމަކޮށްފިއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތްމީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަކީ ދަޢުލަތުގެ ޒިންމާއެކެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ވޭތުވެދިޔަ 6 މަސް ދުވަހުގެ ތެރޭގައި، ދަޢުލަތުން 109 މައްސަލައެއްގައި ޝާމިލުވާ 77 މީހަކަށް ދައުލަތުނާ ވަކީލުން ހަމަޖައްސާދީފައިވާކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދަޢުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮށް ދީފައިވަނީ ކުޑަކުދިންނަށްކަމަށާއި އެގޮތުން ޖިނާއީ އެކި މައްސަލަ ތަކުގައި 40 ކުއްޖަކަށް ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.



ބަންޑާރަ ނައިބުގެ އޮފީހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 40 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 15 މީހަކަށާއި، 31-50 އަހަރުގެ 18 މީހަކަށާއި، 51 އަހަރުން މަތީގެ 4 މީހަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ދަޢުލަތުގެ ފަރާތުން ޤާނޫނީ ވަކީލުން ހަމަޖެއްސި ކުޑަކުދިންނަށް ތުހުމަތުކުރެވޭ ކުށްތަކުގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި 18 އަހަރުން މަތީގެ މީހުން ޝާމިލުވާ ކުށްތަކުގެ ތެރެއިންވެސް ދަޢުލަތުގެ ފަރާތުން އެންމެ ގިނައިން ޤާނޫނީ ވަކީލުން ހަމަޖައްސައިދީފައިވަނީ މަސްތުވާތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައެވެ. އެފަދަ 31 މައްސަލައަކަށް ވަކީލުން ހަމަޖައްސާފައިވެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި 16 ބިދޭސީއަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު