ޖަރުމަނުވިލާތުގެ މަޝްހޫރު މެގަޒިން، ކޮނޮސުއަރ ސާކަލާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ ކެމްޕެއިނެއް ފަށައިފިއެވެ.

ކޮނޮސުއަރ ސާކަލަކީ ލަގްޒަރީ ހޮޓެލްތަކާއި ޑެސްޓިނޭޝަންތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތާއި ކޮންޓެެންޓް ހިމަނައިގެން ޖަރުމަނުވިލާތާއި އޮސްޓްރިޔާ އަދި ސްވިޒަލޭންޑްގެ މަތީ ފަންތީގެެ ފަތުރުވެރިންނަށް އަމާޒުކޮށް ޝާއިޢުކުރާ މެގަޒިނެކެވެ. ހަމަސް ދުވަހުގެ މި ކެމްޕެއިން ކުރިއަށްދާނީ މި އަހަރު ޖުލައި މަހުން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ.

އެމްއެމްޕީއާރުސީން ބުނީ އެ އިދާރާގެ އަމާޒަކީ މަތީފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށް ދިވެހިރާއްޖޭގެ ރީތިނަން މި މާކެޓުގައި ދަމަހައްޓައި ރާއްޖޭ މަގުބޫލުކަން އިތުރުކޮށް ޖަރުމަނު ބަހުން ރާއްޖެއާ ބެހޭ ކޮންޓެންޓް ޝާއިޢުކުރުން ކަމަށެވެ.

މި ކެމްޕެއިންގައި ދިވެހިރާއްޖެއަކީ އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު މަންޒިލްގެ ގޮތުގައި އޮންލައިން އަދި އޮފްލައިން އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރުކުރާނެއެވެ. ހަ މަސް ދުވަހަށް ބަހާލައިގެން ކުރިއަށްދާ މި ކެމްޕެއިންގައި ކޮނޮސުއަރ ސާކަލް ޕްރިންޓް މެގަޒިންގައި އެޑްވަރޓޯރިއަލް، އީ-މެގަޒިންގައި އެޑިޓޯރިއަލް، ސޯޝަލް މީޑިއާގައި ވީޑިއޯ އާއި ޕޯސްޓް، ވެބްސައިޓުގައި ބެނަރ ޑިސްޕްލޭ އަދި ނިއުސްލެޓަރ ތަކުގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެއެވެ.

މި ކޮންޓެންޓްތަކުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ޕްްރޮޑަކްޓްތަކާއި ހާއްސަ ތަޖުރިބާތަކަށް އަލިއަޅުވާލާނެއެވެ. އަދި ޖަރުމަނުވިލާތުގެ މާކެޓަށް ކަނޑައަޅާފައިވާ ސްޓްރެޓެޖީގެ ދަށުން ނޭޗަރ އެކްޓިވިޓީތަކަށް ފޯކަސް ކުރެވޭނެއެވެ.

މި އަހަރު ޖޫން 29 ގެ ނިޔަލަށް ޖުމްލަ 809,603 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު އޭގެ ތެރެއިން 67,608 ފަތުރުވެރިންނަކީ ޖަރުމަނުވިލާގެ ފަތުރުވެރިންނެވެ. މިއަހަރު މި މާކެޓުގައި ކުރިއަށްދިޔަ ބޮޑެތި ފެއަރތަކުގައި އެމްއެމްޕީއާރުސީއިން ވަނީ ބައިވެރިވެފައެވެ. އައިމެކްސް 2022, އައިއެމްއެމް ޖާމަނީ, އަދި އައިޓީބީ ޑިޖިޓަލް ބިޒްނަސް ޑޭ ފަދަ ބޮޑެތި ފެއަރތައް މީގެތެރޭގައި ހިމެނެއެވެ. މީގެ އިތުރުން، ޓީޔޫއައި އޮސްޓްރިޔާ, ޓީއޫއައި ޖާމަނީ, ކޮންޑޯ އަދި އެފްޓީއައި ފަދަ ބޮޑެތި ކުންފުނިތަކާ ގުޅިގެން ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕެއިންތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

މި އަހަރު ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި މީޑިޔާ އަދި އިންފްލުއެންސަރ ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ސޯސަލް މީޑިޔާ ކެމްޕެއިންތަކާއި ތަމްރީންކުރުމުގެ ޕްރޮގްރާމްތައް, އަދި ޖަރުމަނުވިލާތުގައި ރޯޑްޝޯއެއް ބޭއްވުން ހިމެނޭ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު