ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކޯވިޑްގެ ސަބަބުން ލިބުނު ގެއްލުމުން އަރައިގަތުމަށް އީޔޫއިން ފޯރުކޮށްދިން އެހީގެ ދަށުން މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކި ވިޔަފާރިތަކަށް ދޫކޮށްފިއެވެ.

އީޔޫއިން ވަނީ 2 މިލިއަން ޔޫރޯގެ އެހީގެ ޕެކޭޖެއް ރާއްޖެއަށް ދީފައެވެ. މިއީ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް އެހީވުމުގެ މަޤުޞަދުގައި ދިން އެހީއެކެވެ. އަދި މި އެހީ ދޫކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި ވިޔަފާރިތަކަށާއި މެދުފަންތީގެ ވިޔަފާރީތަކަށެވެ. އެއީ ގެސްޓްހައުސްތަކާއި ސަފާރީތަކެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އެހީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުންނެވެ. އަދި އަންނަ އޮގަސްޓްމަހުގެ 31 އަށް ވަނަ ދުވަހާއި ހަމައަށް އެހީއަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.



މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އެހީގެ ދަށުން މިހާތަނަށް 13،078،540 (ތޭރަ މިލިއަން ހަތްދިހަ އަށްހާސް ފަސް ސަތޭކަ ސާޅީސް) ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. އެއީ ޖުމްލަ 286 ގެސްޓްހައުސްއަކާއި 59 ސަފާރީއަކަށް ދޫކޮށްފައިވާ އެހީއެވެ.

މި އެހީއަށް އެދި ހުށަހެޅުއްވުމުގެ މަރުހަލާ އެމް.އެފް.އެމް.ސީގެ ފަރާތުން ވަނީ ވަރަށްވެސް ބޮޑަށް ފަސޭހަކޮށްދީފައެވެ. އެޕްލިކޭޝަނާއެކު ހުށައަޅަން ޖެހޭނީ ހަމައެކަނި ގެސްޓްހައުސް ހިންގުމުގެ ލައިސެންސުގެ އިތުރުން އެއް މަސް ދުވަހުގެ ދިވެހި ރުފިޔާ އެކައުންޓުގެ ބޭންކު ސްޓޭޓްމަންޓެވެ. އަދި މަޢުލޫމާތު ފުރިހަމަ އެޕްލިކޭޝަންތަކަށް 14 ދުވަހުގެ ތެރޭގައި ފައިސާ ޖަމާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު