އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރު ލިބޭ ކަމަށް ވިދާޅުވެ އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރަތް ރާއްޖޭގައި ބޭއްވުން ހުއްޓާލުމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ.މުހައްމަދު އިޔާޒް ގޮވާލައްވައިފިއެވެ.

‏އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. އޭޝިއާ ބައްރުގެ 26 ގަައުމަކުން 500 އަށްވުރެ ގިނަ ބައިވެރިން މި މުބާރާތުގައި ވާދަަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ ބޮޑީބިލްޑިން މުބާރާތެވެ.

އެކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމްވެރިޔާ ޑރ.މުހައްމަދު އިޔާޒް ވަނީ ‏ޤައުމުގައި އެއްޖިންސުން ގުޅުން ހިންގުމާއި ފާޙިޝް ޢަމަލުތައް ޢާއްމުވެފައިވާ ވަގުތެއްގައި އަނެއްކާވެސް އެފަދަ ކަންކަމަށް ހިތްވަރުލިބޭގޮތަށް ދެޖިންސުގެ މީހުން ވަނާތައް ފާޅުކޮށް އިތުރު ގެއްލުން ޤައުމާއި ރަޢްޔިތުންނަށް ލިބޭފަދަ ކަންތައް ނުކުރުމަށް ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.



ބޮޑީ ބިލްޑިންގެ ނަމުގައި އެ މުބާރަތް ރާއްޖޭގައި ބާއްވަނީ މީގެ ކުރިން ބޭއްވި ވަރަށް ވުރެ އެތައް ގުނައެއް ގޯސްކޮށް މީހުން ދިރިއުޅޭ ރަށެއްގައި ކަމަށާއި އެކަން ހުއްޓާލުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޑރ. އިޔާޒް ވަނީ ގޮވާލައްވާ ފައެވެ.

"ދެންވެސް ވިދާޅުވާނީ މި އޮތް ހުރިހާ ދުވަހު ޝެއިހުން ކޮބާތޯ ދެން މިކަން ކުރީ ފަސް ނަމާދު ކޮށްގެންނޭތޯ،" ޔޯގާ ހަރަކާތަށް ދިޔައީ ފަތިސް ނަމާދު ކޮށްގެން ކަމަށް ވިދާޅުވެ މިނިސްޓަރު މަހުލޫފް ދެއްކެވި ވާހަކައަށް ރައްދު ދެއްވައި މަލާމާތުގެ ރާގެއްގައި ޑރ. އިޔާޒް ވިދާޅުވިއެވެ.

ރާއްޖެއިން މި މުބާރާތުގައި 20 އެތުލީޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ރާއްޖެއަށް މީގެކުރިން މެޑެލް ހާސިލުކޮށްދިން އެތުލީޓުންނާއި އަލަށް ބައިނަލްއަގުވާމީ މުބާރާތެއްގައި ވާދަކުރާ އެތުލީޓުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު