ކުޑަކުދިންނަށް ފައިސާގެ މުއާމަލާތްތައް ދަސްކޮށްދިނުން ވަރަށް މުހިއްމު ކަމަށް ޕްރޮފެސަރ ހަސަން އުގެއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ޕްރޮފެސަރ ހަސަން އުގެއިލް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ކުޑަކުދިންނަށް ދުނިޔެވީ ކަންކަމާއި ގުޅިގެން ހިނގާ ހަރަދުބަރަދާއި ފައިސާގެ މުއާމަލާތްތައް ދަސްކޮށްދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން، ކުޑައިރު މިކަމަށް ކުއްޖާ ލޯހުޅުވިއްޖެނަމަ ފައިސާއަށް ރައްކާތެރިވުމާއި އެބެލެހެއްޓުމުގެ މުހިއްމު ހުނަރުތައް ގައިގައި އަށަގަންނާނެ ކަން އުގެއިލް ފާހަގަކުރެއްވިއެވެ.

"ދަރަނިތަކުން ސަލާމަތްވެ ލިބޭ އެއްޗަކުން ދެކޮޅުޖައްސަން ދަސްވުމާއި ފަހަށް ފައިސާ ރައްކާކުރުމުގެ ރަނގަޅު އާދަ ގައިގަ ހަރުލާނެ. މާލީކަންތައްތަކާ ގުޅޭގޮތުން ބުއްދިވެރި ނިންމުންތައް ނިންމަން ދަސްވާނެ." ކުދިންނަށް ފައިސާގެ މުއާމަލާތް ދަސްކޮށްދިމުގެ މުހިންމު ކަމަށް ހާމަކުރައްވަމުން އުގެއިލް ވިދާޅުވި އެވެ.

މީގެއިތުރުން އެފަދަ ކަންކަން ދަސްވުމަކީ ބޮޑުވެގެން މާލީގޮތުން ޒިންމާދާރު އުފާވެރި ދިރިއުޅުމެއްގައި ދެމި ހުންނަ މީހަކަށް ވުމަށް ކުއްޖާއަށް އަޅާދެވޭ ފުރިހަމަ ބިންގަލަކަށް ވާނެ ކަމަށްވެސް އުގެއިލް ވިދާޅުވި އެވެ.

އުގެއިލް މިހެން ވިދާޅުވެފައިވާއިރު ރާއްޖޭގެ ދަރަނި ވެސް ބޮޑުވެ، އިގުތިސާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ޓެކްސްތައް ބޮޑުކުރަން ނިއްމައި ސަރުކާރުން ވަނީ އެކަން އިއުލާންކޮށްފައެެވެ. އެކަމާ ގުޅިގެން ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމަށްވާ ޓޫރިޒަމް ދާއިރާ ތަމްސީކުރާ ފަރާތްތަކުންނާއި އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު