ސިޓީ ކައުންސިލުން ބާއްވަމުން އަންނަ "ރައްޔިތުންގެ ބައްދަލުވުން" މިމަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ރައްޔިތުންގެ ބައްދަލުވުމަކީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލުން ބާއްވަމުން އަންނަ ބައްދަލުވުމެކެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ބައްދަލުވުން ވަނީ މާޗުމަހުގެ 24 ވަނަ ދުވަހު ބާއްވާފައެވެ.

މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މިއަހަރުގެ ދެވަނަ ބައްދަލުވުން މިމަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާކަމަށެވެ.



މޭޔަރ ވިދާޅުވީ ރައްޔިތުންގެ ބައްދަލުވުމުގެ މިއަހަރުގެ 2 ވަނަ ބަށްދަލުވުން އޮންނަނީ ލޮނުޒިޔާރަތް ޕާކުގައިކަމަށެވެ. މި ބައްދަލުވުމުގައި ވޭތުވި 6 މަހުގެ ރިޕޯޓް، ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލް، ބަޖެޓް ހުށަހެޅުން، އަދި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެހެނިހެން ކަންކަން ކުރިއަށްދާނެކަމަށް މޭޔަރ ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ރައްޔިތުންނަށް ވަނީ މިބައްދަލުވުމަށް ދައުވަތު އަރުވާފައެވެ.



ކައުންސިލްތަކުން އެ ކައުންސިލެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ޤާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭކަމަށް ލާމަރުކަޒީ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް ކޮވިޑާއިއެކު ޢަމަލުކުރަންފެށި ޙާލަތާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަކި ތާރީޚެއް އެލްޖީއޭއިން ކަނޑައަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު