ޔޯގާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް، މަޖިލީހުގެ ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ފާޑުވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ 17 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން މިއަދު ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދުވަނީ، ޔޯގާ ހެދުމާއި ކަސްރަތު ކުރުން ހަރާމް ކޮށްގެން ސަލާމަތުގެ އައްސޭރިއަށް ނުދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންނަކީ މިނިވަންކަމާއި އުފަލުގައި ދިރިއުޅެމުން އައި ބައެއް ކަމަށާއި އެހެން ނަމަވެސް މިއަދު ނިކުމެ ރާއްޖޭގައި ޔޯގާ ހެދުމަކީ ހަރާމް ކަމެކޭ، ކަސްރަތު ކުރުމަކީ އިސްލާމްދީނާއި ހިލާފު ކަމެއް ކަމަށް ބުނެ ވާހަކަ ދައްކައި، އާންމު ދިރިއުޅުމަށް ބުރޫއަރުވަން މަސައްކަތް ފަށައިފިނަމަ ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ގައުމުތައް ހަލާކުގެ އައްސޭރިއަށް ގޮސް އަދި ބާކީވެ އެކަހެރިވި މަންޒަރު ވެސް ފެނިވަޑައިގެންފައިވާ ކަމަށާއި ރާއްޖެ އެ ހާލަތަށް ދިޔުމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅާއި ގުޅިގެން އިސްމާޢީލް މިއަދު ވިދާޅުވީ، މި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫންކަމަށް ބުނި ޔޯގާއަކީ ކަސްރަތަކަށްވެފައި ލިވާތުކުރުން ޒާތީކަމަކަށްވީމާ ދެން ހޯދޭން ސަލާމަތުގެ އައްސޭރިއެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

"މި ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ހުއްދަ ނޫންކަމަށް ބުނި ޔޯގާ، ކަސްރަތަކަށްވެފަ، ލިވާތުކުރުން ޒާތީކަމަކަށްވީމަ ދެން ހޯދޭނެ ސަލާމަތުގެ އައްސޭރިއެއް ނުވިސްނުނު! ވެދާނެ އެވަރަށް ކިޔެވިފަ ނެތީކަމަށްވެސް! ނޫނީ އަދި މާ ޅައީކަމަށްވެސް! ވަރަށް ވެދުން!" އިސްމާޢީލް ވިދާޅުވެފައިވެއެވެ.



އިސްމާޢީލް މިފަދައިން ވިދާޅުވެފައިވާއިރު، މިހާރު މީސްމީޑިއާގައި ދައުރުވަމުންދާ، ބަދުއަހުލާގީ ވީޑިއޯތަކުގައި ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، މަޖިލިސް މެންބަރު އަނދުން ޙުސައިން ކަމަށް ތުހުމަތު ކުރެވޭ ބޭބޭފުޅުން ހިމެނެއެވެ. އެ މައްސަލާގައި އެ ފަދަ ފަރާތްތައް ހައްޔަރުކުރަން ގިނަބަޔަކު ގޮވަމުން ދަނިކޮށް މަޖިލީހުން މިއަދުވަނީ، މެންބަރުންގެ ޒާތީ ކަމަކާ ގުޅިގެން މެންބަރަކު ފުލުސް އޮފީހަށް ހާޒިރު ކުރާނަމަ ރައީސް ނަޝީދަށް އެކަމެއް އެންގުމަށް ފުލުހުންގެ އިދާރާގައި އެދިފައެވެ.

މީގެއިތުރުން ޔޯގާއަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫންކަމަށް، އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް އަންގާފައިވާ ސިޓީއާ މެދުވެސް ރައީސް ނަޝީދު މިއަދު ވަނީ ނުރުހުން ފާޅުކުރަށްވައި ފާޑުވިދާޅުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން