މޯލްޑިވްސް މީޑިއާ ކައުންސިލުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު 2022 ޖޫން 23 ވާ ބުރާސްފަތި ދުވަހުން ފެށިގެން ހުޅުވައިލާފައިވާކަމަށެވެ.

އިނާމު ދިނުމަށް ކަނޑައެޅިފައިވާ ކެޓަގަރީތަކަކީ ނޫސްމަޖައްލާ ކެޓަގަރީއާއި ބްރޯޑްކާސްޓިންގ ކެޓަގަރީއެވެ. އަދި އިނާމު ދިނުމަށް ކަނޑައެޅިފައިވާ ދާއިރާތަކަކީ ތަޙްޤީޤީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާޢީ، ސިޔާސީ، ޝަރުޢީ އަދި ޤާނޫނީ، ވިޔަފާރިއާއި އިޤުތިޞާދު، ކުޅިވަރު، ފޮޓޯ ޖާރނަލިޒަމް، ވީޑިއޯ ޖާރނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗަރ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާއެވެ.

މި އިނާމުތަކަށް ކުރިމަތިލާނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު، އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމަށް ނަން ހުށަހަޅާ ފޯމު މެދުވެރިކޮށެވެ.

މި ތިން ފޯމާއި، މާކުސް ދިނުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅާފައިވާ ޖަދުވަލުތަކާއެކު، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" މި އިޢުލާނާއެކު އާންމުކޮށްފައިވެއެވެ.

މި އިނާމުތަކަށް ކުރިމަތިލާ ފަރާތްތަކުން 2022 އޮގަސްޓް 11 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން، އިނާމަށް އެދި އެ ކައުންސިލަށް ފޯމު ހުށަހެޅުއްުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީޑިއާ ކައުންސިލުން ކޮންމެ އަހަރަކު ދޭ މި އިނާމު ދޭ އުސޫލުތަކާއި މެދު ހިތްހަމަ ނުޖެހިގެން ހުސްވި އަހަރު ވެސް ބައެއް މީޑިއާތަކުން ވަނީ ނޫސްވެރިކަމުގެ އިނާމު ބޮއިކޮޓްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު