ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ވިނަރެސް އެޕާޓްމަންޓްތައް ބަލާލުމަށާއި އެ ފުލެޓާއި ގުޅޭ އެކި މައުލޫމާތު ދިނުމުގެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ހައުންސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް ހުޅުވާލައިފިއެވެ.

އެ ކޯޕަރޭޝަނުން މިއަދު ބުނީ، ފްލެޓުތަކަށް ފައިސާ ދެއްކޭނެ ގޮތްތަކާގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި އަދި ފްލެޓްތައް ތަރައްގީ ކޮށްފައިވާ ގޮތް އާއްމުންނަށް ދައްކާލުމަށް، ވިނަރެސްއަށް ޒިޔާރަތްކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން، މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންނާއި އެޕާޓްމަންޓްތައް ބަލާލަން ބޭނުންވާ މީހުން އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ނަން ނޯޓް ކުރުމަށް މިހާރުވަނީ ހުޅުވާލާފައެވެ.

އެޗްޑީސީއިން ބުނީ މައުލޫމާތު ދިނުމަށް ބާއްވާ ސެޝަން އޮންނާނީ އޮންލައިންކޮށް ކަމަށާއި ނަމަވެސް، ސާމްޕަލް ފްލެޓް ބާލާލުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް ބޭނުންވާ ފަރާތްތަކުން ބޭނުންވާ ދުވަހާއި ގަޑި ޖެހުމަށްފަހު ޕޯޓަލް މެދުވެރިކޮށް ރެޖިސްޓްރީ ކުރުމަށް އެދޭ ކަމަށެވެ.

އެޕާޓްމަންޓްތައް ބަލާލުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޮގަސްޓްގެ ނިޔަލަށް ލިބޭނެކަމަށް އެޗްޑީސީން ބުނެއެވެ.

10 ޓަވަރު ތަރައްގީކޮށްފައިވާ ވިނަރެސް މަޝްރޫއުގައި 1،344 ފްލެޓު ހިމެނެއެވެ. މި މަޝްރޫއުގައި ހިމެނެނީ 902 އާއި 883 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ.



ކިޔުންތެރިންގެ ހިޔާލު