ޕްރޮސެކިއުޓަ ޖެނެރަލް ޙުސައިން ޝަމީމަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ނުހައްގު ދައުވާކުރާ ފަރާތެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ޕްރޮސެކިއުޝަން ފަސާދަވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް އަދި ރައީސް ޔާމީންގެ ގާނޫނީ ވަކީލު ޑރ. މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށްފަހު، ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުޙައްމަދު، އެމްއެމްޕީއާރުސީ ހިޔާނާތާއި ގުޅޭ އެންމެހާ މައްސަލަތަކުން ތަނާޒުލް ވެފައިވާ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކާއި ގުޅުވައިގެންނެވެ.

ޖަމީލް ވިދާޅުވީ، ޝަމީމަކީ ގާނޫނުއަސާސީއާއި ގާނޫނާ ހިލާފަށް ރައީސް ޔާމީނަށް ނުހައްގު ދައުވާކުރާ މީހެއްކަން މިހާރު ސާބިތުވެފައިވާ ކަމަށެވެ. އަދި މިހާރުގެ ޕީޖީ ޝަމީމަކީ، އެ މައްސަލައިގެ ހެކިންތަކަކަށް އިމްތިޔާޒު ދިންއިރު އެމީހުންގެ ވަކީލުކަމަށާއި، މިހާރު އޭނާ ގެންދަވަނީ އެހެކިން ބޭނުންކުރައްވައިގެން ސިޔާސީ ދައުވާތައް އުފުލަމުން ކަމަށްވެސް ޖަމީލު ތުހުމަތު ކުރެއްވިއެވެ.

"ޕީޖީ ޝަމީމަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ރައީސް ޔާމީނަށް ނުހައްގު ދައުވާކުރާ ފަރާތެއްކަން އެސްޕީޕީ ޢާއިޝާގެ ވާހަކައިން ސާބިތުވެއްޖެ. ހެކިންނަށް އިމްތިޔާޒު ދިންއިރު އެ މީހުންގެ ވަކީލު، މިހާރު އެ މީހުން ބޭނުންކޮށްގެން ސިޔާސީ ދައުވާ އުފުލަނީ. މުޅި ޕްރޮސެކިއުޝަން ފަސާދަކޮށްފި." ޖަމީލް ވިދާޅުވިއެވެ.



ޑރ. ޖަމީލް މީގެކުރިންވެސް ގެންދަވަނީ ޕީޖީ ޝަމީމަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އެ ތުހުމަތުތައް އިތުރުވެފައިވަނީ، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސްޕްރީމް ކޯޓުން ބާތިލު ކުރި ހިސާބުންނެވެ.

އެ މައްސަލަ ރައީސް ޔާމީން ކޮޅަށް ނިމުނުއިރު، ޕީޖީގެ އިސް ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި، ސީނިއާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝާ މައްސަލައިން ތަނާޒުލްވެ ވަޑައިގަންނަވާފައި ވަނީ ޕީޖީ ޝަމީމް އެ މައްސަލައަށް ނުފޫޒު ފޯރުވައި، އެކި ފަރާތްތަކާއި މެދު އެކި ގޮތަށް އަމަލުކުރަމުންދާ ކަމަށް ތުހުމަތު ކުރެއްވުމަށް ފަހުގައިކަމަށް ވަނީ އަޑުފެތުރިފައެވެ.

އެގޮތުން، ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރުސީ މައްސަލާގައި އުފުލާފައިވާ ދައުވާއާ ގުޅިގެން އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ބަލައިނުގެނެވޭނެ ކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރާ ފޯމު، އިސްތިއުނާފުކުރަން ހުށަހެޅުމުގެ މުހުލަތުގެ ފަހު ދުވަހާ ހަމައަށް ޕީޖީ ޝަމީމު ހިފަހައްޓަވައިގެން ހުންނެވި ކަމަށް ޢާއިޝާއާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު