މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނު ގެއްލުވާލުމަށްފަހު މަރާލި މައްސަލައިގައި ސަރުކާރާއި ކޮމިޝަނުން ކުރާ މަސައްކަތް ބަލައިގަންނަ ކަމަށް އޭނާގެ އާއިލާ އިން މިއަދު ބުނެފިއެވެ.

ރިލްވާންގެ އާއިލާ އިން މިހެން ބުނީ، އޭނާއަަށް އިންސާފު ނުލިބޭ ކަމަށް ބުނެ ބައްޕަގެ އިންޓަވިއު އެއް މިރޭ ޗެނަލް 13 އިން ގެނެސްދިނުމަށް ނިއްމާފައިވާ ކަމަށް ބުނެފައިވާތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް ވިދާޅުވީ އެޗެނަލުން ނަގާފައިވާ އިންޓަރވިއުއަކީ ރިލުވާނުގެ ބަލި ބައްޕަގެ އިންޓަރވިއުއެއް ކަމަށެވެ. އޭނާގެ ބައްޕައަކީ މިހާރު ބަލި މީހެއް ކަމަށާއި ކަންކަން ރަނގަޅަށް ހަނދާންވެސް ނުހުންނަ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ. އަދި އާއިލާއަށް ނޭނގި ބައްޕަގެ ބަލި ހާލަތަށް ވެސް ނުބަލައި އިންޓަވިއު ނަގައިގެން ސިޔާސީ ވަކި ވިސްނުމެއްގައި އެފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާތީ އާއިލާއިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ޝެހެނާޒް ވިދާޅުވިއެވެ.



ގަދަކަމުން ރަހީނު ކޮށްގެން ގެންގޮސް ރިލްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭ ހުޅުމާލެއިންނެވެ. މަރު ކޮމިޝަނުން ބުނީ ބަޔަކު ރިލްވާނަށް ފާރަލާ ހުޅުމާލެއިން ކާރަކަށް ގަދަކަމުން އަރުވާފައިވާ ކަމަށެވެ. އަދި ރިލްވާން ގަދަކަމުން ކާރަކަށް އަރުގައިވެގެން ދިޔަ ރޭގައި، އޭނާ ގެންދިޔައީ ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ޑިންގީއަކަށް ކަމަށް މަރު ކޮމިޝަނުން ބުނެއެވެ.

އެ ޑިންގީގައި އޭނާ ގެންދިޔައީ ކަނޑުގައި އޮތް އުޅަނދަކަށް ކަމަށާ، އޭނާ މަރާލީ އުޅަނދުގައި ކަމަށް މަރު ކޮމިޝަނުން ވަނީ ބުނެފައެވެ. ރިލްވާން މަރާލުމުގެ ކުރިން އޭނާއަށް ޝަހާދަތް ލައިދިން ކަމަށާއި، އޭނާ މަރާލީ ކުފުރުވުމުން ކަމަށް ބުނެ ކަމުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ކަމަށް މަރު ކޮމިޝަނުން ބުނެފައި ވެއެވެ. ރިލްވާން މަރާލުމަށްފަހު އޭނާ ވަނީ ކަނޑުފައްތާފައި ކަމަށް ވެސް މަރު ކޮމިޝަނުން ބުނެފައިވެއެވެ.

ރިލްވާނަށް އިންސާފު ހޯދައިދިނުމަކީ ރައީސް ސާލިޙު ރިޔާސީ ވައުދެކެވެ.



ކިޔުންތެރިންގެ ހިޔާލު