އައްޑޫގައި ޤާއިމްކުރާ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒުގެ މަސައްކަތް ޖުލައިމަހު ފަށާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރާއިރު މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ބުނީ 'އެލިމިނޭޓިންގ ޕަރސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް ތްރޫ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް' މަޝްރޫއުގެ ދަށުން ނުރައްކާތެރި ކުންޏާއި ކެމިކަލް ރައްކާކުރާ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމްކުރުމުގެ އަމަލީ މަސައްކަތް ޖުލައިމަހުގައި ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

މި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ހިތަދޫގެ އައު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައެވެ. އަދި މަޝްރޫއުގެ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) މަރުހަލާގެ ދަށުން މި މަޝްރޫއާއި ގުޅޭގޮތުން އައްޑޫ ސިޓީގައި ދިރިއުޅޭ ފަރާތްތަކުގެ ކަންބޮޑުންވުންތަކާއި ހިޔާލު ނުވަތަ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ހިޔާލާއި ޝަކުވާ ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ 26 މެއި 2022 ވާ ބުރާސްފަތި ދުވަހެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ހުރި ޕީ.ސީ.ބީ ހިމެނޭ ކަމަށް ބެލެވޭ، 1979ގެ ކުރިން އުފައްދައި ރާއްޖެއަށް އެތެރެކޮށްފައިވާ 16 އާލާތެއް ތިމާވެއްޓާއި ރައްޓެހި ގޮތަށް ނައްތާލުމަށް ބޭރުފެސިލިޓީއަކަށް ފޮނުވުމުގެ ކުރިން މި ފެސިލޓީގައި ސްޓޯރ ކުރެވޭނެއެވެ.

މިމަސައްކަތް ނިމުމުން މި މަރުކަޒު ވެގެންދާނީ ރާއްޖޭގެ ދެކުނު ސަރަހައްދުގައި އުފެދޭ ނުރައްކާތެރި ކުންޔާއި ކެމިކަލް ރައްކާކުރާ ފެސިލިޓީއަކަށެވެ.

މި މަސައްކަތަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ސްޓޮކްހޯމް ކޮންވެޝަން އޮން ޕާސިސްޓަންޓް އޯގޭނިކް ޕޮލިއުޓަންޓްސްގެ ދަށުން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެވެ.



ކިޔުންތެރިންގެ ހިޔާލު