އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ބޭއްވި "އިންޑިއާ އައުޓް" މުޒާހަރާ ރޫޅާލަން އުޅުނު ފުލުހަކު ނޫސްވެރިއަކަށް އިންޒާރު ދިން މައްސަލައެއް ބަލައިދޭން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ފުލުހުންނަށް ހުށަހަޅައިިފިއެވެ.

މީޑިއާ ކައުންސިލުން ބުނީ ރޭ ބޭއްވި މުޒާހަރާ ކަވަރުކުރުން އުޅުނު ނޫސްވެރިއަކަށް ފުލުހަކު އިންޒާރުދިން ކަމަށް ބުނާ މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެހެންކަމުން އެކަމުގައި ކަން ހިނގައިދިޔަ ގޮތުގެ ތަފުސީލު މީޑިއާ ކައުންސިލާ ހިއްސާކުރަން ފުލުހުންގެ ކިބައިން އެދިފައިވާކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޭގެ މުޒާހަރާގައި ނޫސްވެރިއަކަށް އަމާޒުކޮށް "ހޭއަރުވައިލާނެ" ކަމުގެ އިންޒާރު ފުލުހަކު ވަނީ ދީފައެވެ. އަދި އެ ވަގުތު އެ ތަނުގައި ތިބި ބައެއް ނޫސްވެރިން އެކަން ޓުވިޓާގައި އާންމުކޮށް، ފުލުހުންނަށް ރިޕޯޓްކުރި ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

ނަމަވެސް ފުލުހުން މިކަމާއި ގުޅޭގޮތުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިދިކޮޅުގެ "އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން މިދިޔަ މަހުގެ 21 ގައި ކަނޑައަޅާފައިވާއިރު، ސަރުކާރުން އަންނަނީ އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ހުރިހާ ހަރަކާތްތަކެއް ހުއްޓުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު