އެމްޑަބްލިއުއެސްސީން ކުރިއަށްގެންދިޔަ ބ. ގޮއިދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މިމަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވަނީ 46 މިލިއަން ރުފިޔާއަށް، 2019 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީމަހު މިމަސައްކަތުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

ބ. ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ ދަށުން އެރަށުގައި ފެނުގެ ޚިދުމަތަށް ބޭނުންވާ އާރުއޯބިލްޑިންގް ޤާއިމްކޮށް ޕްލާންޓްތައް އިންސްޓޯލްކޮށް ފެންރައްކާކުރުމަށް ތާނގީ ވަނީ ބަހައްޓާފައެވެ. އަދި މިމަޝްރޫޢުގެ ދަށުން 15.9 ކިލޯމީޓަރުގެ ފެނުގެ ނެޓްވޯކެއް އެރަށުގައި ވަނީ އަޅާފައެވެ. މީގެ އިތުރުން ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ ފެންމީޓަރާ އިސްކުރު ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ވާރޭފެން ނެގުމަށް ވަކިން ހޮޅިލައިނެއްވެސް ވަނީ އަޅާފައެވެ.



އެމްޑަބްލިޔުއެސްސީން ކުރިއަށްގެންދިޔަ މިމަޝްރޫޢުގެ ދަށުން ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ގޮއިދޫގައި މަގުތަކަށް ޖަންކްޝަންތައް ފައްތާ ގެތަކަށް ކަނެކްޝަން ވަނީ ގުޅާދީފައެވެ. އަދި 8.7 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއްވެސް ވަނީ އެރަށުގައި ޤާއިމްކޮށްފައެވެ. އަދި އެރަށުގައި ފެނުގެ 161 ކަނެކްޝަނާއި، ނަރުދަމާ 163 ކަނެކްޝަން ގުޅާފައިވާ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ނިމުމާ ގުޅިގެން ޕްލޭނިންގ މިނިސްޓްރީގެ ޓީމަކުން ވަނީ ގޮއިދޫއަށް ޒިޔާރަތްކޮށް އެމަސައްކަތް ބަލާފައިވާއިރު، ފެން ތަހުލީލްކޮށް ނަރުދަމާ ނިޒާމްގެ މަސައްކަތްވެސް ވަނީ ޗެކްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު