އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވަނީ އެފަރާތްތަކުން ބޭނުންވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގައި ޝޯ ކުޅެން ފުރުސަތު ނުލިބޭތީކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާތައް ކުރުކޮށްލާތާ 3 ދުވަސް ވެފައިވަނިކޮށް، މަޖިލީހުގެ މަސައްކަތާއި ގުޅިގެން އިދިކޮޅު ޕީޖީ ގުރޫޕުން މިއަދުވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ. އެ ބައްދަލުވުމުގައި އިދިކޮޅުންވަނީ، މަޖިލީހުގެ މަސައްކަތްތައް ކުރިޔަށް ގެންދަން ސަރުކާރުން ހުރަސް އަޅާކަމަށް ތުހުމަތު ކޮށްފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ރައްޔިތުން ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތައް ގައުމުގައި އެބަހުރި ކަމަށާއި އެ ކަންކަމާއި ގުޅިގެން މަޖިލީހަށް ވަރަށް ގިނަ މައްސަލަތައް އިދިކޮޅުން ހުށަހަޅާފައިވާނެ ކަމަށެވެ. ބޮޑެތި މުހިއްމު ގާނޫނުތައް ވެސް މިއަދު ވުޖޫދުކުރަންޖެހޭ ކަމަށާއި އަދި އެމްޑީޕީން ވެސް ވައުދުވެ ނުނިމި ހުރި ކަންކަން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.



އިދިކޮޅުން ދެއްކި މި ވާހަކަތަކާއި ގުޅިގެން ރޮޒޭނާ މިއަދު ވިދާޅުވީ، އާދަމް ޝަރީފްގެ އެވާހަކަތަކަކީ މަޖިލީހަށް އަލަށް ވަދެވިގެން އުޅޭތީ ހީވާ އެއްޗެއް ކަމަށާއި މަޖިލީހުގެ މައިގަނޑު މަސައްކަތްތައް ކުރާނީ ކޮމިޓީތަކުގައި ކަމަށާއި ތަޅުމުގައި ފޮނި އަނގަތެޅުން އެއީ މަޖިލީހުގައި ހިނގާ އެންމެ ބޭކާރު ކަންތައް ކަމަށެވެ. އެގޮތުން ކޮންމެ ދުވަހަކު ވެސް ކޮމިޓީތައް ހިނގާ ކަމަށާއި މިހާރު ވެސް 20 ބިލެއްގެ މަސައްކަތް ކުރިއަށްދާއިރު މުއައްސަސާތަކާއެކު ބައްދަލުވުންތައް ވެސް ކުރިއަށްދާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"ދެން ކޮބާތަ މަސައްކަތް ހުސްވެފައި؟ ބޭކާރު ޝޯ ކުޅެން ނުލިބޭތީ ކަންބޮޑުވުން ތި އުޅެނީ. މަޖިލީހަށް ސިފައިން ވެއްދި މިނިސްޓަރު ތިކަހަލަ ވާހަކަ ދެއްކީމަ ލަދު." އާދަމް ޝަރީފު ދެއްކެވި ވާހަކަތަކާމެދު ފާޑުވިދާޅުވެ ރޮޒެއިނާ ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ވަނީ މަޖިލިސް މަރުތަޅު އެޅިފައިވާ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ. އެގޮތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިހާރު ވަނީ މަސައްކަތްޕުޅު ނުކުރެވޭގޮތަށް "ޑެޑްލޮކް" ނުވަތަ މަރުތަޅު އަޅުވާފައިކަމަށާއި އެމްޑީޕީގެ އިންތިހާބަށް ފަހު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާފާނެތީ، މަސައްކަތްތަކުގައި އުޅުއްވުމަށް އެމަނިކުފާނު ޖެހިލުންވެ ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ވެސް އާދަމް ޝަރީފު މިއަދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން