ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
މީހެއްގެ އިމާރާތެއް، ވަޒީރަކާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށް ބުނެ ސިއްޙަތާބެހޭ ވަޒީރަށް ބޮޑެތި ބާރުތަކެއްދީ، ކަރަންޓީން ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދު އެކުލަވާލައިފިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ދިމާވެފައިވާ ދަނޑިވަޅެއްގައި، ވަކި އިމާރާތެއް އެއީ ކަރަންޓީނު ކުރުމުގެ މަރުކަޒެއް ކަމުގައި ނުވަތަ މީހުން އެކަހެރިކޮށް ބައިތިއްބުމުގެ މަރުކަޒެއްގެ ގޮތުގައި ހިންގުމަށް މީހެއްގެ އިމާރާތެއް، ވަޒީރާ ހަވާލުކުރުމަށް، ވަޒީރު ކުރާ އަމުރަކުން އެންގިދާނެ ކަމަށް ބުނެ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީން ކުރުމުގެ މަރުކަޒުތަކާއި ބެހޭ ޤަވައިދުގެ ނަމުގައި ޤަވާއިދެއް އެކުލަވާލާ މިއަދު ވަނީ އާންމު ކޮށްފައެވެ.

މި ޤަވައިދުގައި ބުނެފައިވާ ގޮތުގައި މި ޤަވާއިދުގެ މަޤުޞަދަކީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ކަނޑައަޅާ، އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނުގެ ދަށުން، ގައިން ގަޔަށް އަރާ ބައްޔެއް ނުވަތަ ނުރައްކައުތެރި ބައްޔެއް ކަމަށް ކަނޑައަޅައިފައިވާ ބައްޔަކާ ގުޅިގެން މީހުން އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުމާއި، އެކަހެރި ކުރަންޖެހޭ މީހުންނާއި ކަރަންޓީނު ކުރަންޖެހޭ މީހުން ބައިތިއްބާނެ މަރުކަޒުތައް ކަނޑައެޅުމާއި، އެފަދަ މަރުކަޒުތަކުގައި ހުންނަންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ.

މި ޤަވާއިދުގައިވާ ގޮތުން، އިމާރާތް ސަރުކާރާއި ހަވާލުކުރުމަށް ވަޒީރު އަމުރުކުރާ ތަނަކީ، މީހުން ދިރިއުޅޭ ތަނެއް ނަމަ، އެއިމާރާތެއް ހަވާލުކުރުމަށް އަންގަންވާނީ އެފަދަ ތަނެއްގައި ދިރިއުޅޭ މީހުންނަށް ވަގުތީ އެހެން ތަނެއް ހޯދައިދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށްފަހުގައެވެ.

މީގެ އިތުރުން ވަޒީރު ކުރާ އަމުރަކަށް އިމާރާތެއް ދިނުމަށް، އެ އަމުރު ރައްދުވާ ފަރާތުން ދެކޮޅުހަދައިފި ނަމަ، އެ އިމާރާތް ވަޒީރާ ހަވާލުކުރުމަށް އެންގުމުގެ ކޯޓު އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުމަށް، ބަންޑާރަ ނައިބުގެ އޮފީހަށް، ވަޒީރަށް ފޮނުވިދާނެ ކަމަށް ވެސް ޤަވައިދުގައި ބުނެފައި ވެއެވެ.

އަދި އެގޮތަށް ނެގޭ އިމާރާތެއް އަނބުރާ ހަވާލުކުރުމުގެ ކުރިން، އެތަން ބޭނުންކުރި މުއްދަތުގައި އެހިސާބުގައި ހުރި އެފަދަ އިމާރާތެއް އާންމުކޮށް ކުއްޔަށްދޭ އަގަކީ ކޮބައިތޯ ބަލައި، އެ އަދަދަށް، އެ އިމާރާތް ބޭނުންކުރި މުއްދަތަށް، އިމާރާތުގެ ވެރިފަރާތަށް، ބަދަލު ދޭން ވާނެ ކަމަށް ވެސް ޤަވައިދުގައި ވަނީ ބުނެފައެވެ. އެގޮތުން އެފަދަ އިމާރާތެއް ބޭނުން ކުރުމަށް ފަހު، އެތަނެއް ބޭނުންކުރި މުއްދަތަށް ބަދަލު ދޭނީ ފިނޭންސް މިނިސްޓަރުގެ ލަފާގެ މަތިން ކަމުގައިވެސް މި ގަވާއިދުގައި ބުނެއެވެ.

އަމިއްލަ މީހުންގެ އިމާރާތްތައް ކަރަންޓީނު ކުރުމުގެ ބޭނުމަށް ސަރުކާރަށް ނެގުމުގެ ބާރު ލިބިދޭ ގޮތަށް ޤަވައިދެއް ހަދާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ވަރަށް ގިނަ ތަންތަންތަން ކަރަންޓީން ފެސިލިޓީގެ ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މިހާތަނަށް ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތައް ވެސް ވަނީ ކަރަންޓީނު ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ނަގާފައެވެ. އަދި ބައެއް ފެސިލިތީތައް ހެދުމަށް ސަރުކާރުން ވަނީ ބޮޑު ހޭދައެއްވެސް ކޮށްފައެވެ.

މީގެ އިތުރުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މީހުން ކަރަންޓީން ކުރާ މަރުކަޒުތަކުގައި ހުންނަންޖެހޭ ފެންވަރާއި ލިބެންޖެހޭ ހިދުމަތްތައް ވެސް އެ ގަވާއިދުގައި ކަނޑައަޅާފައި ވެއެވެ. އަދި އެ ތަންތަނުގައި މީހުން ބޭތިއްބުމާއި އަނބުރާ ފޮނުވާލުމުގައި އަމަލު ކުރަންޖެހޭ އެސްއޯޕީ، ދެ މަސް ތެރޭގައި ހަދަން ޖެހޭނެ ކަމަށާއި އަދި ކުއްލި ނުރައްކަލުގެ ހާލަތެއް ނެތީސް، މީހުން ކަރަންޓީން ކުރަން ޖެހިއްޖެ ނަމަ އަމަލު ކުރަންޖެހޭ އުސޫލުތައް ތިން މަސް ތެރޭގައި ހަދަންޖެހޭ ކަމަށް އެ ގަވާއިދުގައި ވަނީ ބުނެއެވެ.

ކޯވިޑް-19 އާ ގުޅިގެން ކަރަންޓީން ފެސިލިޓީތަކުގެ ގޮތުގައި ގިނަ ރިސޯޓުތަކެއް ހަމަޖައްސާފައިވާއިރު، ރިސޯޓްތަކުގެ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް 750 ރުފިޔާ ޚަރަދުވާ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން