ރޯދަ މަހު ރޯދަކުރުކުރުމާއި އެހެނިހެން ވެސް ސުވާލާ ޖަވާބާއި އިނާމު ހޯދުމުގެ ޕްރޮގްރާމް ތަކަކީ ޚާއްޞަކޮށް ބްރޯޑްކާސްޓް މީޑިއާތަކުން ވަރަށް ގިނައިން ކުރިއަށް ގެންދާ ޕްރޮގްރާމް ތަކެކެވެ. މި ޕްރޮގްރާމްތަކަށް އެތައް ހާސް ބަޔަކު އެސްއެމްއެސް ކުރެއެވެ. އަދި އެސްއެމްއެސް ކުރާ ބޭފުޅުން އެތައް ސަތޭކަ އެސްއެމްއެސްއެއް ކުރެއެވެ. އެތައް ސަތޭކަ ރުފިޔާއެއް އެކަމަށް ބޭކާރު ކުރެއެވެ. އެހެންކަމުން މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވާ މީހުން ރޯދަމަހު ކުރާ އެންމެ ބޮޑު އެއް އިޝްރާފަކީ މިދެންނެވި އިސްރާފު އެސްއެމްއެސްއޭ ދެއްންނެވުމަކީ ކުށަކަށް ނުވާނެއެވެ.

މިހެން މިދެންނެވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. މިދެންނެވި ޕްރޮގްރާމް ތަކުގައި ބައިވެރިވެ އެސްއެމްއެސް ކުރަށްވާ ފާރަތްތަކުގެ ތެރެއިން ގިނައީ މުޅި މަހު އެސްއެމްއެސްކޮށް ޖީބުން އެތައް ސަތޭކަ ރުފިޔާއެއް ބޭކާރުކޮށް އިސްރާފުކޮށްލައިގެން އެބުނާ ނަސީބެއް އަތުގައި ނުހިފާ ފަރާތްތަކެވެ. ބޮޑު އިނާމެއް ލިބޭނެ ކަމަށް އެސްއެމްއެސްކޮށްގެން އެބުނާ ޕްރޮގްރާމެއް ނިމޭއިރު ނޫނީ ދުވަސް ނިމޭއިރު އިނާމު ލިބެނީ އެންމެ ފަރާތަކަށް، ދެފަރާތަކަށެވެ. ދެރަކަމަކީ ގިނަ ބަޔަކު މި ނުބައި ގެއްލުން ބޮޑު ދަލުގައި ޖެހޭތީއެވެ. ހަގީގަތުގައި ގިނަ މީހުން މިދަލުގައި ޖެހެނީ ވާނުވާ ނޭނގިއެވެ. މިވާނުވާ އަޅުގަނޑު ދައްނަވާލާނަމެވެ.

ރާއްޖޭގެ ވިޔަފާރި ކުންފުނި ތަކުގެ ތެރެއިން ރޯދަމަހުގެ ތެރޭގައި އާންމުންގެ އަތުން އެންމެ ބޮޑު ފައިދާއެއް ނަގާ ނުވަތަ އެންމެ ބޮޑު އެއްޗެއް "ދަމައިގަންނަ" ބަޔަކީ ރާއްޖޭގެ މުއާސަލާތީ ޚިދުމަތްދޭ ދެކުންފުނި ކަމަށްވާ ދިރާގާއި އުރީދޫއެވެ. މަސް ފެށެންވާއިރަށް ތަފާތު ޕެކޭޖުތައް ހަދައިގެން އިތުރަށް ޑާޓާ ދީގެން އަވަހަށް ޑާޓާ ހުސްވާ ދަންތުރައިގައި ރައްޔިތުން ޖައްސައިގެން މަސް ނިމޭއިރު ދަމައިގަނެވުނު އެންމެ ބޮޑު އެއްޗެއް "ދަމައިގަތުމަކީ" އެކުންފުނި ތަކުގެ އަމާޒެވެ. ކުރިން މިދެންނެވި އެސްއެމްއެސް ކްއިޒް ތަކަކީ މިވެރިން ރޯދަމަހު ކުރިއަށް ގެންދާ މި "ޕްރޮމޯޝަން" ތަކުގެ އިތުރުން އަދިވެސް އިތުރަށް ފެލާލުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ. މިކަމުން އެކުންފުނިތަކަށް އާމްދަނީ ހޯދާ ގޮތްވެސް ދަންނަވާލާނަމަވެ.

މިދެންނެވި ކުއިޒް ތަކުގައި ދިރާގާއި އުރީދޫގެ ކަސްޓަމަރުން އެސްއެމްއެސް ކުރާނެ ނަމްބަރުތައް ކިޔައިދޭނެއެވެ. މިކަމުގައި ބޭނުން ކުރާނީ ފަސޭހައިން ހަނދާން ހުންނަ ކަހަލަ ތިނެއް ނުވަތަ ހަތަރު އަކުރުގެ ނަމްބަރު ތަކެވެ. ދެން މިވާ ގޮތަކީ މިކުންފުނިތަކުން ދީފައިވާ އެ ނަމަބަރުތަކަށް އެސްއެމްއެސް ކުރުމުން ސިސްޓަމް ތެރެއިން މޮނިޓަރ ކުރެވިގެން އެ އެސްއެމްއެސްގެ އަގު ކަނޑަމުން ގެންދާނީ އެ ދެކުންފުނިންނެވެ. ބްރޯޑްކާސްޓަރުންނަށް ބައިކުޅަ ބައެއް އަޅާފައި އެބައި ދޭނީ އެކުންފުނި ތަކުން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. މިސާލަކަށް އެސްއެމްއެސް އަކަށް 2ރ. ޗާޖު ކުރާނަމަ 1 ރުފިޔާ ކުންފުންޏަށެވެ. އަނެއް ރުފިޔާ ބްރޯޑްކާސްޓަރަށެވެ. މިއީ ދިރާގާއި އުރީދޫއިން ރާއްޖޭގެ ބްރޯޑްކާސްޓަރުންނާއި ގުޅިގެން ކަސްޓަމަރުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން "ދަމައިގަންނަ" ނޫނީ "ފޭރިގަންނަ" ފައިސާއެކެވެ.

އެހެންވީމާ ރޯދައަށް ހުންނަވައިގެން އިނާމެއް ނުވަތަ ހަދިޔާއެއް ހޯއްދެވުމުގެ ބޭނުމުގައި މިކަހަލަ ބޭކާރު ޚަރަދު ނުކުރަށްވާށެވެ. ކޯވިޑްގެ ދަތި ކަމުން އަރައި ނުގަނެވި އުޅެނިކޮށް އަޅުގަނޑުމެންނާއި ކުރިމަތިލި މި ރޯދަމަހުގައި ބޭކާރު ޚަރަދުތަކުން ދުރުހެލިވުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުޑަ އިނާމެއް ނޫނީ ހަދިޔާއެއްގެ ބޭނުމުގައި ރާއްޖޭގެ ރައްޔިތުންގެ އަތުން މިހާރުވެސް އެންމެ ގިނަ ފައިސާ ނަގަމުން ގެންދާ ދެކުންފުންޏަށް ބޭކާރު ގޮތުގައި ފައިސާ ދީގެން ތިބޭފުޅުން ބުރަ މަސައްކަތް ކުރަށްވައިގެން ހޯދާ ފައިސާކޮޅު އިސްރާފު ނުކުރަށްވާށެވެ. އިސްރާފު ކުރެވޭނީ ހަމައެކަނި ކާ އެއްޗެއްސަކުން ނޫނެވެ. މުއާސަލާތީ ވިޔަފާރި ކުރާ ދެކުންފުންޏަށް ބޭކާރު ގޮތުގައި ފައިސާ ދިނުމަކީ ވެސް ހަމަ އިސްރާފު ކުރެއްވުމެވެ.

ދުނިޔޭގެ ގައުމުތަކުގައި މިހާރު މިކަން ކޮށްއުޅެނީ މިދެންނެވި ގޮތަށް ދިރާގާއި އުރީދޫ ފަދައިން "ލިބެން އޮތް އެއްޗެއް ދަމައިގަންނަ، ނުލިބުނިއްޔާ ޖަހައިގަންނަ އުސޫލު" އެއްފަރާތްކޮށް އާންމު ރައްޔިތުންގެ އަތުން ބޭކާރު ގޮތުގައި ފައިސާ ހޭދަނުކޮށް ބައިވެރިވެވޭ ގޮތަށް ކުއިޒްތަކާއި ޕްރޮގްރާމްތައް ބައްޓަން ކޮށްގެންނެވެ. އަވަށްޓެރި އިންޑިއާއަކީ މިފަދަ ކަންކަމުގައި ދިވެހީން ނަމޫނާއަކަށް ބަލައި އުޅޭ ގައުމެކެވެ. އެގައުމުގެ ޓީވީ ޗެނަލް ތަކުން މިދެންނެވި ފަދަ ބޮޑެތި ޝޯތައް ކުރިއަށް ގެންދަނީ އެގައުމުގައި ވިޔަފާރި ހިންގާ މުއާސަލާތީ ކުންފުނިތަކަށް ފައިދާ ލިބޭ ގޮތަކަށް ނޫނެވެ. އެމީހުންގެ ވެބަސައިޓުން ނުވަތަ ސްޕޮންސަރެއްގެ ވެބްސައިޓަކުން ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް ބައިވެރިވެ، ވޯޓުދޭ ގޮތަށެވެ. މިގޮތަށް ކަންކުރުމުން ބްރޯޑްކާސްޓަރަށް ލިބޭ އެއްޗެއް ލިބިފައި ރައްޔިތުންނަށް އޮޅުވާލައިގެން މުއާސަލާތީ ކުންފުނިތަކަށް ރައްޔިތުން އަތުން ފައިސާކޮޅު "ދަމައިގަތުމުގެ" ފުރުސަތު ނުދީ އެކަން ކުރެވުނީއެވެ.

މިގޮތަށް އޮޅުވާލައިގެން "ފެލުމުގެ" ފުރުސަތު އެއްވެސް ކުންފުންޏަކަށް ނުދެއްވާށެވެ. ދިރާގާއި އުރީދޫން ވެސް ރައްޔިތުން ފެލައިގެން ކުރާ ކަމަކީ އެކުންފުނިތައް ބޮޑުކޮށް ބޮޑުންގެ ޖީބަށް ބަރުކުރުމެވެ. އެމީހުން އެޖަހާ މަލީގައި ޖެހި ތިބޭފުޅުން ގުދާރު ބިންދައިގެން ހޯދާ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭކާރު ނުކުރަށްވާށެވެ. އެވެރިން އިސްތިހާރުގައި އެކިޔާ ގޮތަށް ހިލޭ ހަމަ އެއްވެސް އެއްޗެއް ތިޔަބޭފުޅުންނަކަށް ނުދޭނެއެވެ. 500 ރުފިޔާ ދީފައި ޕެކެޖު ގަތީމާ ދެން އެދޭ އެއްޗެއް އެދެނީ ހިލެއަކު ނޫނެވެ. އެމީހުން އެއަގު ހަދަނީ ގެއްލުން ނުވާ ގޮތަށް، ހިލޭ ދެމޭ އެބުނާ ބަޔަށް ވެސް އަގުނަގާފައެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޙުސައިން

11-Apr-2022

އެސް.އެމް.އެސް ކޮށްގެން އިނާމު ހޯދުމަކީ ބާޖުމެރުން. ބަޖުމެރުމަކީ ޙަރާމްކަމެއް. އެއީ ޖުވާގެ ސިފަތައް އެކުލެވޭތީ


-5

އާދަނު123

11-Apr-2022

ލިއުންތެރިޔާގެ މައުލޫމަތު ވ ކޮށި, މުއާސަލާތީ ހިދުމަތަކާ ގުޅިގެން ބޮޑްކާސްޓް ކުރާ ފަރައިތައް ގެންދާ މިކަހަލަ ކަންކަމަށް އަގުނަގާނެ އެއީ ބީއެމްލް ޕޮސް މެޝިނަށް ވެސް ނަގާހެން ނުވަތަ ވިޔަފާރިވެރިން މުދަލުން ފައިދާ ނަގާ ގޮތަށް މުއާސަލާތީ ހިދުމަތްދޭ ކުންފުނި ތަކަކީ ހިލޭސާބަހަށް މަސަކަތް ކުރާ ތަންތަނެއް ނޫން މަސަކައި ކުރަނީ ފައިދާ އަށް


5

އިއްބެ

09-Apr-2022

ޓީވީތަކާބައިވެރިވެ ރައްޔިތުންފެލާލުމަކީކޮށްގެންވާނޭކަމެއްނޫނެވެ އޭގެބަދަލުގައިނެޓްވޯކް ނުވަތަފޯނުބިލުތައް ދިރާގާއި އުރީދޫން މިފަދަމައްސަރުގައިލުއިކޮށްދިނުންމާރަނގަޅުވާނެ ހެޔޮކޟެއްކޮށްދިނުމުގެބަދަލުގައިނުބައިކަމެއްކޮށްދިނުމަކީ ދީންހުއްދަކުރާކަންކަމެއްނޫމެވެ



ޓްރެންޑިން