-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު-

ރާއްޖޭގެ ހުރިހާ ރަށެއްގައި ނަމާދުކުރުން މަނާވެފައި އޮވެ ރޯދަމަހެއް ނިމުނީއެވެ. ނަމަވެސް ޚާއްޞަ ބެލެހެއްޓުމެއްގެ ތެރޭގައި ނުވަތަ ކަރަންޓީނުގެ ޙާލަތުގައި ނެތް ރަށެއް ނަމަ، މިސްކިތްތައް ހުޅުވައިލައި ނަމާދުކުރުމުހުއްދަ، ރަމަޟާން މަސް ނިމެމުން ދަނިކޮށް ވަނީ ލިބިފައެވެ. 2020 މެއި 22 ވީ ހުކުރު ދުވަހު އެންމެ ހަތް ރަށެއް ފިޔަވައި އެހެން ހުރިހާ ރަށެއްގެ މިސްކިތުގައި ހުކުރުނަމާދު ކުރެވުނުކަމީ ގިނަ ބަޔަކަށް ލިބުނު އުފަލެކެވެ. ނަމަވެސް މި ހުއްދަދެވުނީ ޝަރުޠުތަކަކާއެކީގައެވެ. އެއީ ގެއިން ވުޟޫކޮށްގެން މިސްކިތަށް ދާން އިސްކަންދިނުމާއި، ޢުމުރުން ދުވަސްވީ ނުވަތަ ބަލިވެ އުޅޭ މީހުން މިސްކިތަށް ނުދިޔުމާއި، މާސްކުއަޅައިގެން ދިޔުމާއި، ގައިދުރުކަން އިސްކުރުމާއި މިސްކިތުގައި ގިނައިރު ނުތިބުން ފަދަ ޝަރުޠުތަކެކެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އެޅުނު ފިޔަވަޅުތަކެކެވެ. ހަރުދަނާ، ބޭނުންތެރި ޝަރުޠުތަކެކެވެ. އަދި މިފަދަ ރަށްރަށުގައި މިހާޜުވަނީ ކުޅިވަރުކުޅުމުގެ ހުއްދަވެސް ދީފައެވެ. ވަރަށް ބޮޑު ލުއިތަކެއް ލިބުނީއެވެ.

ރަށްރަށުގައި މި ހުއްދަދީ، މިސްކިތްތަކުގެ ބަންދު ފިލުމާއެކު، ގިނަ ބަޔަކު، މި ޝަރުޠުތަކުގެ މަތީން ހަނދާނެއް ނެތެވެ. ހަމައެކަނި ހަނދާންހުރީ މިސްކިތްތައް އާންމުކޮށް ހުޅުވައިލިކަމެވެ. މާސްކު އަޅައިގެން އުޅެނީ ހާލަކުން މީހެކެވެ. ގައިދުރުކަން އިހެއް ނުކުރެއެވެ. ގެއިން ވުޟޫކޮށްގެންދާ މީހުން ވެސް ކުރިޔަކަށްވުރެ ގިނައެއް ނުވެއެވެ. މިއީ ދެރަކަންކަމެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކަމާ ބެހޭ އިދާރާތަކުން ދެއްވާ އިރުޝާދުތަކަށް ރައްޔިތުން ބޯނުލެނބުމަކީ ހިތާމަހުރިކަމެކެވެ. އެ ފަދަ ފިޔަވަޅުތައް އަޅާން އިރުޝާދު ދެއްވައިފައި ހުންނަނީ އަޅުގަނޑުމެންގެ ފައިދާއާއި ލާބައަށްޓަކައިކަން ގަބޫލުކުރާންޖެހެއެވެ.

އާދޭހެވެ! މި އަދުގެ ހަގީގަތާ އަޅުގަނޑުމެން ކުރިމަތީލާންޖެހޭނެއެވެ. ދިވެހީން ގޭބަންދުން، ފުރަބަންދުން މިނިވަން ވިޔަސް، އަދި މިސްކިތްތައް ހުޅުވުނަސް، މިއަދު އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް އަތުވެއްޖެކަން، ގެންނާންޖެހޭކަން، ގަބޫލުކުރާން އެބަޖެހެއެވެ. ޝައްކެއް ނެތެވެ! އަޅުގަނޑުމެންގެ އިޖުތިމާޢީ ގުޅުމާއި މާލީ އަދި އިޤްތިޞާދީ ޙަލަތާއި، ޖުމުލަކޮށް މުޅި ދިރިއުޅުމަށް އައި، ނުވަތަ ގެންނާން ޖެހުނު، އެތައް ބަދަލުތަކަކާއެކު މިއަދު އަޅުގަނޑުމެން މި ކުރިމަތިލަނީ އައު ޢާއްމުޙާލަތަކާއެވެ. މުޅީން އާ ދިރިއުޅުމަކާއެވެ. އިޖުތިމާޢީ އައު ޙާލަތަކާއެވެ. މުޅިން އައު ވައްޓަފާޅިއަކާއެކީގައެވެ. މުޅީން އައު އާދަތަކެއް ބަލައިގަންނަމުންނެވެ. ޚާއްޞަ އައު ސުލޫކެއް ގަބޫލުކޮށްގެންނެވެ. ކުރީގެ އާންމު ޙާލަތާއި މިއަދުގެ އައު އާންމު ހާލަތާ، ހާސްބައި ތަފާތުވާނެއެވެ. މި ތަފާތުތަކަށް އަޅުގަނޑުމެން ހޭނޭން އެބަޖެހެއެވެ. ފަރިތަވާން އެބަ މަޖުބޫރުވެއެވެ. ޢަމަލުކުރުން ލާޒިމެވެ.

ނަމަވެސް ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް ބޯލެނބުމުގައި ބައެއް މީހުންގެ ފުށުން ފަރުވާކުޑަކަން ފެންނަ ސަބަބުތަކެއް ވެސް ހުރެއެވެ. އެ ފިޔަވަޅެއްގެ ހަރުދަނާކަމާމެދު އޮންނަ އިތުބާރު ކުޑަވުމީ މީގެ އެއް ސަބަބަށް ވެދާނެއެވެ. އިތުބާރު ކުޑަވަނީ، ރައްޔިތުންގެ ނަޒަރުގައި، މާނައެއް ނެތް ހަރުކަށި ފިޔަވަޅުތައް އެޅިފައި ހުންނާތީ ކަމަށް ވެދާނެއެވެ. މި ކަމާ ގުޅިގެން، ކަމާ ގުޅުންހުރި އިދާރާތަކުން އަޅުއްވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުގެ ބޭނުމާއި ބޭނުންތެރިކަމާއި މަޤުޞަދު، ރައްޔިތުންނަށް އޮޅުންފިލުވައިދެވޭ ނަމަ، އެ ފިޔަވަޅުތަކަށް ރައްޔިތުން ސަމާލުކަން ދޭ މިންވަރު އިތުރުވާނެކަން ކަށަވަރެވެ.

ޚިޔާލުފުޅަށް ގެންނަވާށެވެ! ރޯދަމަސް ނިމެން އެންމެ ދުވަހަކަށް ވަންދެން މުޅި ރާއްޖޭގެ މިސްކިތްތައް އޮތީ ބަންދުކޮށްފައެވެ. ނަމަވެސް މާލޭގައި ތިބި ރަށްރަށުގެ މީހުންނަށް ފޮނުވާން ބޭނުން ހަދިޔާބަދިޔާ ފޮނުވައި އުޅެވުނެވެ. މި ހަދިޔާބަދިޔާއަކީ މާލޭގައި ފުރަބަންދުގައި، އަދި އާމްދަނީއެއް ލިބޭނެ ގޮތެއް ނެތި ހާލުގައި ޖެހިފައި ތިބި އެތައް ބަޔެއްގެ ދިރިއުޅުމުގެ ޚަރަދުތަކަށް ލުޔެއް ހޯދައި ދިނުމަށްޓަކައި، ގާތްތިމާގެ ނުވަތަ ރައްޓެހި ރަހުމަތްތެރީން ފޮނުވާ ތަކެއްޗެވެ. ކާއްޓާއި މަހެވެ. ތައްޔާރީ ހަވާދެވެ. ބަރަބޮލެވެ. އަދި މިނޫނަސް ބޭނުންތެރި އަގުހުރި އެތައް ހަދިޔާއެކެވެ. ނަމަވެސް މިސްކިތްތައް ހުޅުވުމާއެކު މި މަގު ބަންދުވެއްޖެއެވެ. މިހާރު ކައުންސިލްތަކުން އިޢުލާންކޮށްފައި ވަނީ އެއްވެސް ހަދިޔާއެއް މާލެފޮނުވާން ބޯޓަށް އެރުވުމަކީ މަނާކަމެއް ކަމަށެވެ. އެއީ ދައުލަތުގެ ކަމާބެހޭ އިދާރާގެ އަމުރުކަމުގައެވެ. މިކަމާ ގުޅިގެން މި [އަމުރަށް] ލުޔެއް ހޯދާން މީހުން ކުރި މަސައްކަތް ދިޔައީ ފަނުފުލުންނެވެ.

މިއީ މާލޭގައި ކުލިދައްކައިގެން އުޅޭ ޢާއިލާތައް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތިފައި ތިއްބައި، އެ ޢާއިލާތަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެކެވެ. ކާއްޓެއްގެ އަގަކީ ދިހަރުފިޔާ ކަމަށް ބަލާނަމަ، މަދުވެގެން ދުވާލަކަށް ކާއްޓެއް ބޭނުންވިޔަސް، ހަދިޔާއަށް ކާށި ނުފޮނުވޭ ގޮތް ވުމުން މަހެއްގެ މައްޗަށް އެންމެ މަދުވެގެން އެ ލިބުނީ ތިންސަތޭކަ ރުފިޔާގެ ގެއްލުމެކެވެ. ރޯމަސް ފޮނުވޭ ގޮތް ނުވެއްޖެ ނަމަ، ރޯމަސް ކިލޯއެއް ސާޅީހަކަށް ރުފިޔާގެ މަގުން ބެލިޔަސް މަހެއްގެ މައްޗަށް ތިރީހަކަށް ކިލޯގެ މަސް ބޭނުންވާ ގެޔަކަށް އެ ލިބުނީ ބާރަ ސަތޭކަ ރުފިޔާގެ ގެއްލުމެކެވެ. އަދި ދެވި ހަވާދާއި ތެލުލިފަތާއި ރިހާކުރާއި މަސްމިރުހާއި ރާނބާ ފަތާއި ހިކަނދިފަތާއި ތަރުކާރީގެ ބާވަތްތައް ލިބުން ހުއްޓުމުން މާލޭގައި ކުއްޔަށް އުޅޭ ޢާއިލާތަކަށް އެ ލިބުނީ އެތައް ހާސް ރުފިޔާއެއްގެ ގެއްލުމެކެވެ. ތެދުފުޅެކެވެ. ބަލި އުޅޭ ރަށަކުން އެއްޗެއް ގެނައުން މަނާކޮށްފައި އޮންނަ އޮތުމުގެ މަގުސަދާއި ފައިދާ، އޮޅުންފިލުވައި ނުދެއްވިޔަސް ވިސްނޭނެއެވެ. ނަމަވެސް ނުވިސްނެވީ، ކުރީން ހަދިޔާ ފޮނުވުމުގައި ހުރަހެއް ނެތް، އަދި ބަލީގެ އަސަރެއް ނެތް ރަށްރަށަށް ލުއިތަކެއް ދިނުމަށްޓަކައި ޝަރުތަކަކާއެކު މިސްކިތްތައް ހުޅުވައިލުމުގެ ހުއްދަ ލިބުމާއެކު، އެ ރަށްރަށުން ކުރީން މާލެއަށް ތަކެތި ފޮނުވާން އޮންނަ ފުރުޞަތު ބަންދުކޮށް އެކަން މަނާކުރުމުގެ ބޭނުމާއި ފައިދާއާއި، ޙިކުމަތާއި، ސިއްރެވެ. ހަމަގައިމުވެސް އަޅުގަނޑުމެން ފަދަ އާދައިގެ ރައްޔިތަކަށް މިއިން އެއްވެސް ކަމެއް ނުވިސްނޭނެއެވެ.

މި ކަންކަން ރައްޔިތުންނަށް އޮޅުންފިލުވައިނުދެއްވީމާ، ބައެއް މީހުން ވިސްނަނީ މާ ތިލަކޮށް ވަރަށް އިދި ވިސްނުމަކުންނެވެ. މާ ނައްސިކޮށްނެވެ. ބާރު އޮތީތީ ...... ކަމެއް ކޮށްލަނީއްޔޭ ބުނާ މީހުން އުޅެއެވެ. މި ފަދަ ނަޒަރަކުން ކަންކަމާ މެދު ވިސްނޭނަމަ، ކަމާބެހޭ އިދާރާތަކުން އަޅުއްވާ އެހެން ފިޔަވަޅުތަކަށް ދޭ ސަމާލުކަން ކުޑަވާނެކަން ކަށަވަރެވެ. އަޅުއްވާ ފިޔަވަޅުތަކުގެ ބޭނުމާއި އެ ކަމުގެ ފައިދާ އޮޅުއްފިލުއްވައިނުދެއްވޭ ނަމަ، ރައްޔިތުންނަށް ބޮޑެތި ގެއްލުންތައް ލިބޭ ފަދަ ފިޔަވަޅުތައް އެޅުއްވުމަކީ ބަލައިގަންނާން ފަސޭހަ ކަންކަމަކަށް ނުވާނެއެވެ.

އަޅެ މިސުވާލަށް ޖަވާބެއް ދެއްވައިބައްލަވާށެވެ! ކޮވިޑްގެ ނުރައްކަލުން ރައްކާތެރިވުމަށްޓަކައި ގައިދުރުކަން އިސްކޮށް މިސްކިތްތައް ބަންދުކުރެވިފައި އޮތް އިރު، އެރަށުން، ބޭނުން ވަރަކަށް މާލެއަށް ހަދިޔާ ފޮނުވެއެވެ. ނަމަވެސް އެ ރަށުގައި ބަލީގެ ޢަލާމާތެއް ނުފެނި އޮތުމާއެކު، ކުރީން އަޅުއްވައިފައި އޮތް [ހަރުކަށި] ފިޔަވަޅުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން މިސްކިތްތައް ހުޅުއްވައިލެއްވިއެވެ. އެހާ ހިސާބުން މާލެއަށް ފޮނުވާ ހަދިޔާ ފޮނުވުން މަނާކުރެވުނީއެވެ. މި ކަމުގެ ނަތީޖާއަކީ އިސްވެ ދެންނެވުނު ފަދައިން މާލޭގައި ތިބި އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބުމެވެ. ވީމާ، މި ފިޔަވަޅުގެ ބޭނުމަކާއި ޙިކުމަތަކާއި މަޤުޞަދަކީ ކޮބައިތޯއެވެ؟ މިއީ ރޯދަމަހުގެ އަރަތެއް ނޫނެވެ. ވިސްނައިވިސްނައި ވެސް މިކަމުގެ މަޤުޞަދެއް ނޭނގުނީތީ ހަމަ ޖަވާބުލިބުމުގެ އުންމީދުގައި ދަންނަވައިލި ސުވާލެކެވެ!


ކިޔުންތެރިންގެ ހިޔާލު


15

ޙަމީދު

03-Jun-2020

ޣަނީމަކަށް އެ ސުވާލުގެ ޖަވާބެއް ނުދެވެއެވެ. ޢެއީ ރަނގަޅު ސުވާލެކެވެ. އެކަމަކު ތިޔަ ސުވާލަކަށް އަބަދުލްއަޒީޒު ކޮމެންޓެއް ނުކުރައްވާނެ އެވެ. ޕާރސަނަލީ ސުވާލެއް ކޮށްފިއްޔާ ޖަވާބުދެއްވާނެކަން ނޭނގެއެވެ. އެކަމަކު އޭރު މަށަކީ ޓީވީ ޕްރެސެންޓަރެއްވީމާ ތިޔަ ސުވާލުގެ ޖަވާބު އެނގޭ. ޖަވާބަކީ ތިޔަ ކަހަލަ ބިލެއް ހުށައެއް ނާޅުއްވައޭ. ހުށަހެޅުއްވީ ކެންސަލްވާ ޗުއްޓީގެ ފައިސާ ލިބޭނެ އިސްލާޙެކޭ. މަޖިޖިލީހުގެ ރެކޯޑްތައް ބައްލަވާށޭ. މީހަކު ބުނާހާ އެއްޗެއް ގަބޫލުކޮށްގެން ތަންދޮރު ނުބަލައި މީހުން ބަދުނާމު ވާ ގޮތަށް ވާހަކަދެއްކުމަކީ ޒިންމާދާރުކަމެއް ނޫނެއް ނޫނތޯ?


19

ޣަނީމު

28-May-2020

ސުވާލަކީ މަނިކުފާނު ކޯޗެއް ހިއްޕަވަގެން ހުރެތޯ މަޖިލީހަށް, ސަވިލް ސާވަންޓުންގެ ސާރވިސް އެލަވަންސް ކަނޑާލަން ހުށަހެޅީ?



ޓްރެންޑިން