ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ލޯނު ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އެޅުމަށް މިއަހަރުގެ މެދެއްހާ ހިސާބުގައި ބީލަމަށް ހުޅުވާލާނެކަމަަށެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ތިނަދޫގައި އެޅުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ލޯނު ހަމަޖެހިފައިވަނީ ކުވައިތު ފަންޑުންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލް އެޅުމަށް ފަންޑު ހަމަޖެހިފައިވާއިރު، މި ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް މިހާރުވެސް ބަޔަކާ ހަވާލުކޮށްފައިވާކަމަށެވެ.



މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ ތިނަދޫ އަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތުތައް ހިއްސާކުރައްވާފައެެވެ. އެގޮތުން އެ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށާއި، މަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެގެ ސިއްހީ ނިޒާމްގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާއިރު، އަތޮޅު ތެރޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ހާއްސަ ސާމާލުކަމެއް ދެއްވައެވެ. މިގޮތުން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ. އަދި އެކަމުގެ ނަތީޖާ ވެސް މިހާރުވެސް ފެންނަމުންދާކަން ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން