އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ-
އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރަނީ-
ރާއްޖެއަށް ބޭނުންވާ އާ ޕާސްޕޯޓު ސްޓޮކް ލިބި، ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަންނަ ހަފުތާގެ ތެރޭގައި އާންމު ހާލަތަށް ރުޖޫޢަވާނެ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ހާމަކޮށްފިއެވެ.

ޕާސްޕޯޓު ސްޓޮކް މަދުވުމާ ގުޅިގެން ދިމާވި ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހުގެ ރޭ އިމިގްރޭޝަނުން ވަނީ، އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް މަހެއްހާ ދުވަސް ނަގާނެ ކަމަށް ބުނެ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދޭން ފަށާފައެވެ. އެ ނިންމުމާ ގުޅިގެން އިމިގްރޭޝަނުން ދިން އެއް މަސް ދުވަހުގެ މުއްދަތު މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ.

އިމިގްރޭޝަނުން މިއަދު ބުނީ، އާ ޕާސްޕޯޓު ސްޓޮކް ލިބުމާއެކު އަންނަ ހަފުތާގައި ޚިދުމަތްތައް އާންމު އުސޫލަށް ބަދަލުކުރެވޭނެ ކަމަށެވެ. އަދި އާ ސްޓޮކް ލިބެންދެން، މި ވަގުތު ޕާސްޕޯޓު ދޫކުރުމުގައި އިސްކަންދެމުން ގެންދަނީ ހަމައެކަނި އިމަޖެންސީ ހާލަތްތަކުގައި ފުރަންޖެހޭ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ އިދާރާއިން ފާހަގަކުރިއެވެ.

ޕާސްޕޯޓު ސްޓޮކް ނުލިބި ލަސްވުމާ ގުޅިގެން ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އިމިގްރޭޝަނުން މީގެ ކުރިން ވަނީ ބައެއް ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން، އާ ޕާސްޕޯޓެއް ހެއްދުމަށް އެދޭ މީހުންނަށް، އެއްވެސް ފީއަކާ ނުލައި އެމީހުންގެ މިހާރުގެ ޕާސްޕޯޓުގެ މުއްދަތު އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ގޮސްއުޅޭ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ މީހުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ "އިމަޖެންސީ ޕާސްޕޯޓު" ދޫކުރުމަށް ވެސް ހަމަޖެއްސިއެވެ.

ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން، މިދިޔަ މެއި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން އޮތީ މެދުކަނޑާލާފައެވެ. ނަމަވެސް އަންނަ ހަފުތާގައި އާ ސްޓޮކް ލިބުމާއެކު މި ހުރިހާ ދަތިތަކަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު