މަޖުނޫން ފިލްމުގެ ޕޯސްޓަރެއް-
މަޖުނޫން ފިލްމުގެ ޕޯސްޓަރެއް-
ދިވެހި ސިނަމާގައި ނަންވިދާ ކުޅަދާނަ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ އައު ފިލްމު "މަޖުނޫން" އަކީ މި ފަހަކަށް އައިސް ދިވެހި ސްކްރީނުން ނުފެންނަ ވަރުގެ ފުން އަދި ފުރިހަމަ ރޮމޭންސެއް ފެނިގެންދާނެ ފިލްމެއް ކަމަށް އޭނާ ހާމަކޮށްފިއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިއަދާ ހަމައަށްވެސް އެންމެ ރޮމޭންޓިކް ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ފަނޑުވުމެއް ނެތި ވިދަމުން އަންނަ އެއް ފިލްމަކީ ނަހުލާގެ ކާމިޔާބު ފިލްމު "ކަލާޔާ ނުލާ" އެވެ. އަލަށް ނިކުންނަ "މަޖުނޫން" އަކީ އެފަދަ އެތައް އިހުސާސްތަކެއް އަލުން ދިރުވައިދޭނެ ފިލްމެކެވެ.

މި ފިލްމުން "ކަލާޔާ ނުލާ" މަތިން ހަނދާންވާނެ އެތައް ސަބަބުތަކެއް ހުރިއިރު، އެ ފިލްމުގެ މަޝްހޫރު ލަވަ "ނުދާނޭ މިރޭގެ ހަނދާން" ގެ ރީމޭކް ލަވައެއްގެ ލިރިކަލް ވީޑިއޯ ވަނީ ދާދި ފަހުން އާންމުކޮށްފައެވެ. މި ލަވައަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާއިރު، އޭނާގެ ކުރީގެ އަސަރުގަދަ ލޯބީގެ ފިލްމުތަކުގެ އަސްލު އިހުސާސްތައް އަނބުރާ ގެނެސްދެވިއްޖެ ކަމަށް ނަހުލާ ވަނީ އެންމެ ފަހުން ބޭއްވި ޓިކްޓޮކް ލައިވްގައި ބުނެފައެވެ.

"ނިޝާމެން، ޝިރާނީމެން އިރުގެ ރޮމޭންސެއް ކަހަލަ ރޮމޭންސެއް މިއީ،" ކުރީގެ ރަންޒަމާނުގެ ފިލްމުތަކަށް އިޝާރާތްކުރަމުން ނަހުލާ ބުންޏެވެ.

ނަހުލާ އިތުރަށް ހާމަކުރި ގޮތުގައި، ސްކްރީނުގައި އޭނާ ބޭނުންވި ގޮތަށް އެ އަސަރުތައް ދައްކުވައިދެވުނީ ފިލްމުގައި ހިމެނޭ ތަރިންގެ މޮޅު ހުނަރުވެރިކަމުގެ ސަބަބުންނެވެ. އަދި މިއީ ހަމައެކަނި ލޯބީގެ ފިލްމެއް ނޫން ކަމަށާއި، ފިލްމު ބަލަމުންދާއިރު ހިތުގައި ހިފަހައްޓާލައިގެން، ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ އެތައް ވަގުތުތަކެއް ފެނިގެންދާނެ ކަމަށްވެސް

އޭނާ ބުންޏެވެ.

މި އުފާވެރި ވާހަކަތަކާއެކު ނަހުލާ ވަނީ ބެލުންތެރިންނަށް ހިތާމަވެރި ޚަބަރެއްވެސް ހިއްސާކޮށްފައެވެ. އެއީ، ފިލްމު ބަލަން ބޭނުންވާ ހުރިހާ ފަރާތްތަކަށް ސްކްރީނުން މި ފިލްމު ބަލައިލުމުގެ ފުރުސަތު ނުލިބިދާނެ ކަމެވެ. އެހެން ފިލްމުތަކާ އަޅާބަލާއިރު އޮލިމްޕަސް ސިނަމާ ލިބިފައިވަނީ ވަރަށް ކުރު މުއްދަތަކަށް ކަމަށްވާތީ، ލިބިފައިވާ މި މަދު ފުރުސަތުގެ ބޭނުން ހިފައި ވީހާވެސް އަވަހަކަށް ޓިކެޓު ނެގުމަށް ނަހުލާ ވަނީ ބުނެފައެވެ.

މިހާރު އޮލިމްޕަހުގެ ކައުންޓަރުން ޓިކެޓު ވިއްކަމުން އަންނައިރު، ފަސޭހަކަމާއެކު އޮންލައިންކޮށް ޓިކެޓު ގަތުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން އޮންލައިންކޮށް ޓިކެޓު ބައްލަވައިގަތުމަށް 7844422 އަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ކުރިއަށް ގެންދެވޭނެއެވެ.

ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ "މަޖުނޫން" އޮލިމްޕަހުގެ ބޮޑު ސްކްރީނުގައި ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު