އަޅުގަނޑު މިސިޓީ ލިޔަން މިޖެހުނީ ހަމަ ހިތުގާ ހިނގާ ޝުޢޫރުތައް ގިނަ ކަމުން އެވާހަކަތައް ތިޔަ ނޫސް މެދުވެރިކޮށް މި ގައުމުގެ ގިނަ ބަޔަކު ވަރަށް ލޯބިވާ އަދި އެހާމެ އިހުތިރާމު ކުރާ ބޭފުޅެއްގެ ކަންފަތް ޕުޅަށާއި ރައްޔިތުންގެ މަޖިލީހުގެ ކަންފަތް ހުރިއްޔާ އެތަނުގެ ކަންފަތަށް ވެސް މިވާހަކަ އިއްވާ ލުމުގެ ނިޔަތުގައެވެ. އަދި މި ސިޓީ ތިޔަނޫސް މެދުވެރިކޮށް ރަށްދު ކޮށްދޭން މި ވިސްނީ ތިޔަ ނޫހުގެ މިނިވަން ކަމާއި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ ތިޔަހަރަ ޖަހަމުން ގެންދާ ޚަބަރުތަކާއި ރިޕޯޓްތައް ފެނިފައި މިސިޓީވެސް ޖަހާލާނެ ކަމުގެ ޔަގީންކަން އޮތަތީއެވެ.

އަޅުގަނޑު ދައްކާން މިއުޅޭ ވާހަކަ ފަށްޓާނަމެވެ. މިހަފުތާ ފެށުނު ތަނުން އިވުނު އެއްވާހަކައަކީ މީގެ ހަތް އަހަރު ކުރިން ކޮންމެވެސް މީހަކު، އާދައިގެ އާންމު ރައްޔިތަކު ކެނެރީގޭ މުޙައްމަދު ނަޝީދު ނުވަތަ ރައީސް ނަޝީދާއި ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކެއް ތަހުގީގު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފުލުހުންނަށް ހުށައެޅި ވާހަކައެވެ. ތެދުފުޅެކެވެ. އޭނާ އެ ވިޑިއޯގައި ދައްކަނީ ވަރަށް ހައްސާސް ވާހަކައެކެވެ. ސާބިތު ކޮށްދޭން ޖެހޭވަރުގެ ވާހަކަ އެކެވެ. ދިވެހި މުސްލިމަކަށް ނިސްބަތްކޮށް އޭނާގެ ދީނީ އަގީދާއާއި ގުޅޭ ވާހަކައެކެވެ.

އެމީހަކު ލައްވާ އެވާހަކަ ބަޔަކު ކިޔައިދެނީ ރެކޯޑް ކޮށްގެން ބޭނުން ކުރަންކަން އެނގޭ ވަރަށް އޭނާއާއި ސުވާލު ކުރެއެވެ. ފާޅުގައި އޭނާ ލައްވާ އެވާހަކައެއް ދައްކުވަނީއެވެ. ވަކި މަގުޞަދެއްގައިކަން އެނގެއެވެ. ދެން އެމީހުން އޭގެ ބާނުން ކުރަނީ ރައީސް ނަޝީދަކީ ލާދީނީ މީހެއްކަން ދިވެހި ރައްޔިތުންނަށް ބުނެދީ ރައީސް ނަޝީދުގެ އަގު ވައްޓާލައި ނޫނީ އިތުބާރު ގެއްލުވާލާ ނަފުސު ކަތިލުމަށެވެ.

ދެން މީގެ ހަތްއަހަރު ކުރީންވެސް އެބަޔަކު ޓީވީ ތަކުގައި އެވާހަކަ ދައްކައި އެ ވީޑިއޯއެއް ދެއްކިއެވެ. ގަބޫލުކުރާ ބަޔަކު ގަބޫލުވެސް ކުރިކަމަށްވެއެވެ. ގަބޫލު ނުކުރާ މީހުންނަށް އެއީ ހަމަ ވަކި މަގުޞަދެއްގައި ކޮށްގެން އުޅޭ ކަމެއްކަން އެނގި އެކަމަކާއި އަޅައެއް ނުލައެވެ. އަދި އޭރު ރައީސް ނަޝީދަކީ އަޅުގަނޑު ދަންނަ ޑިމޮކްރެސީގެ ބައްޕަ ކަމަށްވާތީ އެއީ ރައީސް ނަޝީދަކަށް ވެސް މާބޮޑު ކަމަކަށް ނުވިއެވެ. އެވިޑިއޯގައި އެކިޔާ އެއްޗެއް ދޮގުކުރާކަށް ނުވަތަ އެމައްސަލަ ބަލާކަށް އެއްވެސް ތާކަށް އެވިޑިއޯއެއް ހުށައެއްވެސް ނާޅުއްވައެވެ.

ހަމަގައިމުވެސް ރައީސް ނަޝީދުގެ އަމަލު ތަކުން މުސްލިމު ނޫން ސިފައެއް ނުފެނެއެވެ. މިސްކިތައް ނަމާދަށް އަރާވަޑައިގަންނަވާތީ ފެނެއެވެ. ދީނީ ޢިލްމުވެރިންނާއެކު އުޅުއްވާތަން ވެސް ފެނެއެވެ. އަޅުގަނޑުމެންނަށް ކަންކަން ފެންނާނީ ބޭރުފުށުންނެވެ. އެތެރެފުށުގައި އޮތް އެއްޗަކާއި ކަމެއް މޮޅަށް ދެނެވޮޑިގެންވާނީ އެންމެ ފަރާތަކެވެ.

ދެން ތިޔަ ވިޑިއޯއެއްގެ ވާހަކަ ބާއްވަމާ ހިނގާށެވެ. ރައީސް ނަޝީދުގެ އެންމެ ކައިރީގައި މިހާރު ޖަލްސާތަކުންނާއި ބައެއް ފޮޓޯތަކުން އެފެންނަ އިމްރާން ރައީސް ނަޝީދޭ ކިޔައިގެން ކިޔާފައި ހުރި ހަޑިހުތުރު އެއްޗެއްސާ ރައީސް ނަޝީދުގެ ދީނީ އަގީދާއާއި ބެހޭގޮތުން އެހަރަ ކިޔާފައި ހުރި އެއްޗެއްސަށް ބަލާއިރު ތިޔަ ވިޑިއޯގައި އެކިޔާ އެއްޗެހި ނޫނީ އެދައްކާ ވާހަކަ އެއީ ހަމަ ސުމެކެވެ.

އިމްރާން އޭރު "ޝައިޚަކަށް ވެގެން" ދީނީ ގޮތުން ރައީސް ނަޝީދޭ ކިޔައިގެން ނުދައްކަނީ ކޮންވާހައެއް ހެއްޔެވެ؟ އޭރުގެ ރެކޯޑިންގ ތައް މިހާރުވެސް އެހެރީއެވެ. އެވާހަކަތައް މިތާނގައި ދިގުކުރާން ނުދެއްކިޔަސް މިހާރުވެސް ޔޫޓިއުބަށް ވަދެ ޕްލޭ ކޮށްލާށެވެ. އޭނާއަށް ނަޝީދާ ބެހޭގޮތުން ނޭނގެނީ ކޮންވާހަކައެއްތޯއެވެ؟ ނަޝީދު މީހެއްގެ ކައިރީގައި "ރޭ ކޮށްފައި" އޮތަސް އޭނާއަށް އެނގެއެވެ. އެއީ މިހާރު މިނިސްޓަރ އިމްރާން ވީމާ ޝައިޚް އިމްރާން ކޮށްފައި ހުރި ކަންކަން ވަޒީރެއްގެ އިސްތަށިފުޅުގައި ނޭޅެންޏާ ދެން ދަންނަވާނެ ވާހަކައެއް ނެތެވެ.

އެކަމަކު މިގައުމުގައި މިތެބެނީ ކޮން ކަހަލަ ނޫސްވެރިންނެއް ބާވައޭ އަޅުގަނޑު ހިތައް އަރައެވެ. މިވާހަކަ ހަމައެއްވެސް ނޫސްވެރިއަކަށް ލިޔަން ނުފެންނާތީ ނޫނީ ނޭނގޭތީ ހަމަ އެހެން އަހާލެވުނީއެވެ. އެވާހަކަވެސް މިތާގައި ލިޔެލާނަމެވެ.

މީގެ ހަތް އަހަރު ކުރިން މީހަކު ދައްކާފައި އޮތް ވާހަކައެއް ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކޮށްދޭން ފުލުހުންނަށް ހުށައެޅިއިރު އެއަށް ވުރެ ފަހުންނާއި އޭގެ ކުރިން މި ދަންނަވާ ޝައިޚް އިމްރާން ދައްކާފައި އެހެރެ ވާހަކަތައް ތަހުގީގު ކުރަން ނުފޮނުވީމާ އަޅެ ސުވާލު ނުއުފެދުނީ ކީއްވެ ބާވައެވެ؟

އިމްރާން ދެއްކި ވާހަކަތައް ސާބިތު ނުކޮށް އިމްރާން ޕްރޮމޯޓް ކުރި ވިޑިއޯއެއްގެ މައްސަލަ މިބަލަނީ ކީއްވެގެން ބާވައޭ ހަމަ ސުވާލު އުފެދެނީއެވެ. އަނެއްކޮޅުން އެމީހަކު އެވާހަކައެއް ދެއްކިއިރު ރައީސް ނަޝީދު ހުންނެވީ މަޖިލީހުގެ ރައީސަކަށްވެސް ނޫނެވެ. އެހެން ވިއްޔާ މިހާރު އެމައްސަލަ ތަހުގީގު ކުރަން މަޖިލީހަށް އޮތީ ކޮން ގާނޫނީ ހައިސިއްޔަތެއްބާވެއެވެ؟ މިހާރު އެކަން މަޖިލީހުން ކޮށްފިއްޔާ މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރެއްވުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތު ނުކުރާނެ ބާވައޭ ހަމަ ސުވާލު އުފެދޭތީ އެވާހަކަ އަހާލަން ބޭނުންވީއެވެ.

މީގެއިތުރުން އަޅުގަނޑުމެން ފަދަ ގިނަ ބަޔަކު ގަބޫލުކޮށް ބަލައިގަންނަ ޑިމޮކްރެސީގެ ބައްޕަ، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވި ދިވެހި "މަންޑޭލާ"ގެ ފިކުރު މަޖިލީހަށް ވެދެވަޑައިގެންނެވުމުން ބަދަލުވީ ބާވައޭވެސް ބައެއް ފަހަރު ސުވާލު އުފެދެއެވެ.

އަޅުގަނޑު ހަމަ އަދިވެސް ދަންނަވާނީ ތިޔަ ތަހުގީގެއް ހިންގަވަންޏާ އެންމެ ފުރަތަމަ އެންމެ އަރިހުން ފެއްޓެވުމަށެވެ. މާދުރުން ނުފަށްޓަވައި އަރިހުގައި މިހާރު ތިޔަހަރަ އިމްރާނާއި ހަމައިން ތަހުގީގު ފަށްޓަވާށެވެ.

އެކަމަކު މަޖިލީހުގެ ތެރެއަކުން ނޫނެވެ. އޭނާ އެ އެތިވަރު ގޮވިއްޔަކީވެސް މަނިކުފާނު މަޖިލީހުގެ ރައީސް ކަމުގައި އިންނަވަނިކޮށެއް ނޫނެވެ. އެހެންވީމާ އެމައްސަލަވެސް މަޖިލީހުން ފުލުހުންނަށް ހުށައެޅިޔަ ނުދެއްވައި އަމިއްލަފުޅު ކޮންމެވެސް ބާރެއްގެ ބޭނުން ކުރައްވާށެވެ. މިވާހަކަ މިދެންނެވީ ހަމަ ހެޔޮއެދޭ މީގެއްގެ ހައިސިއްޔަތުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-3

ޙަސަނު

27-May-2020

ޢަންނިއަކީ ހަމަ ކަމުދާމީހެއްނޫން. ޑެންމާކުގަ ދެއްކިވާހަ ސިޓީލިޔުންމީހާ ބެލުން އެދެން.


19

ހާޝިމް

27-May-2020

ވަރަށް ފުރިހަމަ ސިޓީ އެއް ރަނގަޅު ވާހަކަ ތަކެއްވެސްމެ


21

ހާޝިމް

27-May-2020

ވަރަށް ފުރިހަމަ ސިޓީ އެއް ރަނގަޅު ވާހަކަ ތަކެއްވެސްމެ



ޓްރެންޑިން