މިސްކިތަށް ވަންނަން އަންހެނުން ބުރުގާ އަޅަން ނުޖެހޭނެ ކަމަށް ދީނީ އިލްމްވެރިޔާ ޝައިހް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

ޝައިހް ހުސެއިން ރަޝީދު މިހެން ވިދާޅުވީ ރާއްޖެއަށް ކަނޑައަޅާފައި ހުންނަ އިނގިރޭސި ސަފީރު ކެރޮން ރޮސްލަރއާއި އަދި އިތުރު ދެއަންހެނަކު ބުރުގާ ނާޅައި އިސްލާމީ މަރުކަޒަށް ވަތް މައްސަލައިގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެ މުސްލިމުންގެ ސަގާފަތަށް އިހުތިރާމު ކުރަށްވަން ސަފީރުގެ އަރިހުން އެދިވަޑައިގެންފައި ވަނިކޮށެވެ. އެކަމުގައި އާންމުންގެ ގިނަ ބަޔެއްގެ ފާޑުކިޔުންވެސް އިސްލާމިކް މިނިސްޓްރީއާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޝެއިހް ހުސައިން ރަޝީދު އަހުމަދު ވިދާޅުވީ އަލް މަސްޖިދުލް ހަރަމް ފިޔަވައި އެހެން މިސްކިތްތަކަށް ޣައިރު މުސްލިމުން ވަނުމަކީ ހުއްދަ ކަމެއް ކަމަށެެވެ.

މިސްކިތަށް ވަނުން އިސްލާމްދީނުގައި މަނާކުރައްވާފައިވަނީ ހައިޟުވެރިންނާއި ނިފާސްވެރިންނަށް ކަމަށް ޝައިހް ހުސެއިން ރަޝީދު ވިދާޅުވިއެެވެ. އެމްޑީޕީގައި އިސް ދައުރެއް އަދާކުރައްވާ ހުސައިން ރަޝީދު ވިދާޅުވީ އިސްލާމްދީނުގައި އެގޮތަށް އަންގަވާފައިވަނީ މިސްކިތް "ހަޑި" ވެދާނެތީ ކަމަށެވެ.

"މިސްކިތަށް ވަންނާށޭ ކިޔާފައި ބުރުގާ އަޅާކަން ނުޖެހޭ، އަދި ޣައިރު މުސްލިމަކު ބުރުގާ އެޅުވުމުގެ ބޭނުމެއް ވެސް ނެތް. އެބަޔަކު އަޅުގަނޑުމެންގެ މުޖުތަމައުގައި ހުތުރު ނުވާގޮތަށް ހެދުން އެޅީމަ ފުދޭނެ."އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރެއްވި ޝައިހް ހުސެއިން ރަޝީދު ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު