އަހުމަދު މަސްނޫމް   16 ފެބްރުއަރީ 2022 - 20:12
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ދިމާކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ސްޓޭމް ސެޓެއް ނެރެފިއެވެ.

ސްޓޭމްޕް ސެޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އުފެއްދުމުގެ ބާނީން ކަމުގައި ގިނަ ބަޔަކު ދެކޭ ހެލްތު މިނިސްޓަރ އަހުމަދު ނަސީމް، ޖޯޖް ކޯބިން، އަދި މަޓީގެ ޗެއަރމަން އެމްޔޫ މަނިކާއި ވައިސް ޗެއަރމަން ހުސެއިން އަފީފް އަދި ރާއްޖޭގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ އަހުމަދު މުޖްތަބާ ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޙު ދައްކުވައިދޭ މިސްޓޭމްޕް ސެޓް ނެރުމުގެ ރަސްމިއްޔާތުގައި ސްޓޭމް ކަލެކްޝަން އިޝޫގައި މި ބޭފުޅުން ވަނީ ސޮއިކުރައްވާފައެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރ މައުސޫމް ވިދާޅުވީ މި ސްޓޭމްޕްތަކަކީ މިއަހަރަށް މިނިސްޓްރީން ރާވާފައިވާ މުހިންމު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއްކަމަށެވެ. އަދި ޕޯސްޓް ލިމިޓެޑުން މި ސްޓޭމްޕްތައް ނެރެދެއްވިކަމަށްޓަކައި މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް މިއަހަރަށް ރާވާފައިވާކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަފީޤް ވިދާޅުވީ، ޤައުމެއްގެ ޕޯސްޓަލް ސާވިސްއިން ތަޢާރަފުކުރާ ސްޓޭމްޕްތަކަކީ އެ ޤައުމުގެ ތާރީޙާއި ތަރައްޤީއާއި ވަރަށް ބޮޑަށް ގުޅިލާމެހިގެން ތަޢާރަފުކުރެވޭ ސްޓޭމްޕް ތަކެއް ކަމަށެވެ. އަދި މީގެކުރިން ފަތުރުވެރިކަމާއި ގުޅޭ ސްޓޭމްޕްތައް ތަޢާރަފު ކުރެވުނު ކަމުގައިވިއަސް މިއީ، ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރުގެ ދިގު ތާރީޙް އެންމެ ރަނގަޅަށް ރަމްޒުކޮށްދޭ ސްޓޭމް ކަލެކްޝަންކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ 50 އަހަރު ރަމްޒުކޮށްދޭ 6 ސްޓޭމްޕެއް ޕޯސްޓު ލިމިޓެޑުން ވަނީ ނެރެފައެވެ.

މި ސްޓޭމްޕް ސެޓްގައި ހިމެނެނީ ފަތުރުވެރިކަން ރާއްޖޭގައި ފެށުނު 1972 ވަނަ އަހަރު ރަމްޒު ކޮށްދޭ ސްޓޭމްޕަކާއި 1986 ގައި ވޯޓާ ވިލާ ރާއްޖެއަށް ތަޢާރަފުވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި 1987 ވަނަ އަހަރު ހޮސްޕިޓަލިޓީ ޓްރެއިނިންގ އިންސްޓިޓިއުޓް އިފްތިތާޙްކުރެވުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި 1993 ވަނަ އަހަރު ސީޕްލޭން ޙިދުމަތް ރާއްޖޭގައި ފެށުން ރަމްޒުކޮށްދޭ ސްޓޭމްޕަކާއި 2010 ވަނަ އަހަރު ގެސްޓް ހައުސް ވިޔަފާރި ރާއްޖެއަށް ތަޢާރަފުވުމާއި ގުޅޭ ސްޓޭމްޕަކާއި މިއަހަރު ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމާއި ގުޅިގެން އެކަމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭމްޕެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމަށް މުޅި އަހަރަށް ބަހާލައިގެން ހަރަކާތްތަކެއް ވަނީ ރާވާފައެވެ.



ކިޔުންތެރިންގެ ހިޔާލު