ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗް އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އެ ފެސިލިޓީ އައިޖީއެމްއެޗް އާއި ހަވާލު ކޮށްދެއްވަނީ
ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީ އައިޖީއެމްއެޗް އާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އެ ފެސިލިޓީ އައިޖީއެމްއެޗް އާއި ހަވާލު ކޮށްދެއްވަނީ
 ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ހެދި މެޑިކަލް ފެސިލިޓީގެ މަސައްކަތް ނިންމައި އެތަން އައިޖީއެމްއެޗާ ހަވާލުކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއާއި، ސިފައިންގެ ވެރިންނާއި، އައިޖީއެމްއެޗްގެ ވެރިން ބައިވެރިވެވަޑައި ގެންނެވިއެވެ.

އަދި މެޑިކަލް ފެސިލީޓީ ހެދުމުގެ މަސައްކަތުގައި ޝާމިލްވި ފަރާތްތައްވެސް ބައިވެރިވިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީ ހެދުމުގައި އިސްކޮށް މަސައްކަތް ކޮށްފައިވަނީ ދިވެހި ސިފައިންނެވެ.

ސިފައިންގެ އިތުރުން، އެ މަސައްކަތުގައި އެޗްޑީސީ، އެމްޑަބްލިޔުއެސްސީ، ސްޓެލްކޯ، ފެނަކަ، އެސްޓީއޯ، މަސީ، އަދި އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، ޕްލޭނިންގ މިނިސްޓްރީގެ މުވައްޒަފުންވެސް ހަރަކާތްތެރިވެފައި ވެއެވެ.

މިދިޔަ އޭޕްރީލްމަހުގެ ކުރީކޮޅު އެންއީއޯސީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މެޑިކަލް ފެސިލިޓީ ހެދުމުގެ މަސައްކަތަށް 12 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި އެތަނަށް ބޭނުންވާ އެކިކަހަލަ ސިއްހީ އާލާތްތައް ހޯދުމަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް މަބުރޫކް ވިދާޅުވިއެވެ.

މިފެސިލިޓީ ނިމޭއިރު 300 އެނދުގެ ކެޕޭސިޓީ ބިލްޑިންގއަކާއި ސާވިސް ބިލްޑިންގްއެއްގެ އިތުރުން އެކޮމޮޑޭޝަން ބިލްޑިންގއެއްވެސް ހުންނާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ސާވިސް ބިލްޑިންގެ ބޭނުމަކީ ލޯންޑްރީއާއި ވޭސްޓް މެނޭޖްމަންޓާއި ބަދިގޭގެ އިތުރުން އެހެނިހެން ޚިދުމަތްތައް ދިނުން ކަމަށާއި އެކޮމޮޑޭޝަން ބްލޮކްކަކީ އެތަނުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނަށް ތިބެވޭގޮތަށް ގާއިމްކުރާ ތަނެއްކަމަށް މަބްރޫކް ވިދާޅުވިއެވެ.

މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ބައެއް ސާމާނު މިމަހުގެ މެދުތެރޭގައިވަނީ ރާއްޖެ ގެނެސްފައެވެ.

ކޯވިޑް-19 އަށް ޚާއްޞަކޮށްގެން ހެދި މި ތަނަށް ގެންނަ ސާމާނު ފަހުން ބޭނުން ކުރާނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގެ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކުގެ ވަސީލަތްތައް ފުރިހަމަކޮށް އެތަންތަނުގެ ޚިދުމަތް ރަނގަޅު ކުރުމަށް އެ ތަންތަނުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން