ފްރަންޓްްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އެހީތެރިން
ފްރަންޓްްލައިންގައި ހަރަކާތްތެރިވާ ބައެއް ސިއްހީ އެހީތެރިން
ގޭގައި ކަރަންޓީން ކުރުމުގެ އުސޫލެއް އެކުލަވާލައި، އެޗްޕީއޭ އިން އެއުސޫލު އާންމުކޮށްފިއެވެ.

އެ އުސޫލުގައި ބުނެފައިވަނީ، ގޭގައި ކަރަންޓީން ކުރުމުގެ ބޭނުމަކީ، ކަރަންޓީންވާ މީހުންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ފެނޭތޯ ބަލާ، ބަލި ހުރިކަން އަވަހަށް ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް ކަމަށެވެ. އަދި އެއީ މުޖުތަމައު ތެރޭގައި ބަލި ފެތުރުން ހުއްޓުވަމަށްވެސް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށާއި އަލާމާތްތައް ނުފެންނަ މީހުން ގޭގައި ކަރަންޓީނު ވެ، އާއިލާއާ ދުރުގައި ވަކިން ހުރުމުން ނަފްސާނީ ގޮތުން އެމީހުންނަށް ލިބޭ ގެއްލުންތަކަށްވެސް ލުޔެއް ލިބިގެންދާނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ.

އުސޫލުގައި ބުނާގޮތުން ގޭގައިވެސް ކަރަންޓީނު ކުރުމަށް ހަމަޖެހިފައިވަނީ މީގެކުރިންވެސް ކަރަންޓީން ކުރާ 14 ދުވަހުގެ މުއްދަތަށެވެ. އަދި 14 ދުވަސް ހަމަވުމުން ކޯވިޑް-19 އަށް ޓެސްޓް ކުރުމަށްފަހު ނަތީޖާ ނެގެޓިވް ވުމުން ކަރަންޓީނުން ދޫކޮށްލެވޭނެ ކަމަށް އުސޫލުގައި ބުނެ އެވެ.

މިގޮތަށް ގޭގައި އެކަހެރި ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ޝަރުތުތައް ފުރިހަމަވާ ގެއެއް ނުވަތަ ތަންތަނުގައި ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ. އެގޮތުން ކަރަންޓީނުވާ ކޮޓަރި ހުރުން އެދެވިގެން ވަނީ ވައިދަރުވާގޮތަށް ފާހާނާއާއިއެކު ކަމަށާއި، އެކަކަށްވުރެ ގިނަ މީހުން ކަރަންޓީނު ކުރާނަމަ ދެއެނދު ދޭތެރޭގައި މަދުވެގެން 3 ފޫޓު ހުންނަންވާނެ ކަމަށް އުސޫލުގައިވެއެވެ.

އަދި ކޮޓަރީގައި ފަންކާ ހުރުމާއި، ފާހާނާގައި ސާފުފެން ލިބެން ހުންނަން ވާނެ ކަމަށާއި، އަތްދޮވެވޭނެ އިންތިޒާމް ހަމަޖެހިފައިވާ، ސާފު ފެން ލިބެން ހުންނަ ފާހާނާއަކަށް ވާންވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ހަމައެއާއެކު އެކަކަށްވުރެ ގިނަ މީހުން ފާހާނާ ބޭނުންކުރާނަމަ މަދުވެގެން ދުވާލަކު 2 ފަހަރު ސާފުކުރަންވާނެ ކަމަށާއި، އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހުންނާ އެއް ފާޚާނާއެއް، ކަރަންޓީނު ކުރާމީހާ ބޭނުންކުރުން އެދެވިގެން ނުވާ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ކަރަންޓީނުކޮށްފައިވާ މީހާ ބޭނުންކުރުމަށް ތަށި، ސަމުސާ، ތުވާލި އަދި ބެޑުޝީޓު، ބާލީސް ފަދަ ތަކެތި ވަކިކޮށްފައި ބެހެއްޓުމާއި، 60 އަހަރުން މަތީގެ މީހެއް/ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާ މީހެއް ގޭގައި ކަރަންޓީނު ކުރެވޭނީ، އޭނާގެ އެހީތެރިއަކު ހުރިނަމަ ކަމަށާއި، އަދި އެހީތެރިޔާ އަކީ އުމުރުން 60 އަހަރުން މަތީގެ ނުވަތަ ދާއިމީ ބައްޔަކަށް ބޭސްފަރުވާ ކުރާ މީހެއް ނުވަތަ ކަރަންޓީނުކުރެވިފައި ހުރި މީހެއް ނަމަ ގޭގައި ކަރަންޓިން ނުކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.

އެޗްޕީއޭ އިން އެދިފައިވަނީ ގޭގައި ކަރަންޓީންވާ ބޭނުންވާ ފަރާތްތައް އެކަމަށް ހާއްސަކޮށްފައިވާ ފޯމު ފުރުހިމަ ކުރުމަށްފަހު އެޗްޕީއޭ އަށް އީމެއިލް ކުރުމަށެވެ.

މީގެ ކުރިން ހެލްތް މިނިސްޓަރު އަބްދުﷲ އަމީންވެސް ވަނީ ގޭގައި ކަރަންޓިން ކުރަން ޖެހިދާނެ ހާލަތެއް އައިސްދާނެތީވެ، އެކަމަށް ތައްޔާރުވުމަށް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން