މިދިޔަ ހޯމަ ދުވަހު ހުޅުމާލޭ ދެވަނަ ފިޔަވަހީ ބުރިޖު ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ހާލިދު ޢަބްދުاللهގެ ސައިކަލްގައި ކާރަކުން ޖެހިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކަށް މަޢުލޫމާތު ދެމުން ފުލުހުން ބުނެފައިވަނީ ހާލިދު ވެއްޓުނީ އޭނާގެ ސައިކަލް އަނބުރައިލުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް ބެލެވޭ ކަމަށެވެ. ސައިކަލުން ވެއްޓުމުގެ ސަބަބުން ޚާލިދަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އޭނާއަށް މިހާރުވެސް އައިޖީއެމްއެޗުގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ މީގެ ކުރިން މަޢުލޫމާތު ލިބިފައިވަނީ ހާލިދުގެ ސައިކަލުގައި ކާރަކުން ޖެހުމުން އެކާރު އެ ސަރަޙައްދުގައި މަޑުނުކޮށް ދިޔައީ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ފޫޓޭޖުތައް ބަލައި މިހާތަނަށް ކުރި ތަހުގީގުން އެކްސިޑެންޓު ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެން ނޫންކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭގެ ބަދަލުގައި ސައިކަލް އަނބުރާލަން އުޅުމުގެ ތެރޭގައި ޚާލިދު ވެއްޓުނީ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލަ އަދިވެސް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު