-ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު-

އެންމެންނަކީ މައުލޫމާތާއި ހިތްއަލިކަމާއި ވިސްނުމުގެ ބާރާއި ޤާބިލުކަމާއި..... ހަމަ އެއްވެސް ކަމެއްގައި ހަމަހަމަ ބަޔަކަށް ނުވާނެކަމީ އެންމެން ދަންނަ ހަގީގަތެކެވެ. ކޮންމެ އިންސާނަކީ ވެސް ތަފާތު މީހެކެވެ. ވަރަށް އެއް ގޮތްކަމަށް ހީކުރެވުނަސް ހަމަ ތަފާތުވާނެއެވެ. ވީމާ މުޖުތަމަޢެއްގެ ތެރޭގައި، ރައްޔިތުންގެ މެދުގައި ލައްކަ ތަފާތުތައް ހުންނާނެތާއެވެ.

ރައްޔިތުންނަކީ އެ މުޖުތަމަޢެއްގައި އެ ރަށެއްގައި، އެ ޤައުމެއްގައި ދިރިއުޅޭ މީހުންނެވެ. ވީމާ ރައްޔިތުންގެ ދެނެގަތުމާއި ވިސްނުމުގައި ކުރީން މި ދެންނެވި ތަފާތުތައް ހުންނާނެއެވެ. މި ސަބަބަށްޓަކައި، ރައްޔިތުންނަށް ކަންކަން އޮޅުންފިލުވައިދެވޭންވާނީ އެންމެ އާދައިގެ މީހާގެ ވިސްނުމަށް ފޯރާ ވަރަށް ކަންކަން ތިލަކުރުމަށް ފަހުގައެވެ. އެއީ ޢާއްމުކޮށް މުޅި މުޖުތަމަޢަށް އަމާޒުކުރާ ކަންކަމަށް ވާނަމައެވެ.

މާލޭގައި ކޮރޯނާ ވައިރަހުގެ ނުރައްކާ ޢާއްމު ނުވަނީސް "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" މިސްކިތްތައް ބަންދުކުރެވުނެވެ. ދެން އިސްކޯލުތައް ބަންދުކުރެވުނެވެ. އޭގެ ފަހުން...... އެހެން ތަންތަން ވެސް ބަންދުކުރެވުނެވެ. މާލޭގައި ކޮވިޑް ފެތުރެން ފެށުމާއެކު މާލެ ފުރަބަންދުކުރެވުނެވެ. މާލެއަށް އަރައި ފޭބުން މަނާކުރެވުނެވެ. ޚާއްޞަ ހުއްދައެއް ނެތި، މީހުން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކުރެވުނެވެ. އަސާސީ ތަކެތި ބަލައި މާލެއަށް އަންނަ އުޅަނދު ފަހަރުން ވެސް މީހުން ފެއިބުމާއި އުޅަނދު ފަހަރަށް މީހުން އެރުން މަނާކުރެވުނެވެ. ރަށްރަށުން ގެންނަ އެއްޗެއް ބަލައި ވެސް ބަނދަރަށް ވަނުން ކޮންޓްރޯލްކުރެވުނެވެ.

މި ހުރިހާ ފިޔަވަޅުތަކަކީ ވެސް އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭ ފަދަ ފިޔަވަޅުތަކެކެވެ. ރަނގަޅު ފިޔަވަޅުތަކެކެވެ. މާލެ ކަހަލަ ބައިބޯ މުޖުތަމަޢެއްގައި ބަލިޖެހިފައިވަނީ ކާކުކަން ނޭނގި އެކަކު އަނެކަކާ އެއްތާވެއުޅުން އާންމު ވެއްޖެ ނަމަ، ނުވަތަ ނޭނގުމެއްގެ ތެރޭގައި ވެސް ބަލިޖެހިފައިވާ މީހަކާ އެއްތާވެވިއްޖެ ނަމަ، ބަލިފެތުރުމުގެ ފުރުޞަތު ބޮޑުވާނެކަން އެންމެ އާދައިގެ މީހާއަށް ވެސް ވިސްނެއެވެ. ވީމާ، އެ ފިޔަވަޅުތަކާ މެދު އެއްވެސް މީހަކު ސުވާލެއް ނޫފައްދާނެއެވެ. ޝަކުވާއެއް ނެތެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ފުރަބަންދުކޮށްފައި ވީ ނަމަވެސް އަދިވެސް ގިނައީ ކޮވިޑްގެ ހަމަ، އެއްވެސް އަސަރެއް ނެތް ރަށްރަށެވެ. އެ ފަދަ ރަށްރަށަށް ވެސް މީހުން އަރައި ފެއިބުން މަނާކުރެވިފައި އޮންނަތާ މަސްދުވަސް ވަނީއެވެ. މަސްވެރިކަން ކުރާން ދޯންޏަކަށް ހުއްދަ ދެވޭ ވިހި ތިރީސް މީހުން އެއްތާވެގެން މަހަށް ދިޔަ ކަމަށް ވިޔަސް އެ ދޯނީގެ މީހަކަށް އެހެން ރަށަކަށް ނުފެއިބެއެވެ. އެހެން ރަށެއްގެ މީހަކަށް އެ ދޯނީގެ މީހަކާ އެއްތާވެއެއް ނޫޅެއެވެ. ވީމާ ބަލިހުރި މީހަކާ އެއްތާވުމުގެ ސަބަބުން ބަލި ފެތުރުމުގެ ފުރުޞަތެއް ނޯވެއެވެ.

އެއިން ރަށަކަށް މީހަކު އެތެރެއެއް ނުވެއެވެ. ސަރުކާރުގެ ހުއްދަ ހޯދައިގެން އަންނަ މީހަކު ވެސް ކަރަންޓީނުގެ މަރުޙަލާތައް ނިންމައިގެން ނޫނީ މުޖުތަމަޢަކަށް ނުނުކުމެއެވެ. މާލެއިން ގެންނަ މުދާތައް ވެސް ބާލައި، ވަކި ގަޑިއިރެއް ވަންދެން ގުދަނެއްގައި ބެހެއްޓުމަށްފަހު، އޭގެ އަނެއް ދުވަހު ނޫނީ އޭގެ މިލްކުވެރީންނަށް ރައްދެއް ނުކުރެވެއެވެ. ރައްދުކުރަނީ ޖަރާސީމު ނައްތައްލުމަށްޓަކައި އަޅާ ފިޔަވަޅުތައް އެޅުމަށްފަހުގައެވެ. މި ފަދަ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އެ ފަދަ ރަށްރަށުގައި ކޮވިޑް ނެތްކަން ވަނީ ޔަގީންވެފައެވެ.

ރަށުގައި ކޮވިޑް ނެތްކަން ޔަގީންވާތީ ރަށުގައި އޮތީ ޢާއްމު ޙާލަތެވެ. މީހުންނަށް ވިޔަފާރިކުރެވެއެވެ. ޖޯލިފަތިތަކަށް ނުކުމެވެއެވެ. މާލެއިން ގެންނަ ތަކެތި ލިބެއެވެ. މަސްވެރީންނަށް މަހަށް ދެވެއެވެ. ދަނޑުވެރީންނަށް ދަނޑަށް ދެވެއެވެ. ރަށުގައި ބިރުވެރިކަމެއް ނެތެވެ. ގިނަ ފަހަރަށް ބިރުވެރިކަން އުފެދެނީ ޓީވީގެ އިސްކިރީނަށް އަރާ ޢަދަދުތަކާއި އިވޭ ޚަބަރުތަކުންނެވެ. ނަތީޖާއެއްގެ ގޮތުން ކިތަންމެ ގޭބިސީއަކުން ޓީވީ ބެލުން މުޅިން ހުއްޓައިލައިފިއެވެ. ކޮވިޑްގެ މަޢުލޫމާތު ގެނެސްދޭ ވަކި ޗެނެލެއް ހުންނަ ނަމަ ކޮންފަދަހޭ ހިތައް އަރައިގެންނެވެ. ނަމަވެސް މިއީ މުޅިން އެހެން ވާހަކައެކެވެ.

މި ދެންނެވީ ވަކި އެއް ރަށެއްގެ ވާހަކައެއް ނޫނެވެ. ވަރަށް ގިނަ ރަށްރަށުގެ ވާހަކައެވެ. ރަށެއްގެ ނަން ބޭނުންފުޅު ވާނަމަ، އެއީ ހައްދުންމަތީ މާވަށޭ ދަންނަވައިފާނަމެވެ. ވިއްސާރައިގައި ލިބުނު ގެއްލުންތައް ފިޔަވައި ޢާންމު ޙާލަތު އާދައިގެ ގޮތެކެވެ. ހަމަ އެކަނި އޮތް ހިތާމައަކީ ގައިދުރުކަން ބަހައްޓައިގެން ނަމަވެސް ކޮންމެވެސް އެއް މިސްކިތެއްގައި ވިޔަސް ނަމާދު، ޚާއްޞަކޮށް ހުކުރު ނަމާދު ނުކުރެވޭ މައްސަލައެވެ. ބަލިމަޑުކަން އެ ރަށެއްގައި ނެތްކަން ޔަގީންވެ، މަސް ދުވަސް ވާނދެން މީހަކު އަރައި ފޭބުން މަނާކުރެވިފައިވާ އަދި ބަލި އައުމުގެ ދޮރުތައް ބަންދުކުރެވިފައިވާ ރަށެއްގައި މަހަށް ދިޔުމާއި މި ނޫން ވެސް އިޖުތިމާޢީ ޙަރަކާތްތައް ހިންގާން ހުއްދަ އޮންނަ އިރު، މިސްކިތުގައި ނަމާދުކުރުން ބަންދުކުރެވިފައި އޮތުމުގެ މާނައެއް އާންމު ސިކުނޑިތަކަކަށް ނުވިސްނެއެވެ. އަދި މާލެއިން ރަށަށް ތަކެތި ގެންދެވި، އެ އޮންނަ އުޞޫލަކުން ރައްކާތެރިކަމާއެކު ލިބިގަނެވޭ އިރު، މާލޭގައި ތިބޭ ޢާއިލާގެ އެކި މީހުންނަށް އެ މީހުންގެ ދުވަހީ ޚަރަދުތަކަށް ލުޔެއް ހޯދައިދިނުމަށްޓަކައި މި ފަދަ ރަށަކުން ހަދިޔާއަކަށް އެއްޗެއް ފޮނުވައިލުން މަނާކުރެވިފައި އޮންނަ އޮތުމުގެ މާނައާ މެދު ރައްޔިތުން ސުވާލުކުރެއެވެ.



ޝައްކެއް ނެތެވެ. ބަލީގެ ޢަލާމާތެއް ފެނިފައިވާ ރަށަކުން ތަކެތި ފޮނުވުން މަނާކުރުމާއި އެ ފަދަ ރަށްރަށުގެ މިސްކިތްތައް ބަންދުކުރުމަކީ އަޅާންޖެހިދާނެ ރަނގަޅު ފިޔަވަޅުތަކެއްކަން އެންމެ އާދައިގެ މީހާ ވެސް ގަބޫލުކުރެއެވެ. ނަމަވެސް އަޅުގަނޑު މި ދެންނެވި (މާވަށް ފަދަ) ރަށް ރަށުގައި ހުކުރު ކުރުން މަނާކުރެވި، މާލެއަށް ހަދިޔާ ފޮނުވުން މަނާކުރެވިފައި އޮންނަ އޮތުމުން ލިބޭނެ ފައިދާއަކީ އެންމެ އާދައިގެ މީހާގެ ސިކުނޑިއަށް ވިސްނޭނެ އެއްޗެއް ނޫނެވެ. މިކަންކަން ތިލަކޮށް އޮޅުންފިލުވައިދެވެން އެބަޖެހެއެވެ.

ޓީވީތަކަކީ ހަމައެކަނި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ޢަދަދުތަކާއި ޚަބަރުތައް ގެނެސްދޭ އެއްޗަކަށް ހެދުމުގެ ބަދަލުގައި، ސަރުކާރުން އަޅުއްވާ އެކިއެކި ފިޔަވަޅުތަކުގެ ހަގީގީ ބޭނުމާއި އެކަމުން ރައްޔިތުންނަށް ލިބޭނޭ ފައިދާއާއި މަންފާ އޮޅުންފިލުވައިދޭ އެއްޗަކަށް ހެދިދާނެއެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ސަރކާރުން އަޅުއްވާ ކޮންމެ ފިޔަވަޅެއްގެ ސީދާ އަސަރު އެންމެ އާދައިގެ މީހާގެ ޖީބާއި ސިކުނޑިއަށް ފޯރާނެތީ އެ އަޅުއްވާ ފިޔަވަޅެއްގެ ސަބަބާއި ފައިދާ، އެންމެ އާދައިގެ ސިކުނޑިތަކަށް ވިސްނޭނޭހެން ގެނެސްދިނުމަކީ މުހިއްމު ކަމެކެވެ. ރައްޔިތުންގެ އުދާސްތަކަށް ލުޔެއް ލިބޭނީ، އެ މީހުންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނީ އޭރުންނެވެ.

ވީމާ، އެކި ބޭނުންތަކުގައި، ދަތުރުވަރެއްގައި މާލެ ގޮސް ރަށަށް ނުދެވި ގިނަ ބަޔަކު މާލޭގައި ތާށިވެފައި ތިބިއިރު، އެ މީހުން ރަށަށް ގޮސް ކަރަންޓީނުކޮށް، މުއްދަތު ހަމަކޮށްފައި ދޫކޮށްލާން ނަމަވެސް ރަށަށް ފޮނުވުމުގެ ކަންކަން މަނާވެފައި އޮތުމުގެ ހަގީގީ ސަބަބު ރައްޔިތުންނަށް ސާފުވުން މުހިއްމެވެ. ކޮވިޑްގެ އަސަރު ނެތްކަން ކަށަވަރުވެ މަސް ދުވަސް ވާނދެން ފުރަބަންދު ކުރެވިފައިވާ ރަށްރަށުގައި ޖަމާޢަތުގައި ނަމާދުކުރުން މަނާކުރެވިފައި އޮންނަ އޮތުމުން ލިބޭނެ ފައިދާއާއި އޭގެ ބޭނުން ރައްޔިތުންނަށް އޮޅުން ފިލުވައިދިނުމަކީ މުހިއްމު ކަމެކެވެ. އަދި އެ ފަދަ ރަށްރަށުގެ ރައްޔިތުން، މާލޭގައި ތިބޭ އެ މީހުންގެ ތިމާގެ މީހުންގެ ދުވަހީ ޚަދަރުތަކަށް އެހީތެރިވުމަށްޓަކައި ފޮނުވާ ހަދިޔާ (ކާށި، މަސް، ބަރަބޯ، ކަރާ ފަދަ ތަކެތި) ފޮނުވުން މަނާވެފައި އޮތުމުގެ ސަބަބާއި އޭގެ ހަގީގީ ބޭނުން އެންމެ އާދައިގެ ރައްޔިތުންގެ ސިކުނޑިތަކަށް ވެސް ވިސްނޭނޭހެން އޮޅުން ފިލުވައިދެވޭ ނަމަ، ރައްޔިތުންގެ އުދާސްތަކަށް ލުޔެއް ލިބޭނެއެވެ. ހިތްތަކަށް ތަސައްލީއެއް ލިބޭނެއެވެ. ނަފުސަށް ހިތްހަޖެހުމެއް ލިބޭނެއެވެ. ވީމާ ކޮވިޑްގެ އަސަރެއް ފާޅުނުވާ، އަދި މަސްދުވަސްވަންދެން ކަރަންޓީނުކުރެވިފައިވާ ރަށްރަށުގެ މިސްކިތްތައް ބަންދުވުމާއި ހަދިޔާ މަނާވުމުގެ ޙިކުމަތާއި ފައިދާ ރައްޔިތުންނަށް އޮޅުންފިލާން އެބަޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު


24

އަބޫމުޙައްމަދު

21-May-2020

ރަނގަޅު ސުވާލެއް!



ޓްރެންޑިން