ރައީސް ޔާމިނާ އެންމެ ގާތްކަމަށް މީހުންނަށް މިހާރު ފެންނަ އަދި ރައީސް ޔާމިން ޖަލުން ސަލާމަތް ކުރަން އެންމެ ވަރުގަދައަށް މިހާރު ވަކާލާތު ކުރަށްވާ ބޭފުޅެއްގެ ގޮތުގައި މީހުންނަށް ފެންނަ ބޭފުޅަކީ ޑރ. މުޙައްމަދު ޖަމީލު އަހުމަދު ކަމުގައި ވެދާނެއެވެ. އަދި ރައީސް ޔާމީންގެ ހުކުމާމެދު ސްޕްރީމް ކޯޓުން ނިންމާނެ ގޮތަކާއި މެދު ވާހަކަ ނުދެއްކުމަށް ޑރ. ޖަމީލް ވިދާޅުވަނީ އެހެން ވެގެން ކަމަށް ވެސް ވެދާނެއެވެ. އެކަމަކު ރައީސް ޔާމީނަށް ކޮށްފާނެ ހުކުމަކާމެދު ނޫނީ ހުކުމް އަންނާނެ ގޮތަކާމެދު އާންމުން، ރައީސް ޔާމިންގެ ސަޕޯޓަރުން އަދި މީޑިއާތަކުން އެވާހަކަ ނުދައްކާން ޑރ. ޖަމީލު އެންމެގެވި ނަމަވެސް އެ ވާހަކައެއީ ނުދައްކައި ތިބެވޭ ވަރަށް ވުރެ ހައްސާސް، ގައުމީ އަދި ރާއްޖޭގެ ސިޔާސީ މަޝްރަހާއިވެސް ގުޅުން އޮތް މުހިންމު ވާހަކައެކެވެ. ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމާމެދު އެންމެ ފަހުގެ ފައިސަލާ އިއްވުމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޓީމުން ބަހުސް ކުރާ ވަރަށް ނޫނީ އެއަށްވުރެ ވެސް ބޮޑުކޮށް އާންމުން، އަދި ރައީސް ޔާމީންގެ ސަޕޯޓަރުން އެވާހަކަ ދައްކާނެއެވެ. އެމީހުން އެކަމާމެދު ކަންބޮޑުވާ ވަރަކަށް އަދި ދައްކާ ވަރަކަށް އެވާހަކަތައް ނޫސްތަކަށް އަރާލެއްވެސް ގިނަ ވާނެއެވެ. އެއީ ޑރ. ޖަމީލަކަށް ވެސް ސްޕްރީމް ކޯޓަކަށް ވެސް ހުއްޓުވޭނެ ކަމެއް ހެނެއް ހިއެއް ނުވެއެވެ.


ޑރ. ޖަމީލް މިއަދު ރައީސް ޔާމީނަށް ކިތަންމެ ހެއުކަމަށް ބޭރުފުށުން ފެނުނަސް އެކަން އޮތީއަކީ މުޅިއަކުން އެހެނަކުން ވެސް ނޫނެވެ. ގިނަވާނީ ޑރ. ޖަމީލަކީ ރައީސް ޔާމީންގެ "ދުޝްމަނެކޭ" ބުނާ މީހުންނެވެ. މިހެން ބުނުމުން ޑރ. ޖަމީލުވެސް ރުޅިއިސް ނުކުރަށްވައި ހަމަ ބުއްދީން ވިސްނާވަޑައިގެންނެވުމަކީ ވަރަށް ބޮޑު އެދުމެކެވެ. މިއީ އަޅުގަނޑު ދެންނެވިޔަސް އެހެން މީހަކު ދެންނެވިޔަސް ހަގީގަތް އޮތް ގޮތެވެ. ހަގީގަތުގައި ވެސް މިއަދު ޑރ. ޖަމީލު އެމަސައްކަތް ކުރަށްވަނީ ހަމަ ރައީސް ޔާމީނަށް އޮތް ލޯތްބަކާއި ގަދަރަކާއި ކުރަށްވާ އިހުތިރާމަކާއި ތާއީދެއްގެ ބޮޑުކަމުން ކަމަށް ވެސް ވެދާނެއެވެ. ހަގީގަތުގައި ވެސް ރައީސް ޔާމީން އަލުން ވެރިކަމަށް ގެންނަން ޑރ. ޖަމީލުވެސް ބޭނުންފުޅު ވަނީ ކަމަށް ވެސް ވެދާނެއެވެ.

ނިކަން ބައްލަވާށެވެ. ޑރ. ޖަމީލަކީ އިއްޔެ ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވަން ވަކާލާތު ކުރެއްވި ބޭފުޅެކެވެ. 2013ގައި ރައީސް ޔާމީންގެ އަތްޕުޅުގައި ހިއްޕަވައިގެން ނުކުމެ ވަޑައިގެން އެމަނިކުފާނަށް ވެރިކަން ހޯއްދަވައި ދެއްވުމުގެ އާރްކާޓީއެވެ. އެކަމަކު ޒުވާން "ގޮލައަކު" އައިސް ރައީސް ޔާމީންގެ "ބޮލަށް ޗިޕް" ޖަހައިގެން ޑރ. ޖަމީލް މަގާމުން ވަކިކޮށް އަދި ނުވިތާކަށް އެތައް އިލްޒާމެއް އިސްތަށިފުޅުގައި އަޅުވައިގެން ގައުމުން ބޭރުގައި ހުންނަވަން މަޖުބޫރުކުރިވީ އެވެ. އެކަމަކު އެއީ އެކަން ވާނެ ގޮތް ކަމުގައި ގަބޫލުރާނީ ކިތައް މީހުން ތޯއެވެ؟

އެއީ މީހުންގެ ލޯމައްޗަށް އެމަންޒަރު ފެނުނު ގޮތް ކަމަށް ވިޔަސް ހަގީގަތަކީ އެއީ ކަމަށް ގަބޫލުކޮށް ބަލައިގަންނާނީ ކިތައް މީހުން ތޯއެވެ؟ ވިޔަފާރިއާއި ފައިސާވެރިކަމާއި ބާރާއި އާރާއި ނުފޫޒު ގަދަ އެތައް ބަޔަކާއެކު އުޅުއްވައި ބޮޑުފުޅުވެ ވެރިކަން ލިބިވަޑައިގެންނެވުމުން "ޅަ ސޮރަކަށް" ރައީސް ޔާމީންގެ އިސްތަށިފުޅަށް އެރިގެން ޖަމީލް ފަދަ ގާބިލު، ހުނަރުވެރި، ހިކުމަތްތެރި، ވިސްނުންތެރި އަދި ދުނިޔެވީ ތަޖުރިބާއާއި ސިޔާސީ ތަޖުރިބާތައް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްގެ ދުވަސް ދުއްވާލެވިދާނެކަން ހަމަ ބުއްދިން ވިސްނާ މީހަކު ގަބޫލެއް ނުކުރާނެއެވެ.

ކޮންމެއަކަސް އެއީ މާޒީއޭ ބުނެ އެކަން ހަނދާން ނައްތާލާފައި މިހާރު ޑރ. ޖަމީލު އެ ހުންނެވިގޮތަށް، ނޫނީ ބޭރުފުށުން ޑރ. ޖަމީލު އެފެންނަ ގޮތަށް އެކަން ގަބޫލުކޮށް ބަލައިގަނެގެން ކުރިއަށް ދެވެން ހަމަ ނެތީއެވެ. ރައީސް ޔާމީނަށް ހެޔޮއެދިވަޑައިގެން ލޮލުން ބޮލުން އެކަމަށް އެދިވަޑައިގެން ޖާނާއި މާލުން ގުރުބާންވެ ވަޑައިގެން ރައީސް ޔާމީން މިނިވަންކޮށް ރައީސް ޔާމީން އަލުން ރާއްޖޭގެ ވެރިކަމަށް ގެންނަން ޑރ. ޖަމީލު މަސައްކަތްޕުޅު ކުރަށްވަފާނެ ކަމަށް ގިނަ މީހުންނަށް ގަބޫލުކުރަން ދަތި ވީމާ ރައީސް ޔާމީނަށް ސްޕްރީމް ކޯޓުގެ ފަހުބަސް އިއްވާނެ ގޮތަކާއިމެދު ވާހަކަ ނުދައްކާން ޑރ. ޖަމީލު ވިދާޅުވުމުން އެކަން ތަންކޮޅެއް އައިބު ކަމަކަށް މީހުންނަށް ވަނީއެވެ. ރައީސް ޔާމީނާމެދު ސްޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ރައީސް ޔާމީނާއި ޕީޕީއެމް ކޯލިޝަނާއި ރާއްޖޭގެ ސިޔާސީ މަޝްރަހުގެ އިތުރުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުލަވަރާއި ވަހާއި ރަހަ މުޅިން ބަދަލުވެ އެ އިންތިޚާބާމެދު ބޭރުގެ ފަރާތްތަކުން ދެކޭ ގޮތް ވެސް ބަދަލުވެގެން ދިއުމަކީ ނުވެ ނުދާނެ ކަމެކެވެ.

މިމަހުގެ 30 ވަނަ ދުވަހު ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމާމެދު ނިންމާނެ ގޮތަކާމެދު އާންމުން ނުވަތަ ގައުމުގެ ގިނަ ރައްޔިތުން ދެކޮޅަށާއި އެއްކޮޅަށް ބަހުސް ކުރާ ދެތިން ސަބަބެއް ދަންނަވާލިޔަ ދެއްވާށެވެ.

ރާއްޖޭގެ ސިޔާސީ މަޝްރަހު މިހާރު އޮތް ގޮތަށް ބަލާއިރު ސިޔާސީ ލީޑަރުންގެ ހުރިހާ ވެސް ވިސްނުމަކާއި ކުރިމަގުގެ ދުރިމީ އަމާޒުވެފައި ހުންނާނީ 2023 ގެ ރިޔާސީ އިންތިޚާބަށެވެ. އެއިންތިޚާބުގައި ވާދަކުރާނެ އިދިކޮޅު ޕާޓީއަކަށް އޮތީ ޕީޕީއެމާއި ޕީއެންސީއެވެ. އިދިކޮޅަށް ނުކުންނާން ހުންނެވި ލީޑަރަކީ ހަމައެކަނި ރައީސް ޔާމީނެވެ. މިދެންނެވީ ސިޔާސީ ވިސްނުމުން ވިސްނާއިރު ރާއްޖޭގެ އެތެރޭގެ ވެސް އަދި ބޭރުގެ ވެސް ވިސްނުން ހުންނާނެ ގޮތެވެ. ކިތަންމެ ވަރުގަދަ އާ ޕާޓީއެއް އުފައްދައިގެން ކިތަންމެ މޮޅު ލީޑަރެއް އެއިންތިޚާބަށް ނެރެވިދާނެއެވެ. އެކަމަކު މިހާރުގެ ސަރުކާރާއި އިދިކޮޅު ޕާޓީއަކަށް ނުވަތަ އިދިކޮޅު ލީޑަރަކަށް ނޫނީ އިދިކޮޅު ލީޑަރުގެ މަގާމެއް ނުދެވޭނެ އެވެ. މި ހަގީގަތް ފުރަތަަ ގަބޫލުކުރަށްވާށެވެ.

ރައީސް ޔާމީނާމެދު ސްޕްރީމް ކޯޓުން ނިންމާ ނިންމުމަށް އެންމެންގެ އަމާޒު ހުއްޓެނީ، ނޫނީ އެވާހަކަ ގިނަ ބަޔަކު ދައްކާ އެއް ސަބަބަކީ އެއީއެވެ. ސްޕްރީމް ކޯޓުން ރައީސް ޔާމީންގެ ހުކުމް ދަމަހައްޓައިފި ނަމަ ދެން ވާނެ ގޮތާއި ނޫނީ ނުދަމަހައްޓައި ރައީސް ޔާމިން މިނިވަން ކުރުމުން ދެން ވާނެ ގޮތަކީ ގައުމީ ބަހުސެކެވެ. ޑރ. ޖަމީލު ބޭނުންފުޅަސް ބޭނުންފުޅު ނޫނަސް އެ ބަހުސް ކުރާނެ އެވެ. ކުރެވޭނެއެވެ.

އަނެއް ސަބަބަކީ ރައީސް ޔާމީނަށް އިންތިޚާބުގެ ފުރުސަތު ނުލިބޭ ހުކުމެއް މިހާރުވެސް އޮތް އިރު އަދި ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު ވެސް އިދިކޮޅުން އެހެން ކެންޑިޑޭޓަކު ރައީސް ޔާމިންގެ ފަރާތްޕުޅުން ވެސް އަދި އެހެން ގޮތަކުން ވެސް ދައްކާފައި ނުވުމެވެ. އިދިކޮޅުން އަދިވެސް ބުނަމުން އެގެންދަނީ އެމީހުންގެ ރިޔާސީ ޓިކެޓްގެ ހައްގުވެރިއަކީ ހަމަ އެކަނި ރައީސް ޔާމީން ކަމަށެވެ. އެކަމަކު އެއްބަޔަކު ހިސާބު ޖަހާގޮތުން އިދިކޮޅުގެ އެވިސްނުމަކީ 2013 ގައި އެމްޑީޕީން ގެންގުޅުނު ކަހަލަ ވިސްނުމެކެވެ. އޭރާއި މިހާރުގެ މަންޒަރާއި ހާލަތާއި ގޮތް ނިންމާން ތިބި މީހުން ތަފާތުވިޔަސް ދައްކާން އޮތީ ދާދި އެއް ވާހަކައެކެވެ. 2013 ގައި އެމްޑީޕީން ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އެނޫން އެހެން ގޮތެއް ނެތުނީމައެވެ. ރާއްޖޭގެ ވެރިކަމުގެ ތެރެއަށް ވަދެވޭން ހުރި ހުރިހާ މަގެއް އެޕާޓީއަށް ބަންދު ވީމައެވެ. ހަމައެކަނި އޮތް ފުރުސަތަކީ އިދިކޮޅުގައި އޭރު ތިބި އެންމެން ގޮވައިގެން އެމަގުން ހިނގައި ގަތުމެވެ. އެހެންވީމާ ފަހު ވަގުތު ރައީސް ނަޝީދުގެ ރިޔާސީ ޓިކެޓް "ޝަރުތު" ތަކަކާއެކު ވެސް ޞާލިޙަށް ދިނީއެވެ.

މިމަހުގެ 30 ގައި ސްޕްރީމް ކޯޓުން ނިންމާ ނިންމުމަކުން އިދިކޮޅުން ހަމަ އެމަންޒަރު ތަކުރާރުވުމަކީ ނުވެ ނުދާނެ ކަމެކެވެ. ސްޕްރީމް ކޯޓުން މިހާރު އޮތް ހުކުމް ނުދަމަހައްޓައި ރައީސް ޔާމީން މިނިވަން ކުރާން ނިންމި ނަމަވެސް ރައީސް ޔާމީން ޖަލުން ސަލާމަތްވެވަޑައި ނުގަންނަވާ ވަރަށް ޕީޖީ ޝަމީމްގެ އަތްޕުޅުގައި މައްސަލަތައް ހުރި ކަމަށް ބުނާތީ ސްޕްރީމް ކޯޓުގެ އެނިންމުމަކީ ކަނޑުގައި އަޅާލާ ރޮނގެއް ފަދަ ނިންމުމަކަށް ވާނެ ކަމަށް ފެންނާތީ 2023 ގެ ރިޔާސީ ޓިކެތް ރަން އުރައަކަށްލާފައި ސިލްޖަހައި ފޮރުވާފައި އޮތަސް އެއަކުން ރައީސް ޔާމީނަކަށް މާބޮޑު ފައިދާއެއް ކުރާނެ ކަމަކަށް އަދި މިފެންނަ މަންޒަރަށް ބަލައިގެން ހިސާބު ޖަހައިގެން ހަމަ ފައްސި ކޮށެއް ނުދައްކައެވެ.

އެހެންވީމާ މިއަދު އިދިކޮޅު ކޯލިޝަނަށް ވެސް އޮތީ ދެގޮތުންކުރެ އެއްގޮތެވެ. އެއްގޮތަކީ ރައީސް ޔާމިނަށް ވަފާތެރި ކޯލިޝަނަށް ވެސް ވަފާތެރި އިތުބާރު ހިފޭ ބޭފުޅަކު 2023 ގެ އިންތިޚާބަށް "ދޮން" ކުރުމެވެ. އަދި މަންޒަރު ނިއުޅެމުން ބޮޑުވަމުންދާ ގޮތަށް ބަލާއިރު ރައީސް ޔާމީނަށް ވެސް ހަމަ އޮތް ހާލަތަކީ 2013 ގައި ރައީސް ނަޝީދުގެ ކުރިފުޅުމަތީގައި ވެސް އޮތް ހާލަތެވެ. ލޯމަރާލާފައި ކުރިމަގަށް ރަނގަޅު ގޮތެއް ވާނެ ކަމުގެ އުއްމީދަކާއެކު ރިޔާސީ ޓިކެޓް ތަބަބަކަށް ލާފައި އެފަދަ ބޭފުޅަކަށް އެރުވުމެވެ. ޝަރުތުތަކެއް ވެސް ކުރެވިދާނެ އެވެ. އެކަމަކު އެއީ ހާސިލު ކުރެވޭނެ ކަމުގެ ސައްތައިންސައްތަ ޔަގީންކަން އޮތް އެއްޗަކަށް ނުބައްލަވައެވެ.

ފަހަރެއްގައި އެމީހަކީ ޑރ. ޖަމީލު ކަމުގައި ވެސް ވެދާނެ އެވެ. އަދި ރައީސް މައުމޫންގެ ދަރިކަމުން ޣައްސާނު ނުވަތަ މާވަށު ދާއިރާގެ ސަޢީދު ނޫނީ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ކަމަށް ވެސް ވެދާނެއެވެ. އެކަމަކު ޣައްސާނާ ޑރ. ޖަމީލަށް ރައީސް ޔާމިން ޝައްކެއް ނެތް މިންވަރަށް އިތުބާރު ކުރަށްވައިފާނެ ކަމަކަށް ހަމަ ވިސްނުމުން ވިސްނައިގެން ހަމަ ރަނގަޅަކަށް ނުވިސްނެ އެވެ. ބަދަލު ހިފުމަކީ އޭގައި ދިރުމެއްވާ ކަމަކަށް ވާތީއެވެ. މިދެބޭފުޅުންނަކީ ވެސް ރައީސް ޔާމިންގެ ވެރިކަމުގައި ހިތި ރަހަ ލާފައިވާ ދެބޭފުޅުންނަށް ވާތީއެވެ. ޖަމީލު ރަހަބެއްލެވީ ވަރަށް ވެސް ހިތި ކަންވާރަކުން އަމިއްލަ ފުޅަށެވެ. ޣައްސާނަށް ޖެހިވަޑައިގަތީ އަމިއްލަ ބައްޕާފުޅުގެ ތުންފަތްޕުޅުގައި އެ ހިތި ކަންވާރު ޖައްސަވައިގެން އެ ހިތި ބައްލަވާތަން ބައްލަވާން ހުންނަވާށެވެ.

ދެން އޮތީ ރައީސް ޔާމިންގެ ހުކުމް ސްޕްރީމް ކޯޓުން ވެސް ދަމަހައްޓައިގެން ނުވަތަ ނުދެމެހެއްޓީމާ އަލުން ޕީޖީ ޝަމީމާ ހަމައިން އިތުރު ހުކުމެއް ޖަހައިގެން ވެސް އިދކޮޅު ލީޑަރު ޖަލުގައި ބަހައްޓައިގެން ރިޔާސީ އިންތިޚަބަށް ދިއުމެވެ. އޭރުން އެއޮތީ 2013 ގެ ޑްރާމާގެ އެއްބައި ތަކުރާރުވެފައެވެ. އިދިކޮޅު ލީޑަރުވެސް ގޮވައިގެން ރިޔާސީ އިންތިޚާބަށް ވަޑައިގަންނަވާ ވާހަކަ ރައީސް ނަޝީދު އެވިދާޅުވަނީ މި ސަބަބަށްޓަކައި ކަމަށް ބެލެވެއެވެ. ޑިމޮކްރެސީގައި އޮންނަނީ އިންތިޚާބު ތަކުން ބަލި ކުރުން ކަމަށް ރައީސް ނަޝީދު މާބޮޑަށް ވެސް ގަބޫލުފުޅު ކުރަށްވަނީއެވެ. އެކަމަކު ކުށެއްކޮށްފައި އޮތިއްޔާ އެކަމުގެ އަދަބު އިންސާފާއި ހަމަހަމަ ކަމާއެކު ދިނުމަކީ ވެސް ޑިމޮކްރެސީގެ މައިގަނޑު އެއް ސިފައެވެ. ސްޕްރީމް ކޯޓުގެ ނިންމުން ކުރިއަށް އޮތުމުން މިއަށްވުރެ ބޮޑަށް މިވަގުތު މިވާހަކަ ދެއްކޭން ނެތީއެވެ.

ކިޔުންތެރިންގެ ހިޔާލު