އިދިިކޮޅުު ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން
އިދިިކޮޅުު ޕީޕީއެމްގެ އެއްވުމެއްގެ ތެރެއިން
މީގެ 33 އަހަރު ކުރިން ބަޑި ހިފައިގެން ރާއްޖެ އަރައި ޤައުމުގެ މިނިވަންކަން ނަގާލަން ބަޔަކު މަސައްކަތް ކުރި ގޮތަށް ނޫންނަމަވެސް، މިއަދު މިވަނީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުން ވާނެ އެތައް ކަމަކާއި ކުރިމަތިލާން ޖެހިފައި ކަމަށް އިދިކޮޅު ޕްރޮގަރެސިވް ކޯލިޝަނުން ބުނެފިއެވެ.

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނުގައި މީގެ 33 އަހަރު ކުރިން ދިވެހި ޚާއިނުންތަކެއް އަޑީގައި ތިބެ، ބޭރުގެ ކުލީ ސިފައިންގެ ބަޔަކާއި ގުޅިގެން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށްޓަކައި ދިން އުދުވާނީ ހަމަލާއިން ނަޞްރު ލިބުނުކަމަށްޓަކާ ޙަމްދާއި ޝުކުރުކޮށް، ބުނެފައިވަނީ މިހާރުވެސް ގައުމުގެ މިނިވަން ކަމާއި އިސްތިގުލާލަށް ގެއްލުންވާފަދަ އަމަލުތައް ފެންނަމުންދާ ކަމަށެވެ.

އެގޮތުން ރާއްޖޭގެ ހަރު މުދާ ވިއްކައި، އަޑި ނޭނގޭ ގޮތްގޮތަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ވަމުންދާ އެއްބަސްވުންތަކުގެ ސަބަބުން ޖެހެމުންދާ ދަންތުރަތަކާއި، އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ވަޒަންވެރިވެ ތިބެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން ގެންދާ ގެންދިއުން ފަދަ އެތައް ކަމަކުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލަށް ހިތަށްވެސް ގެންނާން ނޭނގޭ ފަދަ ގެއްލުންތައް ކުރިމަތިވަމުން ދާކަމަށް އެބަޔާނުގައި ބުނެފައި ވެއެވެ.

"އެކަންކަމުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލި ބޭރުބައެއްގެ އުނގަށް ޤައުމު ވަނީ ވެއްޓި ހުސްވެފައެވެ. އެހެންކަމުން ޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ދަމަހައްޓާ، އަންނަން އޮތް ޖީލާ ހަމައަށް ޤައުމު ވާސިލުކޮށްދިނުމަށް 1988 ނޮވެމްބަރު 3 ވަނަ ދުވަހު ޤުރުބާންވީ ފަދަ ޙުސައިން އާދަމްއަކަށް، އެދުވަހު ޤައުމީ ރޫޙުގައި ނުކުތް ދިވެހި ސިފައިން ފަދަ ޤައުމީ ލޭ ހިނގާ ދިވެހި ދަރީން ތަކަކަށް ޤައުމު ވަނީ ބޭނުންވެފައެވެ." ޕީޕީއެމުން ބުނެފައިވެއެވެ.

ޕީޕީއެމުން ބުނީ ނޮވެމްބަރު 3 ގައި މިޤައުމު ޚާއިނުންގެ ބައެއްގެ އަތްދަށަށް ދިޔުމުގައި ހުރަހެއްގެ ގޮތުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވި ބަޔަކީ، މާތްވެގެންވާ އިސްލާމް ދީނާއި ޤައުމުގެ މިނިވަންކަމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވުމަށް ޢަޒުމް ކަނޑައަޅައިގެން ތިބި ހިތްވަރުގަދަ ކެރޭ ދިވެހި ސިފައިންގެ ލަޝްކަރު ކަމަށެވެ.

ހަމައެއާއެކު މިޤައުމުގެ މިނިވަންކަން ގެއްލިގެން ހިނގައިދާނެ ނުރައްކާތެރި އުދުވާނީ ހަމަލާއެއް ޤައުމަށް ކުރިމަތިވި ވަގުތު މިޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް އަދުގެ ޖީލާއި ހަމައަށް ޤައުމު ވާސިލުކޮށްދީފައި ވަނީ ދިވެހި ދަރީންތަކެއްގެ ލޭ މިފަސްގަނޑަށް އޮހޮރާލައިގެން ވީ މަތިވެރި ޤުރުބާނީއަކާއެކުކަން ޕީޕީއެމުން ފާހަގަކޮށްފައިވެއެވެ.

"އެއީ އެދުވަހުގެ ހަމަލާއާއި ކުރިމަތިލީ ދިވެހި ސިފައިންގެ ޠާހިރު ލެއެވެ. އޭގެ ތެރޭގައި އެންމެ މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންނެވި އެއްބޭކަލަކީ މިޖީލުގެ ބަޠަލު ހދ. ކުޅުދުއްފުށީ މާވާގޭ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް އެވެ. ސިފައިންގެ މައި މަރުކަޒުގެ ތެރެއަށް ޚާއިނުން ވަނަ ނުދީ އެމީހުން ހިފެހެއްޓި ހިފެހެއްޓުމުން އެކަނިވެސް ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ކުޅަދާނަކަމާއި، ކެރުންތެރިކަމާއި، ހިތްވަރު ގަދަކަން ވަނީ ސާބިތުކޮށްދީފައެވެ." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

އޭގެއިތުރުން ޕީޕީއެމުން ބުނީ މިހާރުން މިހާރަށް ދިވެހި ރައްޔިތުން އަޅާންޖެހޭ ފިޔަވަޅުތައް ނާޅައިފިނަމަ، މިޤައުމު ދިވެހިންނަށް އަތުވުމަކީ ނާދިރުކަމެއްކަމަށެވެ. އެހެންކަމުން ވިސްނާ ފިކުރުކޮށް ޤައުމު އަނބުރާ ހޯދުމަށް ނުކުތުމަށް ޕީޕީއެމުން ވަނީ ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން