ޗައިނާ ކުންފުންޏެއް ކަމުގައިވާ ޓެލްހައު އިންޓަރނޭޝަނަލް އިންޖިނިއަރިން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން 200،000 (ދެ ލައްކަ) މާސްކު ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އެކުންފުނިން ރާއްޖެއަށް ހަދިޔާކުރި 200،000 މާސްކު އިއްޔެގެ ވަގުތެއްގައި ރާއްޖެއަށް ލިބިފައިވާ ކަމުގައި ޚާރިޖީވުޒާރާއިން ބުނެފައިވެއެވެ.

އެކުންފުނިން ދިން އެހީތެރިކަމާ ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާން ލިއޮން ވިދާޅުވެފައިވަނީ މިދަތި ދަނޑިވަޅުގައި ދެޤައުމު މަސައްކަތްކުރަމުންދަނީ އެކީގައި ކަމުގައެވެ.

އަދި މިއީ ސިލްސިލާކޮށް ޗައިނާ ކުންފުނިތަކުން ވެދެމުންދާ އެހީގެ ތެރޭގައި ހިމެނޭ އެހީއެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޓެލްހައު އިންޓަރނޭޝަނަލް އަކީ ޗައިނާގެ ޖިއާންޒީ ޕްރޮވިންސާއި ސިންގްހުއާ ޔުނިވަރސިޓީ ގުޅިގެން ކުރި މަސައްކަތްތަކުގެ ތެރެއިން އުފެދިފައިވަ ކުންފުންޏެކެވެ. އެކުންފުންޏަކީ މަތީ ފެންވަރުގެ ޓެކްނޮލޮޖީ އުފައްދާ ކުންފުންޏެކެވެ.

މީގެ ކުރިންވެސް ޗައިނާ ސަރުކާރާއި ސަރަހައްދީ ގައުމުތަކުގެ ސަރުކާރުތަކުގެ އިތުރުން ޗައިނާގެ ބައެއް ކުންފުނިތަކުންނާއި އަދި އެޤައުމުގެ އެންމެ މުއްސަނދި ބިލިއަނަރ، ޖެކް މާވެސް ދިވެހިރާއްޖެއަށް ބޭނުންވާ ޞިއްޙީ ސާމާނުތަކާއި އާލާތްތައް ހަދިޔާކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު