ސީރިޔާގައި ހަރަކާތްތެރިވަމުންދިޔަ އަލް ގައިދާގެ ސީނިއަރ ލީޑަރެއް މަރާލާފައިވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެގޮތުން، ސީރިޔާގައި ހަރަކާތްތެރި ވަމުން ދިޔަ އަލް ގައިދާގެ ސީނިއަރ ލީޑަރ އަބްދުލް ހާމިދު އަލް މަތާރު މަރާލާފައިވަނީ ޑްރޯން ހަމަލާއެއްގައި ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑްގެ ސްޕޯކްސްމަން ވަނީ ބުނެފިއެވެ.

މިކަމާ ގުޅިގެން އެމެރިކާގެ އާރމީ މޭޖަރ ޖޯން ރިގްސްބީ ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ އަލްގައިދާގެ އިސް މީހަކު މަރާލުމާއި ގުޅިގެން އަލްގައިދާގެ ޖަމާއަތް މިހާރު ވާނީ އިތުރަށް ބަލިކަށިވެފައިކަމަށެވެ. އަދި މިދިން ޑްރޯން ހަމަލާއަކީ، މައުސޫމް ބަޔެއްގެ ފުރާނަ ގެއްލުވާލުމަށް އެޖަމާއަތުން ރާވާ ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ދިން ހަމަލާއެއް ކަމުގައިވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

އެމެރިކާއިން ޑްރޯން ހަމަލާއެއްދިންކަން މީގެ ދެދުވަސްކުރިން ވަނީ ހާމަކޮށްފައެވެ. އަދި އެމެރިކާއިން މި ހަމަލާ ދީފައިވަނީ ސީރިޔާގެ ދެކުނުގައިވާ އެމެރިކާގެ އަސްކަރީ ކޭމްޕަކަށް އަލް ގައިދާއިން ހަމަލާދީފައިވަނިކޮށެވެ.

އެމެރިކާއިން މިދިން ހަމަލާއަކީ މީގެ ކުރިން ފާއިތުވެ ދިޔަ ސެޕްޓެމްބަރ މަހުގެ ފަހުން ސީރިޔާގައި ހަރަކާތްތެރިވާ އަލްގައިދާ އާ ދެކޮޅަށް ދިން ދެވަނަ ހަމަލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން