ސީރިޔާގެ ވެރިރަށް، ދިމިޝްޤުގެ މިލިޓަރީ ބަހަކަށް ދިން ބޮމުގެ ޙަމަލާއެއްގައި 14 މީހުން މަރުވެއްޖެއެވެ.

ސީރިޔާގެ ސަނާ ނޫސް އެޖެންސީއާ ހަވާލާދީ ބީބީސީން ބުނެފައިވަނީ، މި ބަހުގައި ހަރުކޮށްފައިވާ ދެ ބޮން ގޮއްވާލާފައިވަނީ ޖިސްރު އަލް-ރައީސް ބްރިޖްގެ ދަށުން ބަސް ދަތުރު ކުރަމުން ދަނިކޮށްކަމަށެވެ. މި ބޮމުގެ ހަމަލާގައި ސިފައިންގެ ތެރެއިން 14 މީހުން މަރުވެ، އިތުރު 3 މީހަކަށް ވަނީ އަނިޔާވެފައެވެ.

ބޮން ގޮއްވާލި ސަރަހައްދުން ސީރިޔާ ސިފައިންގެ އިންޖިނިއަރުން ވަނީ އެހެން ބޮމެއް ވެސް ހޯދާފައެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާއަތަކުން އަދި ނަގާފައެއް ނުވެއެވެ. ސަރުކާރުން ބުނީ މިއީ ސިފައިންނަށް އަމާޒުކޮށްދިން ވަރުގަދަ ޓެރަރިސްޓް ހަމަލާއެއް ކަމަށެވެ.

ދިމިޝްކުގައި ދިން މި ބޮމުގެ ހަމަލާއަކީ 2017 ވަނަ އަހަރުގެ މާޗް މަހުގެ ފަހުން އެ ސިޓީގައި ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބަސް ގޮއްވާލިތާ ގަޑިއެއްހާއިރު ފަހުން، ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް އިދްލީބުގެ އަރީހާއަށް ވެސް ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާގައި 12 މީހުން މަރުވެފައިވާއިރު، ރެސްކިއު ޓީމުން ބުނީ ހަމަލާގައި 30 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

މަރުވިކަން ކަށަވަރުވެފައިވާ މީހުންގެ ތެރޭގައި ސްކޫލަށް ދިޔަ މަގުމަތީގައި މަރާލި ހަތަރު ކުޑަކުދިންނާއި ޓީޗަރަކު ވެސް ހިމެނޭ ކަމަށް އދ. ގެ ކުޑަކުދިންގެ ޖަމިއްޔާ، ޔުނިސެފުން ބުނެފައި ވެއެވެ.

ސީރިޔާގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން