ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ހިންދޫ ބަޔަކު އެ ދީނުގައި ފާހަގަކުރާ ފެސްޓިވަލެއްގައި ކީރިތި ޤުރުއާންގެ ހުރުމަތްކެނޑޭގޮތަށް އަމަލުކުރުމާއި ގުޅިގެން ހިނގަމުންދާ ދީނީ ހަމަނުޖެހުންތަކުގައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.

ބަންގްލަދޭޝްގެ ޑިސްޓްރިކްޓެއްކަމުގައިވާ ކަމިލާގައި، ފާހަގަކުރި ދުރުގާ ޕޫޖާ ފެސްޓިވަލްގެ ތެރެއިން އެމީހުން އަޅުކަންކުރަމުން އަންނަ ކަލާނގެއެއްގެ ފައިދަށަށް ކީރިތި ޤުރުއާން ލުމަށްފަހު ނަގާފައިވާ ފޮޓޯއެއް ދާދި ފަހުން ވަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފައެވެ. މިކަމާ ގުޅިގެން ބަންގްލަދޭޝްގެ މުސްލިމުން ވަނީ ނުރުހުން ފާޅުކޮށް، ހިންދޫއިން އަޅުކަންކުރާ ފައްޅިތައް ހަލާކުކުރަން މަސައްކަތްކޮށްފައެވެ.

މިހަމަނުޖެހުންތަކުގައި ހިންދޫ ދީނުގެ ދެމީހަކު މަރާލާފައިވާއިރު، މި މައްސަލައިގައި މަދުވެގެން 300 މީހުން ހައްޔަރުކޮށްފައިވާކަމަށް ބަންގްލަދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ. އަދި މިހަމަނުޖެހުންތަކުގައި މަދުވެގެން 6 މީހުން މަރުވެފައިވާއިރު 100 އަށްވުރެ ގިނަ މީހުންނަށް ވަނީ ތަފާތު އެކުވަރުގެ ޒަޚަމްތައް ލިބިފައެވެ.

ބަންގްލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގަައި ހޮނިހިރު ދުވަހު ފައްޅިއެއއ ކައިރީގައިވާ ކޯރަކުން ހިންދޫއެއްގެ ހަށިގަނޑު ފެނުމާ ވުޅިގެން އެކަމުގައި ބައިވެރިވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެޑިސްޓްރިކްޓްގެ ޕޮލިސް ޗީފް ޝާހިދުލް އިސްލާމް ވަނީ ބުނެފައެވެ.

މިއަދު ހިނގި ހަމަނުޖެހުންތަކުގައި ވެސް ހަތަރު މީހުން ވަނީ މަރުވެފައެވެ. މިމީހުން މަރުވެފައިވަނީ ހިންދޫ ފައްޅިއަކަށް އަމާޒުކޮށް ހަމަލާ ދިނުމަށް މަސައްކަތްކުރަމުންދިޔަ ގިނަ އަދަދެއްގެ މީހުންނަށް އަމާޒުކޮށް ފުލުހުން ބަޑިޖެހުމުންނެވެ.

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިވެސް މި ހަމަނުޖެހުންތައް ކުރިއަށްދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ފުލުހުން އަންނަނީ ކަރުނަ ގޭހާއި ރަބަރު އުންޑަ ބޭނުންކުރަމުންނެވެ.

ކީރިތި ޤުރުއާންގެ ހުރުމަތް ކަނޑާލައި އިސްލާމްދީނަށް ފުރައްސާރަކުރި މީހުން ހައްޔަރުކޮށް އެމީހުންނަށް އަދަބު ދިނުމަށް އިސްލާމީ ޖަމާއަތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ބަންގްލަދޭޝްގެ އާބާދީގެ 10 އިންސައްތައަކީ ހިންދޫންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން