މަރިޔަމް ލައިޝާ   17 އޮކްޓޯބަރު 2021 - 13:33
ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން ސައުދީ އަރަބިއާގައި މާސްކު އެޅުން ނިމުމަކަށް ގެނެސްފިއެވެ.



މި ނިންމުން ނިންމާފައިވަނީ ސައުދީ އަރަބިއާއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް ބޮޑުތަނުން ދަށަށް ދިއުމާއެކު، ވެކްސިން ޖަހާފައިވާ މީހުންގެ އަދަދުވެސް އިތުރުވެފައިވާތީކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ.

އެގޮތުން އާންމުން އެއްވެ އުޅޭ ތަންތަނުގައި މާސްކު އެޅުން މަޖުބޫރު ނޫން ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީން ބުނީ ހަފުލާތަކާއި އާންމު ދަތުރުފަތުރުގައި ވެސް ގައިދުރުކަން މިހާދު ނޯންނާނެ ކަމަށާއި، ހޮޓާތަކާއި، ރެސްޓޯރެންޓްތައް އަދި ވަލީމާތަކުގައި ގައިދުރުކަމަށް ސަމާލުކަން ދޭން ނުޖެހޭނެކަމަށެވެ.

މީގެއިތުރުން، ސައުދީން ދޭން ނިންމާފައިވާ ލުއިތަކުގެ ތެރޭގައި މައްކާގައި ހުންނަ މަސްޖިދުލް ހަރަމް އަދި މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީގެ ޖާގައާއި އެއްވަރަށް އެމިސްކިތްތަކަށް ވަދެވޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ. އަދި ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކުން މިސްކިތުގައި ގައިދުރުކަން ބަހައްޓަން ނުޖެހޭނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ސައުދީ އަރަބިއާގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުން އެގައުމުން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ 547,845 މީހުންނަށް ކަމަށެވެ. އަދި މި ބަލީގައި ޖުމްލަ 8,758 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން