ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު
ގޭގައި ހުންނަން ބޭނުންވިޔަސް ސަލާމަތީ ބާރުތަކުން އެކަމަށް ހުއްދައެއް ނުދޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


ހަތަރު މަހެއްހާ ދުވަހު ރާއްޖޭން ބޭރުގައި އުޅުއްވުމަށްފަހު ރާއްޖެ ވަޑައިގަތް ރައީސް ނަޝީދު ހުންނަވަނީ ހޮޓެލް ޖެންގައެވެ. އެކަމާގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަމިއްލަ ގެކޮޅުގައި ހުންނަވަން ބޭނުންފުޅުވިޔަސް ސަލާމަތީ ބާރުތަކުން އެކަމަށް ހުއްދަ ނުދޭ ކަމަށެވެ. އަދި އެމަނިކުފާނުގެ ސަލާމަތާއި ގުޅޭގޮތުން އެންމެ ބޮޑަށް ސުވާލު އުފައްދަވަނީ ދެ ދަރިން ކަމަށާއި، ކޮންމެ ފަދަ ސެކިއުރިޓީއެއް ދީގެންވެސް ސަލާމަތީ ކަންކަން ކަށަވަރު ކުރުމަކީ ދެކުދިން އެންމެ ބޮޑަށް އެދޭކަންތައް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑެއް ސެކިއުރިޓީގެ މަސައްކަތެއް ނުހިންގަން، ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ޑިފެންސް މިނިސްޓްރީގެ ޒިންމާއެއް، އަޅުގަނޑުވެސް އާންމު ޤާނޫނުތަކަށް ތަބާވާން ޖެހޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން އެނބުރި ފުރާ ދުވަސް ބުނެވެން ނެތް ކަމަށާއި، ތިން ދުވަސްކަމަށް ބުނީ ނޫސްވެރިން ކަމަށެވެ. އަދި ފުރާދުވަސް ހާމަކުރުން ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެއީ އެެއްވެސް ތަނެއްގަ އަޅުގަނޑު ދެއްކި ވާހަކައެއް ނޫން. މިއީ އަޅުގަނޑު ރާއްޖެ އައިތާ 3 ވަނަ ދުވަސް. މިއަދު ފުރާ ގޮތަކަށް ހަމަޖެހިފައެއް ނެތް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނު ހޮޓެލް ޖެންގައި ހުންނެވީ ސަރުކާރުން ހަމަޖައްސާ ގޭގެ މަސައްކަތް ނިމެންދެން ކަމަށާއި، ހޮޓެލް ޖެންގައި ހުރުމުގެ ކަންކަން ބަލަހައްޓަމުން ދަނީ ސަރުކާރުން ކަމަށެވެ.

އިނގިރޭސިވިލާތަށް ރައީސް ނަޝީދު ވަޑައިގަތީ މޭމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހުއެވެ. އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު ދުބާއީގައި އޮތް އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ދުބާއީއަށް ވަޑައިގެންނެވިއެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގަތީ އެ ދަތުރުފުޅަށްފަހު ދުބާއީންނެވެ.

4 މަހަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ ސެކިއުރިޓީ ކަންކަމާއިމެދު އެމަނިކުފާނުގެ އަރިސް ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު ވެސް ވަނީ އެމަނިކުފާނުގެ ސަލާމަތީ ކަންކަމާމެދު ސުވާލު އުފައްދަވާފައެވެ.

ރައީސް ނަޝީދު މާލެ ވަޑައިގެންނެވިރު އެމަނިކުފާނު ހުންނެވުމަށް ދަޢުލަތުން ހަމަޖައްސަވާފައިވާ މ. މުރައިދޫގެ މަރާމާތުކޮށް އަދި ނިމިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު