ތާލިބާންގެ ޑެޕިޔުޓީ ލީޑާރ އަބްދުލްޣަނީ ބިރާދަރު
ތާލިބާންގެ ޑެޕިޔުޓީ ލީޑާރ އަބްދުލްޣަނީ ބިރާދަރު
ތާލިބާންގެ ޑެޕިއުޓީ ލީޑަރ އަދި މިހާރު އަފްޣާނިސްތާނުގައި އެކުލަވާލައިފައިވާ އައު ސަރުކާރުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ މުއްލާ އަބްދުލްޣަނީ ބިރާދަރު މަރުވިކަމަށް ދެކެވޭ ވާހަކަ އޭނާ ދޮގުކޮށްފިއެވެ.

އަފްޣާނިސްތާނުގައި ތާލިބާނުން އައު ސަރުކާރެއް އެކުލަވާލުމަށްފަހު އެ ސަރުކާރުގެ ކެބިނެޓަށް ހޮވާފައި ތިބި މީހުންގެ ތެރެއިން މިހާތަނަށްވެސް ބިރާދަރު ފެނިފައި ނުވާތީ މީޑިއާތަކުން ވަނީ މިކަމާ ސުވާލު އުފައްދާފައެވެ. އަދި މި ސަބަބާހުރެ ބިރާދަރު ވަނީ މަރުވެފައިކަމަށް ގިނަ ބަޔަކަށް ހީވެ، އެވާހަކަ ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ.

ނަމަވެސް މިވާހަކަތައް ދޮގުުކޮށް އަފްޣާނިސްތާނުގެ ނެޝަނަލް ބްރޯޑްކާސްޓަަރއަށް ބިރާދަރު ވަނީ އިންޓަރވިއުއެއް ދީފައެވެ. މި އިންޓަރވިއުގައި އޭނާ ބުނެފައިވަނީ ކާބުލުން ދަތުރުކުރަމުންދާ ކަމަށާއި، އޭނާ ހުރީ ރަނގަޅު ސިއްހަތެއްގައި ހެޔޮހާލުގައި ކަމަށެވެ.

އަފްޣާނިސްތާނުގެ ބާރު ތާލިބާނުން ހޯދިތާ މާ ގިނަދުވަސްތަކެއް ނުވަނީސް ތާލިބާނުންގެ ތެރޭގައި ބައިބައިވުންތައް އުފެދިފައިވާ އަޑުތައް އަންނަނީ ފެތުރެމުންނެވެ. އެގޮތުން ތާލިބާނުން މިހާރު އެކުލަވާލާފައިވާ ސަރުކާރުގެ ކެބިނެޓްގައި ބާރުތައް ބެހިފައިވާ ގޮތާއި މެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާކަމަށާއި އަދި އެމެރިކާގެ މައްޗަށް ކުރި ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ކޮން ބައެއްކަމާއިމެދު ހިޔާލު ތަފާތުވުންތަކެއް ވެސް އުފެދިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މިކަން ދޮގުކޮށް މި އިނޓަރވިއުގައި ބިރާދަރު ބުނީ ތާލިބާނުންގެ ތެރޭގައި ބައިބައިވުން އުފެދިފައި ނުވާކަމަށާއި، މީޑިއާތަކުގައި ފަތުރަމުން އެދަނީ ދޮގުވާހަކަތަކެއް ކަމަށެވެ. މީގެ އިތުރަށް ބިރާދަރު ބުނެފައިވަނީ ތާލިބާނުންނަކީ ބޮޑު އާއިލާއެއްކަމަށާއި، ކަންބޮޑުވާންޖެހޭ އެއްވެސް މައްސަލައެއްނެތް ކަމަށެވެ.

ތާލިބާނުން ވަނީ ބިރާދަރު ކަންދަހާރުގައި ކުރިޔަށްގެންދިޔަ ބައްދަލުވުމެއްގެ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. ބިރާދަރަކީ ޠާލިބާނުންނާއި އެމެރިކާއާ ދެމެދު ކުރިޔަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާއެވެ.

ބިރާދަރަކީ ތާލިބާނުން އަފްޣާނިސްތާނުގައި އެކުލަވާލާ އައު ސަރުކާރުގެ އެންމެ އިސްމީހާ ކަމަށް ކުރިން ބެލލެވިފައިވީ ނަމަވެސް އައު ސަރުކާރު އެކުލަވާލިއިރު ބިރާދަރަކީ އެ ސަރުކާރުގެ ދެވަނައަށް އެންމެ އިސްމީހައެވެ. އަދި ތާލިބާނުން އައު ސަރުކާރު އެކުލަވާލިފަހުން އާންމުންގެ ތެރެއިން ބިރާދަރު ފެނިފައެއްނުވެއެވެ. މީގެއިތުރުން، ގަތަރުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރި އަފްޣާނިސްތާނު ސަރުކާރުގެ ޓީމުން ވެސް ބިރާދަރު ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން