ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން
ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން
ރާއްޖޭގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހާރަކާތްތެރިވާކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުރާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރުމަށް ހައިކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން މިއަދު ބުނީ ހައި ކޯޓުން އަމީންގެ މައްސަލައިގައި ނިންމާފައިވާ ގޮތާއިމެދު އެ އޮފީހުން ހިތްހަމަ ނުޖެހޭތީ އެމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 26 ވަނަ (ފ) މާނަކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށް ދެކޭ ކަމަށާއި، އެ ގާނޫނުގެ 1-28 ގައި ބަޔާންކޮށްފައިވާ ތަހުގީގު ކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކަށް ހައިކޯޓުގެ ނިންމުމުގައި ރިއާޔަތްކޮށްފައި ނުވާކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމާއި ދައުވާކުރުމުގެ ހާއްސަ މުއްދަތުތަކެއް ގާނޫނުގައި ކަނޑައެޅުމުގެ މަގުސަދު ގެއްލޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ބަންދުގައި ހުރި އަމީން މިނިވަންކުރުމަށް ހައިކޯޓުން ހުކުމްކުރީ އޭނާގެ މައްޗަށް ކުރާ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާ، މުއްދަތުގެ ތެރޭގައި ކޯޓަށް ހުށަހަޅާފައި ނުވާތީއެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރަން އަންގާފައެވެ. އަނެއްކޮޅުން އޭނާ ބަންދުގައި ހުންނަތާ ދޮޅު އަހަރު ވެއްޖެއެވެ.

ހައި ކޯޓުން މިހުކުމް އައިސްފައި މިވަނީ ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ ކުރިން އަމީންގެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކެއް ބަލައިނުގަތުމުން އެ ނިންމުން ހައި ކޯޓަށް ހުށަހެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން، އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައި އެ ކޯޓުން ކުރި އަމުރަކާއި ގުޅިގެނެވެ.

ރާއްޖޭގައި އުޅޭ އައިއެސްގެ އެންމެ އިސް މީހަކީ އަމީންކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވާއިރު އޭނާއަކީ 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ބޮން ގޮއްވި މައްސަލާގައި ތުހުމަތު ކުރެވުނު މީހެކެވެ. އަދި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް އަމީން ވަނީ ހިމަނައިފަ އެވެ. އޭނާ އަކީ އެ ލިސްޓުގައި ހިމެނި ފުރަތަމަ ދިވެއްސެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން