އެމްއާރުއެމްގެ ލީޑަރޝިޕް
އެމްއާރުއެމްގެ ލީޑަރޝިޕް
ރައީސް މައުމޫންގެ އިސްލާޙީ އެޖެންޑާއަކީ ރާއްޖެ ޑިމޮކްސީއަށް ކުރި ދަތުރުގެ ފެށުން ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ބުނެފިއެވެ.

ރައީސް މައުމޫންގެ އެމްއާރުއެމް އިން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައިވެސް ޑިމޮކްރަސީއަށް ކުރެވުނު، އަދި ކުރެވެމުންދާ މަސައްކަތަކީ ބުރަ އަދި ނުހަނު ދިގު މަސައްކަތެއް ކަމަށެވެ. އެގޮތުން ރާއްޖެ ޑިމޮކްރަސީއަށް ކުރަމުން އައި ދަތުރުގެ ފެށުމުގެ ގޮތުގައި ފާހަގަކުރެވެނީ، 2004 ވަނަ އަހަރުގެ ޖޫން 09 ވަނަ ދުވަސް ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

"އެދުވަހުގެ ރޭ، އޭރުގެ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިޢުލާނު ކުރެއްވި އިސްލާހީ އެޖެންޑާގެ ދަށުން ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް މަގުކޮށައިދިނެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

އެމްއާރުއެމް އިން ބުނެފައިވަނީ އިސްލާހީ އެޖެންޑާއިން މަގުފަހިކޮށްދިން އެންމެ މުހިންމު އެއް ކަމަކީ، ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް ސިޔާސީ ކަންކަމާ މެދު އާންމުންގެ މެދުގައި ޚިޔާލު ފާޅުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ގައުމުގައި އޭރު ހުރި މައްސަލަތައް ހައްލުކުރުމަށް މަގުޗާޓެއް އެކުލަވާލައި ސިޔާސީ ގޮތުން ބޮޑެތި އިސްލާހުތަކެއް އޭގެ ދަށުން ގެނެސް، ސިޔާސީ ޕާޓީތައް ރާއްޖޭގައި އުފެދިގެން ދިޔަކަން އެމްއާރުއެމުން ފާހަގަ ކޮށްފައިވެއެވެ.

"ދިވެހި ރައްޔިތުން ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެންމެބޮޑު ކާމިޔާބީއެއް ލިބިގެންދިޔައީ 07 އޮގަސްޓް 2008 ދުވަހުގެ ރެއެވެ. މިހާރު މި އޮތް ފެހި ޤާނޫނުއަސާސީ ތަސްދީޤުކުރުމާއި އެކު އެޤާނޫނުއަސާސީގެ ދަށުން ޑިމޮކްރަސީގެ ހަމަތަކުގެ މަތިން ސުލްޙަވެރި ސިޔާސީ ހަރަކާތް ހިންގުމުގެ ފުރުސަތު ދިވެހިންނަށް ލިބިގެންދިޔައެވެ." އެމްއާރުއެމްގެ ބަޔާނުގައި ވެއެވެ.

ދިވެހި ރައްޔިތުންނަކީ ޑިމޮކްރަސީގެ ހަމަތަކަށް ލޯބިކުރާ ބައެއްކަން ހާމަވެގެންދިޔައީ އާ ޤާނޫނުއަސާސީއަށްފަހު ވޭތުވެދިޔަ އަހަރުތަކުގައި ބޭއްވި އިންތިޚާބުތަކުން ކަމަށާއި، އެ އިންތިޚާބުތަކުގައި ދިވެހި ރައްޔިތުންވަނީ އެ ރައްޔިތުންނަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ވޯޓު ލުމުގެ ހައްޤުގެ ބޭނުންކޮށް އެ ރައްޔިތުންގެ ބަސް އިއްވާފައި ކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބަކީ ރާއްޖޭގައި ނެތެމުންދިޔަ ޑިމޮކްރަސީގެ ހަމަތައް އަލުން އިޔާދަކޮށް ޑިމޮކްރަސީގެ މަގުގައި ކުރިއަށް ދިއުމަށް ދިވެހި ރައްޔިތުން ނިންމި މުހިންމު ނިންމުމެއް ކަމަށާއި، އެއީ ދިވެހި ރައްޔިތުންނަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

އެމްއާރުއެމުން ބުނީ ޑިމޮކްރަސީއަކީ ހަމައެކަނި ވޯޓު ލުމުގެ ހައްޤު ނޫން ކަމަށާއި، ފުރިހަމަ ޑިމޮކްރަސީއަކަށް، އޭގެ ހަމަތައް ނަގަހައްޓާ ދަމަހައްޓާނޭ ސިޔާސީ ލީޑަރުން ބޭނުންވާ ކަމަށެވެ. އަދި ކުރީގެ ސަރުކާރުގެ ކޮރަޕްޝަނާއި އަނިޔާވެރިކަމަކީ ޑިމޮކްރަސީގެ ހަމަތަކުގެ ބޭރުން ހިނގި ކަންކަން ކަމަށް އެމްއާރުއެމުން ވަނީ ބުނެފައެވެ.

"އެހެންނަމަވެސް ބައިނަލްއަޤުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން ދާއިރު ރާއްޖޭގައި މިހާރު އޮތް ސަރުކާރުން ޑިމޮކްރަސީ ނެގެހެއްޓުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރާނޭކަން މިޕާޓީން ކަށަވަރުކުރަމެވެ. އަދި އެކަމަށް ދޭންޖެހުނު ކޮންމެ އެއްބާރުލުމެއް ދިނުމަށް އެމް.އާރް.އެމް އިން ތައްޔާރަށް ތިބިކަން ފާހަގަކުރަމެވެ." އެމްއާރުއެމްގެ ބަޔާން ނިންމަވާލައްވަމުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން