ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް، އިންޑޮނޭޝިޔާގައި ޓޫރިސްޓުންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމުގައިވާ ބާލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފިއެވެ.

ލުއި ދިން ނަމަވެސް އެހެން ގައުމުތަކުން ބާލީއަށް އަންނަ ފަތުރުވެރިން އަމަލުކުރަންޖެހޭ ހަރުކަށި ގަވައިދުތަކެއް އެކުލަވާލާފައިވާނެކަމަށް އެގައުމުގެ ސީނިއަރ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މިއީ ކޮވިޑްގެ އައު ވޭރިއަންޓްތައް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުުންނެވެ.

ވަރޗުއަލްކޮށް ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑޮނޭޝިޔާގެ މެރިޓައިމް އަދި އިންވެސްޓްމަންޓް މިނިސްޓަރ ވިދާޅުވީ ފަތުރުވެރިންނަށް ބާލީއަށް ދެވޭނީ އިންޑޮނޭޝިއާގެ ސަރުކާރުން ގަބޫލުކޮށްފައިވާ ފޯނު އެޕްލިކޭޝަނަކުން ވެކްސިން ފުރިހަމަކޮށްފައިވާކަން ވެރިފައި ކުރުމުންކަމަށެވެ.

އެހެން ގައުމުތަކުން ބާލީއަށް އަންނަ ފަތުރުވެރިންނަށް އެރަށަށް އެރޭނީ 8 ދުވަހުގެ ކަރަންޓީނު މުއްދަތު ހަމަކުރުމަށްފަހުއެވެ. އަދި އެރަށަށް އެރުމުގެ ކުރިން 3 ޕީސީއާރު ޓެސްޓް ހައްދަންޖެހޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަންތައްތަކާ ޚިލާފުވާ ފަތުރުވެރިންނާމެދު ހަރުކަށި ފިޔަވަޅު އެޅޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ނޫސް ކޮންފެރެންސްގައި ވާހަކަދައްކަވަމުން އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރ ވިދާޅުވީ ބޯޑަރ ސަރަހައްދުގައި އަދިވެސް އަމަލުކުރަމުން އަންނާނީ ހަރުކަށި ގޮތަްތަކަށްކަމަށެވެ. އެގޮތުން ގައުމަށް ވަންނަ ތަންތަނުގައި ޓެސްޓްކުރުންތައް ކުރިޔަށްދާއިރު ކަރަންޓީނުވާންޖެހޭނެކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިޔާގައި 4 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބަލީގައި މަރުވި މީހުންގެ އަދަދު 138،000 އަށް އަރައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން