ދިވެހިރާއްޖެއަކީ ކުދިކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް ބިނާވެގެންވާ ގައުމަކަށްވާތީ، ކޮންމެކަހަލަ ބޭނުމެއްގައި ވިޔަސް ވިއުގައެއް ބިނާކުރުމަކީ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިނުލާ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ވަކިން ހާއްސަކޮށް މުވާސަލާތީ ބޭނުންތަކަށް ވިއުގައެއް ބިނާކުރުމުގައި ގޮންޖެހުންތައް އިންތިހާއަށް ބޮޑެވެ. އެއީ ކޭބަލްގެ ޒަރީއާއިން، ނުވަތަ މައިކޮރޯވޭވް ވިއަސްމެއެވެ. ޓެލެކޮމް ވިއުގައެއް ބިނާކުރުމުގައި ބޭނުންކުރެވޭ ދެގޮތުގެތެރޭގައި ހިމެނޭ މައިކޮރޯވޭވް ޑިޖިޓަލް ރޭޑިއޯ އަކީ ދިވެހިރާއްޖޭގައި އެއްމެގިނައިން މިފަދަ ވިއުގަ ބިނާކުރެވޭ ގޮތެވެ. މިގޮތް ބޭނުންކުރަނީ އާންމުގޮތެއްގައި އެއްރަށާއި އަނެއްރަށް ގުޅާލުމަށެވެ. ސަބަބަކީ ކޭބަލުން ރަށްތައް ގުޅާލުމަކީ ވަރަށްވެސް އަގުބޮޑު އަދި ބެލެހެއްޓުމުގެ ޚަރަދާއެކު ނުލާހިކު ބިޔަ ބޮޑު އިންވެސްޓްމަންޓަކަށް ވެގެންދާނެތީއެވެ.


މިގޮތަށް ކޭބަލާއި ނުލައި ރަށްތައް ގުޅާލުމަށްޓަކައި އުސް ކޮމިއުނިކޭޝަން ޓަވަރ ތަކެއް ގާއިމް ކުރަން ޖެހެއެވެ. އެއީ ވަކިވަކިރަށްތައް ގުޅާލުމަށްޓަކައެވެ. އެއްފަސް ރަށްތަކެއް ކަމުގައިވަނީނަމަ، ކޭބަލުން ގުޅާލުމަކީ ފަސޭހައިންކުރެވެން އޮއްނަކަމެކެވެ. އެގޮތުން އައްޑު އަތޮޅުގެ ގިނަރަށްތަކެއް ގުޅައިލެވިދާނެއެވެ. ހަމަ އެހެންމެ، ލާމުގެ ގިނަރަށްތައްވެސް މިގޮތަށް ގުޅައިލެވިދާނެއެވެ. މާލެސިޓީ މިވަގުތުދަނީ މިދެންނެވިގޮތަށް ކޭބަލުން ގުޅާލެވެމުންނެވެ.

ރާއްޖޭގެހުރިހާ ރަށެއްގައިވެސް މިދެންނެވި ޓަވަރުތައް ފެންނަންހުންނާއެވެ. ބައެއްރަށްރަށުގައި ދެޓަވަރު، ނުވަތަ ތިންޓަވަރުވެސް ޖަހާފައި އެބަހުށްޓެވެ. މޮބައިލް ސިގްނަލް މުޅިސަރަހައްދަށް ފޯރުކޮށްދިނުމަށްޓަކައި ޓަވަރުތައް ބޭނުންވެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ރާއްޖެކަހަލަ ފަސްގަޑުކުދި ރަށްތަކުގައި މިފަދަ ގިނައަދަދެއްގެ ޓަވަރުތައް ނުޖަހާވެސް ފަރުޖެއްސިދާނެއެވެ. ކޮންމެ އޮޕަރޭޓަރަކަށް ވަކިޓަވަރެއް ހުރުމަކީ ކޮންމެހެން ލާޒިމްކަމެއްނޫނެވެ. އެއްޓަވަރުން ހުރިހާ އޮޕަރޭޓަރުންނަށްވެސް ބޭނުން ކުރެވިދާނެއެވެ. މިގޮތަށްމިހާރުވެސް ބައެއްރިޒޯޓްތަކަށް ޚިދުމަތް ފޯރުކޮށްދެއެވެ. އެއީ އެރިޒޯރޓް އޮޕަރޭޓްކުރާފަރާތުން އެއްޓަވަރައްވުރެ ގިނައިން ނުޖެހުމަށް ބާރުއެޅުމުންނެވެ.

މިއީކުރެވިދާނެކަމެއްކަން މިއަދު ހުޅުމާލޭގެ ފޭސް ދޭއްގައި ،އެޗް.ޑީ.ސީ އިން ގާއިމްކޮށްފައިވާ ކޮމިއުނިކޭޝަން ޓަވަރުތަކަށް ބަލާލުމުން އެނގިގެންދެއެވެ. އާރބަން ޕުލޭނިންގެ ދަށުން އެޗް.ޑީ.ސީ އިން ދަނީ ޓެލެކޮމްގެ މުޅިއިންފްރާސްޓަރްކްޗަރ ގާއިމް ކުރަމުންނެވެ. މިއީ ރާއްޖޭގައި ފުރަތަމަފަހަރަށް، އޮޕަރޭޓަރުން ފިޔަވައި އެހެން ފަރާތަކުން މިފަދަ ބޮޑުއިންވެސްމަންޓެއް ކުރެވުނު ފަހަރެވެ. މީގެ ސަބަބުން އޮޕަރޭޓަރުންނަށް ނުހަނު ގިނަ ލުއިފަސޭހަތަކެށް ލިބިގެންދާނެކަމީ މިއަދު އޮޕަރޭޓަރުންވެސް ގަބޫލު ކުރާކަމެކެވެ. ހާއްސަކޮށް ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުމުގެ ކަންކަމުގައެވެ.

އެޗް. ޑީ. ސީ އިން މުޅި ޓެލެކޮމް އިންފްރާ ބީނާކުރަމުން ދަނީ މަލްޓި އޮޕަރޭޓަރ ނުވަތަ އެއްފަހަރާ ގިނައަދަދެއްގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ބޭނުންވިއަސް، އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް އެހިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް މުޅިނެޓްވޯކް ޑިޒައިން ކޮށްގެންނެވެ. އަދިވަކިން ހާއްސަކޮށް، މި މަޝްރޫޢު ތަކަކީ އޮފަރޭޓަރުންނަށްވެސް މާލީގޮތުން މަންފާ ކުޑަނުވާނެ ގޮތަށް ބެލުމަށްފަހު، އޮޕަރޭޓަރާއި، ކޮމިނިކޭޝަން އޮތޯރިޓީއާއި އަދި ދާއިރާގެ މިނިސްޓްރީތަކާއި ގުޅިގެން ކުރިޔަށްގެންދެވޭ މަސައްކަތްތަކެކެވެ. 

ކިޔުންތެރިންގެ ހިޔާލު