ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިހާރު ކަންކަން ނިއުޅެމުން މިދާ ގޮތަށް ބަލާއިރު 2018 ގައި އޮތްފަދަ ސިޔާސީ މާހައުލެއް އަލުން ތަޖުރިބާ ކުރަން ބަޔަކު މަސައްކަތް ކުރާ މަންޒަރު އެބަ ތަސައްވަރު ކުރެވެއެވެ. އެކަން އެގޮތަށް ދިމާވާން މެދުވެރިވި އެއް ސަބަބަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އެތެރެ ރޫޅޭ މަންޒަރު ފެނުމުންނެވެ. އިދިކޮޅު ޓީމަށް އެކަން އެގޮތަށް ކުރެވިދާނެ ކަމަށް ފެނުނު މައިގަނޑު ސަބަބަކީ ގަބޫލުކުރަން ދައްޗަސް އެމްޑީޕީގެ އެންމެ ބޮޑަށް ގުޅިފައިވާ ދެ ތަނބު ވަކިވާތަން ފެނުމުންނެވެ. މިދެންނެވި ދެ ތަނބު ދެކޮޅަށް މާބޮޑަށް ފޭވެގެންގޮސް ހެދުނު ބާގަނޑު ބައްދާނުލެވި އުޅެނިކޮށް އިދިކޮޅު ޓީމުން ގޭމް އަނެއް އަތައް އަނބުރާލަން ހިފީއެވެ.


މިދެންނެވި 2018 ގެ ސިޔާސީ މާހައުލު ތަކުރާރު ކުރެވިދާނެ ކަމުގެ ފެހި ސިގްނަލް އިދިކޮޅަށް ދެއްވީ މައިޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. ބެލެވޭ ގޮތުން ރައީސް ނަޝީދު މިހާ ހިސާބަށް ވަޑައިގެންނެވީ ރައީސް ނަޝީދު ކުރިއަށް ކުޅުއްވި ހަކުޅިން އެއްކުޅި ބޭނުންވާ ގޮޅިއަށް ނޫން އެހެން ގޮޅިއަކަށް ކުޅެން ޖެހުމުންނެވެ. ރައީސް ނަޝީދު ކުރިން ޕްލޭން ކުރަށްވާފައިވަނީ ރައީސް ޞާލިހަކީ ވަގުތީ ރައީސަކަށް ވެވަޑައިގެންނެވުމަށެވެ. ކޯލިޝަންގެ ބައިވެރިން އުފައްދާނީ ވަގުތީ ސަރުކާރެއް ކަމަށެވެ. އެސަރުކާރުން ކުރާނީ ރައީސް ޔާމިންގެ ސަރުކާރުން ގޯސްކޮށް ކޮށްފައިވާ ކަންކަން ބެލުމާއި އިންތިގާލީ އިންތިޒާމުތައް ހަމަޖެއްސުމާއި ދާއިމީ ސަރުކާރަށް ފަހިކޮށް، އެސަރުކާރު ދުއްވައި ގަނެވޭނެ ގޮތަށް ކުރީން ބައްދާފައި ހުރި މަގުތައް ހުޅުވައި ކޮށައި އަމާން ކުރުމުގެ މަސައްކަތެވެ. ރައީސް ޔާމީން ބަލިކުރާން ވިއްކި ވާހަކަތަކާއި ވީ ވަޢުދުތައް ފުރިހަމަކޮށް މައްސަލަތައް ބަލައި އެ ލިސްޓުގައި ތިބި މީހުން އެކަހެރިކޮށް ހުރިހާ ގޮތަކުން އިންތިހާބަށް މަގުފަހި ކުރުމެވެ. އެކަމަކު ރައީސް ނަޝީދުގެ ޕްލޭންގައި ވަނީ ރިޔާސީ އިންތިހާބެއް ނޫނެވެ. ރިޔާސީ ނިޒާމެއް ވެސް ނޫނެވެ. ބޭނުންފުޅުވަނީ ނިޒާމުވެސް ބަދަލުކުރާށެވެ. ވެރިކަންވެސް ބަދަލު ކުރަށްވައި ވެރިކަމަށް ވަޑައިގަންނަވާށެވެ.

ސިޔާސީ މަޝްރަހު ދިރާސާ ކުރަށްވާ ފަރާތްތަކުން ބުރަވާ ގޮތުގައި ރައީސް ޞާލިހާއި ރައީސް ނަޝީދާ ދެމެދުގައި އޮތް ހިތްހަމަ ނުޖެހުމަކީ އެއީއެވެ. ކޯލިޝަން ހައްދަވައިގެން އޭރުގެ އިދިކޮޅު ލީޑަރުންގެ ފިކުރާއި ރައީސް ނަޝީދުގެ ވިސްނުންފުޅާ އެންމެ ބޮޑަށް ތަފާތުވަނީ މިކަމުގައެވެ. ކޯލިޝަންގެ ވާހަކަތައް ރައްޔިތުންނަށް ވިއްކެވިއިރު ރައީސް ނަޝީދު ވިދާޅުވަމުން ގެންދެވީ ކޯލިޝަނުން އެކުލަވާލާނީ އިންތިގާލީ ސަރުކާރެއް ކަމަށެވެ. ރައީސް ޞާލިހު ވެރިކަމާ ހަވާލުވެވަޑައިގެން ކަންކުރަންވާނެ ގޮތް ވިދާޅުވެ ދެއްވިއިރުވެސް ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ދައުރުގެ ވަކި ހިސާބަކުން ނިޒާމު ބަދަލުކޮށްލުމެވެ. މަޖިލިސް އިންތިޚާބު ފަސްކޮށްލައްވާފައި އިންތިގާލީ އިންތިޒާމު ތަކެއްގެ ތެރެއިން ބަރުލަމާނީއަށް ފުރޮޅާލައިގެން އަލުން މަޖިލިސް އިންތިޚާބު ބާއްވައިގެން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމަށެވެ. ރައީސް ނަޝީދު ވިދާޅުވަނީ ރާއްޖެއަށް އެންމެ ގުޅޭ ނިޒާމަކީ އެއީ ކަމަށެވެ.

އެކަމަކު ރައްޔިތުން ވޯޓު ދިނީ ގާނޫނު އަސާސީ ބުނާ ގޮތަށް ރައީސް ޞާލިހު ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރެއްވުމަށެވެ. އެމަނިކުފާނު ވަޢުދުތައް ވެވަޑައިގަންނަވަމުން ގެންދެވީ ވެސް ފަސް އަހަރުގެ ދައުރެއްގެ ތެރޭގައި ވަޢުދުތައް ފުއްދެވުމަށް އަމާޒު ހިއްޕަވައިގެންނެވެ. އެވަޢުދުތަކުގައި ހިމެނެނީ އެއްއަހަރު ދުވަހުން ހާސިލު ކުރާނެ ކަންކަމާއި ފަސް އަހަރު ދުވަހުން ހާސިލު ކުރާނެ ކަންކަމެވެ. ސަރުކާރުގެ މެނިފެސްޓޯގައި ވެސް އަދި ސްޓްރެޓީޖިކް އެކްޝަން ޕްލޭން ނުވަތަ ސެެޕްގައި ވެސް ލިޔެފައި އެއޮތީ ހަމަ އެގޮތަށެވެ. ކުރު ރާސްތާއާއި ދުރު ރާސްތާއިން ހާސިލު ކުރާނެ ކަންކަމާއި އެކަންކަން ކުރާނެ ގޮތެވެ. ދެން ކުއްލިއަކަށް އެބުނާ އެންމެ ގާތް އެކުވެރިޔާ ނޫނީ ރަހުމަތްތެރިޔާ ވެރިކަން ކުރަށްވާތަނާއި އެކުވެރިޔާއަށް ވެރިކަމުގައި އެ ލިބިވަޑައިގަންނަވާ އިއްޒަތާއި ގަދަރާއި ޖާހަތާއި ޝާނާ ޝައުކަތު ފެނިވަޑައިގެން ނަމަވެސް އެމަނިކުފާނަށް ހަމަ ކެތެއް ނުކުރެއްވުނެވެ. އަދި އަމުދުން ރައީސް ޞާލިޙު އިތުރު ފަސް އަހަރު ވެރިކަން ކުރަށްވާތަން ބައްލަވާން އެއްގޮތަކަށް ވެސް ފަސޭހަފުޅު ކަމަކަށް ނުވީއެވެ.

އެހެންވީމާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމާއި ޕާޓީގެ ރައީސް ކަމާއި ޝަރުޢީ ދާއިރާގެ ހުރިހާ ބާރަކާއި އިންޑިއާއާމެދު ސަރުކާރުން ބުނަން ޖެހޭހާ ބަހެއް ބުނުމުގެ ބާރު އަތްޕުޅަށް ނަންގަވައިގެން ވެސް އެންމެ ގާތް އެކުވެރިޔާ ގައުމުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި އުޅުއްވާ ގޮތް ބައްލަވާން ހަމަ ކެތެއް ނުކުރެއްވުނެވެ. ބޭނުންފުޅުވީ ކުރީން މިދެންނެވި ބީދައިން އެމަނިކުފާނު ކުރެއްސެވި ޗާޓާއި އެއްގޮތަށް ކަންކަން ކުރިއަށް ގެންދަވާށެވެ. ދައުރުގެ މެދުން އިންތިޚާބެއް ބާއްވައިގެން ނިޒާމު ބަދަލުކޮށްލައިގެން ބޮޑުވަޒީރު ކަމަށް ވަޑައިގަންނަވާށެވެ.

އެގޮތަށް އެކުވެރިޔާ ރުހިވަޑައިނުގެންނެވުމުން ސިޔާސީ ގޮތުން އޮތް ގުޅުން ކަނޑުއްވާލެއްވީއެވެ. އެކުވެރިޔާގެ ބޯހަރުކަމުން އެކުވެރިޔާގެ އަތްޕުޅުން ދޫކޮށްލައްވާން ނިންމެވީއެވެ. މިހާރު މިވީ ގޮތަކީ އެމަނިކުފާނު ވަލުން ދޫކޮށްލެއްވުމުން ދެން ވަލުގައި ހިއްޕަވައިގެން ތިއްބެވި ޕާޓީގެ ބޮޑުންގެ އަތްޕުޅުތައް ވެސް ވަލުން ނައްޓަވާލައްވައިގެން އެބޭފުޅުން ގޮވައިގެން އެކުވެރިޔާ ދޫކޮށްލައްވާފައި ވަޑައިގެންނެވީއެވެ. އެކަމަކު ކަންވީ އެމަނިކުފާނު ހީފުޅުކުރެއްވި ގޮތާއި ދިމާ އިދިކޮޅަށެވެ. ޕާޓީގެ ބޮޑުން އެމަނިކުފާނާއެކު ވަލުން ދޫކޮށްލައްވާފައި ވަޑައިގެންނެވި ނަމަވެސް ކުދިވެރީން ވަލަކުން ދުލެއް ނުކޮށްލިއެވެ. އެކުދިން ވަކިން ބާރަށް، އަންބާކިޔާފައި ވަލުގައި ހިފީއެވެ. އެހެންވީމާ އޮޑި އެއްގަމަށް އަރުވާން މާބޮޑު ތަކުލީފަކަށް ނުވެ އެއްގަމަށް ދަމާލެވުނީއެވެ.

އެކުވެރިޔާ ވަލުން ދޫކޮށްލައްވާފައި ވަޑައިގެން އެދައްކަވާން ފެއްޓެވި ވާހަކަފުޅު ތަކުގެ ސަބަބުން އިދިކޮޅުގައި ތިބި މީހުންނަށް ފެނުނީ މުޅިން އެހެން މަންޒަރެކެވެ. އެވެރީންނަށް ފެންނަން ފެށީ ރައީސް ޔާމިންގެ ވެރިކަން ނިމުމަކަށް ގެނައުމަށް އޭރުގައި ތިބި ހުރިހާ ލީޑަރުން އަތުގުޅާލައިގެން ނުކުތް ގޮތަށް މިފަހަރު އިދިކޮޅުން ދަމާލި "ގުއި ރޯނުގައި" ނިކަން ފަސޭހައިން ބަޔަކު ޖެހޭނެ މަންޒަރެވެ. ނަމަވެސް މަންޒަރު ފެންނަމުން މިދަނީ އެވެރީންނަށް މަންޒަރު ކުރެހުނު ގޮތާއި ދިމާ އިދިކޮޅަށެވެ. ގައުމު ދިފާއު ކުރުމުގެ ލަގަބު ދޭން ވަޢުދުވެގެން ދިން ދަޢުވަތު ވެސް ލީޑަރުން ބަލައެއް ނުގަތެވެ. ގަބޫލެއް ނުކުރިއެވެ.

ޑރ. އިޔާޒު ވިދާޅުވި ފަދައިން ރައީސް ޞާލިހު އެތައް ބަޔަކު ގޮވައިގެން ކުރީގައި ހުންނަވައިގެން ފެއްޓެވި މި އުނދަގޫ ދަތުރު ނިންމަވާލައްވާ ތަންވެސް މިފެންނަނީ އެމީހުންނާއި އެކުގައެވެ. ކަނޑު ކިތަންމެ ގަދަޔަސް އަދި ކިތަންމެ ނުރައްކާތެރި ގޮންޖެހުންތަކެއް ކުރިމަތިވެވަޑައިގެންނެވި ނަމަވެސް އެވެރިން އޮޑިން ބޭރުކޮށްލާފައި ކުރިއަށް ވަޑައިގަންނަވާކަށް ބޭނުންފުޅެއް ނުވިއެވެ. މިއަދު ވެސް އެވިދާޅުވަނީ އެންމެ ފުރަތަމަ ދުވަހުވެސް ވިދާޅުވި ގޮތަށެވެ. އެމަނިކުފާނު މި އޮޑިއަށް އަރާވަޑައިގެންނެވީ އެބޭފުޅުން ދިއްކޮށްލި އަތްތަކާއި ކޮނޑުތަކުގެ މަތީގައި ކަމަށްވާތީ މިއަދު ހުރިހާ ބާރެއް ލިބިވަޑައިގެންފައި އޮތްނަމަވެސް އެމީހުން ދޫކޮށްލައްވާފައި ވަޑައިނުގަންނަވާނެ ކަމަށެވެ. ވާހާލެއްގައި ވާން ވެސް ހުންނަވާނީ އެމީހުންނާ އެކުގައި ކަމަށެވެ.

އެއާއެކު މިހާރު މިފެންނަނީ ކުރީން ހީވެސް ނުކުރާ ކަހަލަ މަންޒަރެކެވެ. 2018 ގައި ރައީސް ޞާލިހު އުފުއްލެވި ޓީމު 2023 ގައިވެސް އެމަނިކުފާނު ގޮވައިގެން ނުކުންނަވާ ކަހަލަ މަންޒަރެކެވެ. މިހާ ހިސާބަށް އައިއިރު އެމަނިކުފާނުގެ ޕާޓީ ވެސް އެވަނީ ދެބަޔަށް ބެހިފައެވެ. އެހެންވީމާ ކުރީގެ ޓީމާއެކު ޕާޓީގެ ބޮޑު ބައެއްވެސް ނުކުންނާނެކަން މިހާރު މިވަނީ ވަރަށް ބޮޑަށް ޔަގީންވެފައެވެ. އަދި ވަކި އެއްޗެކޭ ރަސްމީކޮށް ވިދާޅުނުވި ނަމަވެސް ރައީސް ޞާލިހުގެ ނަންފުޅު 2023 ގެ ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާސްކޮޅުގައި އޮންނާނެއެވެ. އެއީ ޝައްކެއް ވެސް އޮތް ކަމެއްނޫނެވެ.

އެހެންވީމާ އިދިކޮޅުން މިފަހަރު ޖެހި ހިސާބު ވެސް ދިމާވާގޮތެއް ނުވިއެވެ. ރައީސް ނަޝީދު މިފަހަރު ޖެއްސެވި ހިސާބުވެސް ގޯހެވެ. އަދުރޭ ޖެއްސެވި ހިސާބު އަދި މާ ބޮޑަށް ގޯހެވެ.

ކިޔުންތެރިންގެ ހިޔާލު


6

ދުރުމި

11-Aug-2021

ނަޝީދު ކުރިމަތި ލައިގެން ނުވާނެ.


-2

ވަހީދު

11-Aug-2021

އެމް ޑީ ޕީ ބައިވުމުން ރައީސް ސޯލިހު އަށް ރިޔާސީ ޓިކެޓް ގާސިމް އިބްރާހިމް ދެއްވަންވީ ކީއްވެ ތޯ?


7

ޭަސިޔާސީ އެނަލިސްޓް

11-Aug-2021

ރައީސް ނަޝީދު މިހާރުވެސް އެކުޅުއްވަނީ ބަޔައް ހަކުޅި ކުރިޔައް ,ކޯލިޝަން ރޫޅުނަ ނުދޭން ވެގެން އަދާލަތު ,އެމްއާރް އެމް,ޖުމްހޫރީ ޕާޓީ,ވެރިކަންކުރާ މައިޕާރޓީ ވަކިވެގެން ގޮސްފާނެތީ ޖަހާސަކަރާތެއް.އެކަން އެގެނީ ސޯލިިހާ ,ނަޝީދާ ދެމީހުންނަށްއެކަނި.


3

ޭަސިޔާސީ އެނަލިސްޓް

11-Aug-2021

ރައީސް ނަޝީދު މިހާރުވެސް އެކުޅުއްވަނީ ބަޔައް ހަކުޅި ކުރިޔައް ,ކޯލިޝަން ރޫޅުނަ ނުދޭން ވެގެން އަދާލަތު ,އެމްއާރް އެމް,ޖުމްހޫރީ ޕާޓީ,ވެރިކަންކުރާ މައިޕާރޓީ ވަކިވެގެން ގޮސްފާނެތީ ޖަހާސަކަރާތެއް.އެކަން އެގެނީ ސޯލިިހާ ,ނަޝީދާ ދެމީހުންނަށްއެކަނި.


2

ވަޙީދު

11-Aug-2021

ނަޝީދު ހީކުރަނީ ތިމަންނާއީ މުޅި ދިވެހި ޤައުމު ކަމަށް. މިކަލޭގެއާ ހުރެ އެމްޑީޕީގެ އިތުރު މެންބަރަކަށްވެސް ޖާގައެއް ލިބޭކަށް ނެތް. ތީ އޮތީ ސައިޒަށް ކަނޑާލާފައި.


-2

ޟަރީ

11-Aug-2021

މަނިކާރޯއްޖާ ޓިނުއަދުރޭގެ ހިސާބު ދުވަހަކުވެސް ދިމާވެފައިވޭތޯ¿


2

އުއްތަމަ އުސްތާޛް

11-Aug-2021

2018 ގައި ވޯޓުލުން. 2023 ގައި މަގޭ ވޯޓެއް ނުލިބޭނެ ނަން. އޮތަސް ނެތަސް