ޙަމަލާއަށް ފަހު ރައީސް ނަޝީދު
ޙަމަލާއަށް ފަހު ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން 3 މީހަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން ބުނީ، މި ޙަމަލާއާ ގުޅިގެން ހައްޔަރު ކޮށްފައިވާ 4 މީހެއްގެ ތެރެއިން، މުޖާޒް އަޙުމަދާއި، ތަހުމީނު އަޙުމަދާއި، އަދުހަމް އަހުމަދު ރަޝީދު ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށެވެ. އަދި އަލީ ހައިޝަމަށް 30 ދުވަހުގެ ބަންދެއް ޖަހާދީފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.



އެމީހުންގެ މުއްދަތު ޖެހުމާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ، ރައީސް ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ފުރަތަމަ ހައްޔަރުކުރި 4 މީހުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ތަހުގީގީ އަދި ހެކިތަކާ ގުޅޭ ލިއެކިއުންތަކާއެކު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ޚާއްސަ ސަމާލުކަމެއް ދީގެންކަން ސީޕީ ފާހަގަ ކުރެއްވިއެވެ.



ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމް މިއަދު ވިދާޅުވީ، 6 މެއިގެ ހަމަލާގައި ތުހުމަތުވާ 4 މީހެއްގެ ތަހުގީގު ރިޕޯޓް މިއަދު ޕީޖީ އޮފީހަށް ލިބިފައިވާ ކަމަށެވެ. ޝަމީމް ވިދާޅުވީ، 6 މެއިގެ ހަމަލާއާ ގުޅިގެން އިތުރަށް ލިބިފައިވާ ހެއްކާއެކު ތަޙުޤީޤުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.

އަދި ޙަމަލާއާއި ގުޅޭ ގޮތުން ކުރަމުންދާ ތަހުގީގުން ލިބިފައިވާ ކުރިއެރުމާ ގުޅޭ ގޮތުން މައުލުމާތު ހިއްސާ ކުރުމަށް އަންނަ ހޮނިހިރު ދުވަހު ފުލުހުންނާއެކު ޖޮއިންޓް ޕްރެސް ކޮންފަރެންސެއް ބާއްވާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން 6 މެއި ދުވަހުގެރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ.

އެ ޙަމަލާ އަށްފަހު އޭޑީކޭގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވުމަށްފަހު، އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އަދި މިވަގުތު ފަރުވާގެ ކަންކަމުގައި އެމަނިކުފާނު ހުންނެވީ އިނގިރޭސިިވިލާތުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން