އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ވާދަކުރި މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ކޮލިފައިންގައި ރާއްޖެއާއި ޗައިނާ ވާދަކުރި މެޗުގެ ތެރެއިން
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ކާމިޔާބުކޮށްފިއެވެ.

މިއީ އޭއެފްސީ ކަޕުގެ މެޗުތައް ކުޅެން ބިޑަށް ހުޅުވާލައިގެން، ރާއްޖެއިން ބިޑް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ބާއްވާ ބިޑް ރާއްޖެއިން ކާމިޔާބުކުރި ނަމަވެސް އޭއެފްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން މުބާރާތް ކެންސަލް ކޮށްފައެވެ.

މިއަހަރު އެންމެ ފުރަތަމަ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ މެޗުތައް ބޭއްވުމަށް ބިޑަށް ހުޅުވާލުމުން ރާއްޖެއިން މެއިމަހު ވަނީ އެބިޑްވެސް ކާމިޔާބުކޮށްފައެވެ. އެ ފަހަރު ރާއްޖެއިން ބިޑް ކާމިޔާބުކުރީ އިންޑިއާއާ ވާދަކޮށްގެންނެވެ. އަދި އޭއެފްސީން މީގެ ކުރިން އޭއެފްސީ ކަޕުގެ ކޮލިފައިން ޕްލޭއޮފު ތާވަލުކުރީ މެއި މަހުގެ 11 ވަނަ ދުވަހު ރާއްޖޭގެ ކުލަބު އީގަލްސްއާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ގޮތަށެވެ.

ނަމަވެސް އޭއެފްސީ ކަޕް ފަސްކުރަން ޖެހުނީ ޕްލޭއޮފް މެޗުގައި ކުޅެން މާލެއައި ބެންގަލޫރު ޓީމުން ކޮވިޑުގެ އުސޫލުތަކާ ޚިލާފުވުމުންނެވެ. އެ މައްސަލައިގައި އޭއެފްސީ ކަޕުގެ މެޗުތައް ނުބޭއްވުމަށް އަންގާ، ޕްލޭއޮފް މެޗުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ. އަދި މިހާރު އޭއެފްސީ ކަޕުގެ ތާވަލު ރޭވިފައި އޮތްގޮތުން އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް ބާއްވަން ރާއްޖެއިން ބިޑް ކާމިޔާބުކުރިއިރު، މި ގްރޫޕުގެ މެޗުތައް އަންނަ މަހު ކުޅެން ބިޑްކުރާނެ ގައުމެއް ނުވިނަމަ މުބާރާތް ކެންސަލް ކުރުން ގާތް ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ އިތުރުން މި މަހުގެ ފަސްވަނަ ދުވަހުގެ ކުރިން ރާއްޖެއާއި ބަންގްލަދޭޝްއިން ވަނީ މެޗުތައް ބާއްވަން ބިޑްކޮށްފައެވެ. އަދި ބިޑްތައް ދިރާސާ ކުރުމަށްފަހު އޭއެފްސީން ހޯމަ ދުވަހު ވަނީ ރާއްޖޭގައި މެޗުތައް ކުޅުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން