ވެހިކަލް ޕާކުކޮށްގެން ޖޫރިމަނާކުރަންވާނީ ޕާކުކުރަން އެކަށީގެންވާ ޖާގަ ފަހިކޮށްދިނުމަށްފަހުކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވެފައި މިވަނީ ޤަވައިދާ ހިލާފަށް ޕާކުކުރުމުން ލައިސަންސުން ޕޮއިންޓް ކެނޑި ހުސްވާ ޚާއްސަ ޤަވާއިދަކަށް އަމަލުކުރަން ޓްރާންސްޕޯޓުން ހަދާފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެހިކަލް ޕާކިންގއާ ގުޅިގެން ޖޫރިމަނާކުރަންވާނީ ޕާކުކުރަން އެކަށީގެންވާ ޖާގަ ފަހިކޮށްދިނުމަށްފަހުކަމަށެވެ. މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޕާކިންގއަށް ޚާއްސަކޮށްގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުރުޞަތު ދެވެންވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.



ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އައު ޤަވައިދު އާއްމުކޮށްފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިޤަވާއިދަށް ދަނީ އަމަލުކުރަމުންނެވެ.

އައު ޤަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ހިލާފުވާނަމަ ލައިސަންސާއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެކަމަށް ޤަވާއިދުގައިވެއެވެ.

މިޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ.

މީގެއިތުރުން އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. އަދި ބާރަށް ދުއްވުމުގެ ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

ވަންވޭގައި ނުބައިކޮޅަށް ދުއްވުމާއި ޤަވައިދާ ހިލާފަށް ޕާކުކުރުމުންވެސް ލައިސަންސުން ޕޮއިންޓް އުނިވާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން