އަހުމަދު މަސްނޫމް   16 ޖުލައި 2021 - 18:29
އިންޑިއާގެ ކަސްޓަމަރުންނަށް އެމެރިކާގެ މާސްޓަރ ކާޑު ކުންފުނީގެ ކާޑުތައް ހެއްދުން މެދުކަނޑާލައިފިއެވެ.

އިންޑިއާގެ ކަސްޓަމަރުންނަށް މާސްޓަރ ކާޑު ނުހެއްދުމަށް އިންޑިއާގެ ސެންޓްރަލް ބެންކުން އެންގީ، މާސްޓަރ ކާޑު ކުންފުނިން އިންޑިއާގެ ޤާނޫނުތަކާއި ހިލާފުވުމުންނެވެ. އެގޮތުން މައުލޫމާތު ރައްކާކުރަންޖެހޭ އުސޫލުތަކާއި ހިލާފަށް އެކުންފުނިން އަމަލުކޮށްފައިވާކަމަށް އިންޑިއާގެ ކަމާއިބެހޭ ފަރާތްތަކުން ބުނެއެެވެ.

އިންޑިއާގެ ސެންޓްރަލް ބެންކުން އެޅި މިފިޔަވަޅާއެކު މާސްޓަރ ކާޑުގެ، ޑެބިޓް، ކްރެޑިޓް ނުވަތަ ޕްރީޕެއިޑް ކާޑެއް އިންޑިއާގެ އެއްވެސް ފަރާތަކަށް ފޯރުކޮށެއްނުދެވޭނެއެވެ. އަދި މި ފިޔަވަޅު ދެމި އޮންނާނީ ކިހާ މުއްދަތަކަށްކަމެއް ކަމާއިބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ކަންކަން އިސްލާހުކުރުމަށް މާސްޓަރ ކާޑަށް ވަގުތު ދީފައިވާކަމަށް ޚަބަރުތައް ބުނެއެވެ.

އިންޑިއާގެ ޤާނޫނުތައް ބުނާގޮތުން އިންޑިއާގެ ކަސްޓަމަރުންނަށް މާސްޓަރކާޑުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ޑޭޓާ ރައްކާކުރަންޖެހޭނީ އިންޑިއާގައި ހުންނަ ސާވާއެއްގައެވެ. ނަމަވެސް މާސްޓަރކާޑުން އެ އުސޫލާއި ހިލާފުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. އަދި އެކުންފުންޏަށް 6 މަސްދުވަހުގެ މުއްދަތެއް ކަންކަން ރަނގަޅުކުރަން ދީފައިވާކަމަށްވެސް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން