ރާއްޖޭގައި ކޯލިޝަން ނުހަދައި ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ގާނޫނު އަސާސީއަށް ބަދަލެއް ގެނެސްގެން ނަމަވެސް ކޯލިޝަން ނުހަދައި ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދަންޖެހިފައިވާ ކަމަށެވެ. މިހާރު އޮތް ގޮތުން ކޯލިޝަނާއި ނުލައި ވެރިކަން ކުރެެވެން ނެތް ކަމަށް އާޒިމް ވިދާޅުވިއެވެ. ގާނޫނު އަސާސީގައި ބުނާގޮތުން ރިޔާސީ އިންތިޚާބުގައި 50 އިންސައްތަ އަށްވުރެ މަތިން ކެންޑިޑޭޓަކަށް ވޯޓް ނުލިބިއްޖެނަމަ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭ ކަމަށާއި، އިންތިޚާބުގެ ފުރަތަމަ ބުރުން ކާމިޔާބު ހޯއްދަވާ ބޭފުޅަކު އިންތިޚާބު ވާގޮތަށް ގާނޫނު އަސާސީއަށް ބަދަލެއް ގެނައި ނަމަވެސް އެކަން ހައްލުވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

"ނާންނާނެ، އޭރުން ފުރަތަމަ ވެސް ހުރިހާ ބޭފުޅުން ކޯލިޝަން ހައްދަވައިގެން ތިއްބަވާނީ ފުރަތަމަ ބުރަށް ދާއިރު ވެސް ފުރަތަމަ ބުރުން މޮޅުވާ ޕާޓީއެއް މޮޅުވި ގޮތަށް ގާނޫނު އަސާސީއަށް އެބަދަލުގެނެވިދާނެ މިހާރު، ގެނެސްގެން ކޯލިޝަން ނާންނާނެ ގޮތަށް ވިސްނަންވީ ކޯލިޝަން ނެތް ގޮތަކީ މި ރާއްޖެއަށް އަޅުގަނޑު ދެކޭގޮތުގައި އެންމެ މުހިންމު އެންމެ ރަނގަޅު އެއްގޮތް. ތަފާތު ފިކުރުގެ މީހުން އެއްކޮށް އެއްތާކު ތިބެގެން މަސައްކަތެއް ނުކުރެވޭނެ. ކޮންމެ ޕާޓީއެއްގެ ވެސް އެބަހުރި އަސާސްތަކެއް ދެކޭގޮތްތަކެއް ވަކި އުސޫލުތަކެއް އެ އުސޫލުތަކުގެ ތެރޭގައި މިކަންތައް ކުރެވެން އޮތީ އަޅުގަނޑު ދެކޭގޮތުގައި އެއްޕާޓީއެއް އޮވެގެން އެއްފިކުރެއް އޮވެގެން." އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ އާޒިމް ވިދާޅުވީ، ކޯލިޝަން ސަރުކާރާއެކު އެމްޑީޕީގެ އެޖެންޑާ ހިންގުމަށް ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ. ރައްޔިތުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަރ މެޖޯރިޓީ ދިނީ ވަރަށް ބޮޑު އިތުބާރަކާއެކު ކަމަށް އާޒިމް ވިދާޅުވިއެވެ.

"ތަފާތު ފިކުރު އޭގެ ތެރެއަށް ވަދެގެން މުޅި އެތި ހަލާކުވެގެންދާ ވާހަކަ މި ދައްކަނީ. އެހެންވީމަ ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ވައުދުތަކެއްވެ ރައްޔިތުން އެބަޔަކަށް މެޖޯރިޓީ މި ދެނީ، ޕާޓީއަށް މި ލިބެނީ. ލިބިގެން އައިސްފައި ކަންކަން ނުކުރެވެނީ ޕާޓީތަކާއި ހުރިހާ ވިސްނުމެއް އެއްކުރަންޖެހޭތީ. އެއް ވިސްނުމެއްގައި މަސައްކަތް ކުރުން އަޅުގަނޑު ދެކޭގޮތުގައި މިއީ އެންމެ ރަނގަޅު ގޮތް." އާޒިމް ވިދާޅުވިއެވެެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި ބޭއްވި ހުރިހާ ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވިފައިވަނީ ކޯލިޝަން ހަދައިގެން ގިނަ ޕާޓީތަކެއް އެކުވެގެންކަން ފާހަގަކޮށްލެވެއެވެ. ކޯލިޝަން ސަރުކާރެއް ގާއިމްވުމަށްފަހު ޚިޔާލު ތަފާތުވުންތަށް ބޮޑުވެ ސަރުކާރު ކޯލިޝަނުން ޕާޓީތައް ދާދި އަވަހަށް ވަކިވެދަނީ ކޯލިޝަން ހެދުމަކީ ރާއްޖޭގައި މިހާރު އޮތް ނިޒާމު ދަންނަ ގާނޫނީ ސިފައެއް ނޫންކަމަށް ވާތީ ކަމުގައި ގިނަ ބަޔަކު ދެކެއެެވެ.

މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަން ސަރުކާރަކުންނެވެ. މިހާތަނަށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައިވަނީ އެމަނިކުފާނެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ ދެބައިވެ ބޮޑެތި ޚިޔާލު ތަފާތުވުން ތަކެއް އުފެދި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި އިސް ލީޑަރު ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ދެމެދު ސިޔާސީ ގުޅުން ވަނީ ކަނޑާލާފައެވެ. ރަައީސް ނަޝީދު މިހާރު ވަނީ އިދިކޮޅު ޕީޕީއެމާއި ކޯލިޝަން ހެދުމުގެ ޝައުގުވެރިކަންް ފާޅުކުރައްވައި ރައީސް ޔާމިންގެ އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-12

ޫަެެުުުްްއުސާމް

21-Jul-2021

!!!!!!!!!!



ޓްރެންޑިން