ގެސްޓްހައުސްތައް ޗެކްކުރުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ކުރަމުންދާނެކަމަށާއި، މައްސަލަތައް ފާހަގަވެއްޖެނަމަ އެތަނެއް ބަންދުކުރާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މައުސޫމް މިހެން ވިދާޅުވެފައި މިވަނީ ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށްފަހު ރާއްޖެ އެތެރެވެ، ޓްރާންސިޓް ފަތުރުވެރިންގެ ގޮތުގައި ދެކުނު އޭޝިއާގެ ފަތުރުވެރިން ގެސްޓުހައުސްތަކަށް ދާތީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިކަަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ޓޫރިސްޓުންނާއި ގުޅޭ އިންތަކާއި މިންތައް ތަންފީޒުކުރާ މިންވަރު ބަލަން ހޮޓެލް/ ގެސްޓްހައުސްތަކަށް ޓޫރިޒަމް މިނިސްޓްރީގެ ޓީމުތައް ޒިޔާރަތްކުރާނެކަމަށެވެ. އަދި ޗެކުކުރާއިރު ފާސްނުވެއްޖެނަމަ އެތަނެއް ބަންދުކުރުން ނޫން ގޮތެއް ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބަންދުކުރުމަކީ ހައްލެއްނޫން. ބަންދުކުރާކަށް ބޭނުމެއްވެސް ނޫން." މައުސޫމް ވިދާޅުވިއެވެ.



ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިން ބުނީ، ސައްހަ ނޫން ސަފާރީ ބުކިން ދެއްކުމަށް ފަހު ދެކުނު އޭޝިއާގެ ބައެއް ފަތުރިވެރިން ރާއްޖެ އެތެރެވެފައިވާކަމަށެވެ. އެގޮތުން ސައުތު އޭޝިއާ ގައުމުތަކުން އަންނަ ބައެއް ކަރަންޓީނު ޓޫރިސްޓުން މަކަރު ހަދައިގެން ސަފާރީ ބުކިންގެ ގޮތުގައި ރާއްޖެއަށް އެތެރެވުމަށްފަހު، ގެސްޓްހައުސްތަކުގައި ތިބޭކަމަށް އެންބީއޭއިން ބުނެއެވެ.

އެންބީއޭއެމް އިން ބުނީ، އުނދަގުލާއެކު ފަތުރުވެރިކަން ކުރިއަށްދާއިރު ސިނާއަތަށް ގެއްލުން ލިބޭ ކަމެއްގައި ސިނާއަތުގެ އެއްވެސް މީހަކު ބައިވެރިވުމަށް ނޭދޭ ކަމަށާއި އެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އެޅުމަށްވެސް އެންބީއޭއިން ގޮވާލިއެވެ.

ކޮވިޑާ ގުޅިގެން ދެކުނު އޭޝިޔާގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށްފައި އޮތުމަށްފަހު އަންނަ ބުދަދުވަހުން ފެށިގެން އަލުން ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ވަކި އުސޫލެއްގެ ދަށުން ރާއްޖެއަށް އާދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެ ފަރާތްތަކަށް މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކިނެއް ނުވެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން