ވަކި ހާލަތްތަކެއްގައި ޑްރައިވިންގ ލައިސަންސުން ޕޮއިންޓް އުނިވެ، ލައިސަންސް ބާތިލުވާގޮތަށް އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ އައު ގަވާއިދު ގެޒެޓްކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގައި އަމަލުކުރާނެ އައު ޤަވައިދު އާއްމުކޮށްފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިޤަވާއިދަށް ދަނީ އަމަލުކުރަމުންނެވެ.

އައު ޤަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާއިދުތަކާއި ހިލާފުވާނަމަ ލައިސަންސާއެކު ހިމަނާފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެކަމަށް ޤަވާއިދުގައިވެއެވެ.

މިޤަވައިދުގައިވާ ގޮތުން، ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމުގެ ސަބަބުން މީހެއްގެ ފުރާނައަށް ގެއްލުމެއް ލިބިއްޖެނަމަ އެ އުޅަނދު ދުއްވި މީހެއްގެ ލައިސަންސުން 75 ޕޮއިންޓް އުނިވާނެއެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާކުޑަކޮށް ދުއްވައިގެން މީހެއްގެ ހަށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިއްޖެނަމަ 50 ޕޮއިންޓް އުނިކުރާނެއެވެ.

މީގެއިތުރުން އުޅަނދު ދުއްވާ މީހާގެ އަތުން އަހަރެއްގެ ތެރޭގައި 5 އެކްސިޑެންޓަށްވުރެ ގިނައިން އެކްސިޑެންޓް ވެއްޖެނަމަ ކޮންމެ ފަހަރަކަށް 20 ޕޮއިންޓް އުނިކުރަންވެސް ޤަވައިދުގައިވަނީ ހިމަނާފައެވެ. އަދި ބާރަށް ދުއްވުމުގެ ކުށް ތަކުރާރުވާނަމަ ކޮންމެ ފަހަރަކަށް 25 ޕޮއިންޓް ލައިސަންސުން އުނިވާނެއެވެ.

ވަންވޭގައި ނުބައިކޮޅަށް ދުއްވުމާއި ޤަވައިދާ ހިލާފަށް ޕާކުކުރުމުންވެސް ލައިސަންސުން ޕޮއިންޓް އުނިވާނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީ ބުނީ ޤަވައިދުތަކާއި ހިލާފުވެގެން ލައިސަންސްއިން ޕޮއިންޓް ހުސްވެ ލައިސަންސް ބާތިލުވެއްޖެނަމަ އަލުން ލައިސަންސް ނެގޭނީ 6 މަސްދުވަސް ފަހުންނެވެ. އަދި އެމީހަކަށް އަލުން ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާނުގައި ބައިވެރިވެ ފާސްވެގެންނެވެ.

ޤަވައިދުގައިވާގޮތުން ލައިސަންސް ވަގުތީ ގޮތުން ހިފެހެއްޓޭނެ އުސޫލުތަކެއްވެސް ކަނޑައަޅާފައި ވެއެވެ. މިގޮތުން ސްޕީޑް ލިމިޓަށްވުރެ ބާރަށް ދުއްވުމުގެ ކުށް 2 ފަހަރަށް ތަކުރާރުވެއްޖެނަމަ އެމީހެއްގެ ލައިސަންސް 48 ގަޑިއިރަށް ހިފަހައްޓާނެއެވެ. އަދި އެކްސިޑެންޓެއްވެއްޖެނަމަ ތަހުޤީގުގެ ބޭނުމަށް 7 ދުވަހަށް ލައިސަންސް ހިފެހެއްޓުމުގެ ބާރުވެސް އައު ޤަވައިދުގެ ދަށުން ލިބިގެންދެއެވެ.

އައު ޤަވައިދުގައިވާ ގޮތުން ލައިސަންސް ހިފަހައްޓާފައި ވަނިކޮށް ވެހިކަލް ދުއްވައިފިނަމަ އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކުރުމުގެ އިތުރުން ވެހިކަލްވެސް 15 ދުވަހަށް ޓޯ ކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން